ގޫގުލްގެ އިންވެސްޓްމަންޓާއެކު ރާއްޖެ ބައިނަލްއަޤްވާމީ ކަނެކްޓިވިޓީ ހަބަކަށް!
ދިވެހިރާއްޖޭގެ ޑިޖިޓަލް ތަރައްޤީއަށް އިންޤިލާބީ ބަދަލެއް ގެނެސް، ބައިނަލްއަޤްވާމީ މުވާސަލާތީ މަރުކަޒަކަށް ރާއްޖެ ހެދުމުގެ މަގްޞަދުގައި، ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ޤާއިމުކުރަން ނިންމިކަން ރޭ ވަނީ ހާމަވެފައެވެ. މިއީ އެތައް ފައިދާއެއް ދިވެހީންނަށް ކުރާނެ ކަމެކެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މިއީ އިންޑިއާ ކަނޑުގައި ރާއްޖެ ސަރަޙައްދީ ކަނެކްޓިވިޓީ ހަބެއްގެ ގޮތުގައި ޤާއިމުވުމަށް ލިބޭނެ ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ. މި މަޝްރޫޢަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ހާމަވަނީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި، ގޫގުލްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ޗީފް ފައިނޭންޝަލް އޮފިސަރ ރުތް ޕޮރަޓްއާ ބައްދަލުކުރައްވައި، މިކަމަށް މަރުޙަބާ ވިދާޅުވެފައިވުމުންނެވެ. ގޫގުލްގެ "ބައިނަލްއަޤްވާމީ، އޭޝިއާ ޕެސިފިކް އޯޝަނިއާ ކަނެކްޓިވިޓީ" މަޝްރޫޢުގެ ދަށުން ޤާއިމުކުރާ މި ލޭންޑިން ސްޓޭޝަނުގެ ސަބަބުން، އިންޑިއާ، އެފްރިކާ އަދި ޔޫރަޕު ގުޅުވާލާ މުހިންމު ކޭބަލްތައް ރާއްޖެއަށް ލޭންޑްކުރާނެއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި ޑިޖިޓަލް ނެޓްވޯކްތަކާ ރާއްޖެ ސީދާ ގުޅި، ބައިނަލްއަޤްވާމީ ކަނެކްޓިވިޓީގެ އިތުބާރުހުރި ގޭޓްވޭއަކަށް ރާއްޖެ ވުމަށް މަގުފަހިވާނެ ކަމެކެވެ. މި އިންވެސްޓްމަންޓުގެ ސީދާ ފައިދާ ދިވެހި ރައްޔިތުންނަށް ކުރާނެއެވެ. ބައިނަލްއަޤްވާމީ ބޭންޑްވިޑްތަކަށް ވާސިލްވުމުގެ ޚަރަދު ކުޑަވުމުން އިންޓަނެޓްގެ ޚިދުމަތްތަކުގެ އަގުހެޔޮވެ، ސްޕީޑާއި ޚިދުމަތުގެ އިތުބާރު ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ. މީގެ އިތުރުން، އީ-ކޮމާސް އާއި އޮންލައިން ވިޔަފާރިތައް ފުޅާވެ، ޤައުމީ އިޤްތިޞާދަށް ޑިޖިޓަލް ދާއިރާއިން އާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ. މި މަޝްރޫޢު ފެށުމާއެކު، މީގެ ކުރިން ރާއްޖެއާ ގުޅާލާފައިވާ SEA-ME-WE 6، IAX، އަދި PEACE ފަދަ ކޭބަލްތަކުގެ ނެޓްވޯކް އިތުރަށް ވަރުގަދަވެ، ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ބަލައިގަނެވޭނެއެވެ. މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އަވަސްކޮށް، ޤައުމީ ތަރައްޤީއަށް ލިބޭ ބާރެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ