އޮސްކާގެ ޝަރަފުވެރި އެވޯޑާއެކު ޓޮމް ކްރޫޒަށް ޖަޒުބާތީ ވަގުތުކޮޅެއް
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒަށް އޮނަރަރީ އޮސްކާ އެވޯޑު ހަވާލުކޮށްފިއެވެ. ޓޮމްއަށް މި އެވޯޑުދޭން ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މީގެކުރިން ހަތަރު އޮސްކާ އެވޯޑަކަށް ނޮމިނޭޓްވެފައިވާ ޓޮމް ކްރޫޒަށް އޮނަރަރީ އޮސްކާ އެވޯޑުދޭން ނިންމީ ފިލްމީ ކެރިއަރުގައި ކޮށްފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. މި އެވޯޑު ޓޮމްއާ ހަވާލުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އޮވޭޝަން ހޮލީވުޑްގެ ދަ ރެއި ޑޯލްބައި ބޯލްރޫމްގައި ބޭއްވި މިއަހަރުގެ 16 ވަނަ ގަވަނާސް އެވޯޑު ހަފްލާގައެވެ. ސްޓޭޖުމަތިން އެވޯޑާ ހަވާލުވި ވަގުތުކޮޅުވީ ޓޮމް ކްރޫޒްގެ ދިގު ފިލްމީ ކެރިއަރުގައި އައި އެންމެ ޖަޒުބާތީ ވަގުތުކޮޅު ކަމަށް ޕީޕަލް މެގަޒިންގައި ވަނީ ބުނެފައެވެ. ޓޮމް ކްރޫޒް ފިލްމު "މިޝަން އިމްޕޮސިބްލް"ގެ މަންޒަރެއްގައި--ފޮޓޯ/ޕީޕަލް އޮނަރަރީ އޮސްކާ އެވޯޑާ ހަވާލުވުމަށްފަހު އުމުރުން 63 އަހަރުގެ އެކްޓަރު ބުނީ ސިނަމާ އަކީ އޭނާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައިދޭ ޒަރީއާއެއް ކަމަށެވެ. ސިނަމާގެ ސަބަބުން އެކި އެކި ޤައުމުތަކުގެ ސަޤާފަތާއި އެ ޤައުމުތަކުގެ ރައްޔިތުންގެ ތަފާތު ވިސްނުންތަކަށް އިހުތިރާމުކުރުމަށް ދަސްކޮށްދިން ކަމަށް ޓޮމް ވަނީ ބުނެފައެވެ. ހަމައެއާއެކު އިންސާނިއްޔަތުކަން ދަސްކޮށްދީ، ކޮންމެ ޤައުމަކަށް ނިސްބަތްވި ނަމަވެސް އެކީގައި ހީލާ އުފާވެރި ވަގުތު ހޭދަކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއްކަން އާޓްގެ ޒަރީއާއި ސިނަމާގައި ހޭދަކުރެވުނު މުއްދަތުގައި ދަސްވި ކަމަށް ޓޮމް ވަނީ ބުނެފައެވެ. އެހެންކަމުން ހަގީގަތުގައި ޓޮމް އަކީ ފިލްމު އުފައްދާ މީހެއް ނޫން ކަމަށާއި ފިލްމުތައް އުފެއްދުމުގެ ސަބަބުން މިއަދު އޯޑިއަންސަށް ފެންނަ ޝަހްސިއްޔަތު ވުޖޫދަށް ގެނެސްދިނީ އެ ފިލްމުތައް ކަމަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު އެކްޓަރު ވަނީ ބުނެފައެވެ. ޓޮމް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިއަހަރުގެ މެއި މަހު ސިނަމާތަކަށް ގެނެސްދިން ފިލްމު އެކްޓަރުގެ މަޝްހޫރު ފްރެންޗައިސް ފިލްމު "މިޝަން އިމްޕޮސިބަލް"ގެ 8 ވަނަ ފިލްމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ