ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ގައުމީ ޓީމުގެ ކޮންމެ މެޗެއް ވެސް މުހިންމު ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ގައުމީ ޓީމުގެ ކޮންމެ މެޗެއް ވެސް މުހިންމު

ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ގައުމީ ފުޓްބޯޅަ ޓީމުގެ ކޮންމެ މެޗެއް ވެސް މުހިންމު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން، ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން މިއަދު ހަވީރު 15:30 ގައި، ގަލޮޅު ދަނޑުގައި ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެެވެ.
އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ފިލިޕީންސާއި ދެ ވަނައިގައި އޮތް ތަޖިކިސްތާނަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ކުރި ލިބެނީ ފިލިޕީންސް އަށެވެ. ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭ އަށް ހަަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ރާއްޖެ ފުލުގައި އޮތީ ކޮލިފައިން ހަތަރު މެޗުން ވެސް ބަލިވެގެންނެވެ.
ފިލިޕީންސާ ދެކޮޅަށް މިއަދު ކުޅޭ މެޗަކީ، އަހަރަކަށް ވުރެން ގިނަ ދުވަސް ތެރޭ ގަަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޅޭ ދެ ވަނަ މެޗެވެ. މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގައުމީ ޓީމުގެ ތަރި ހަމްޕު ވަނީ މި މެޗުގެ މުހިންމުކަމުގެ ވާާހަކަ ފާހަގަކޮށްފަ އެވެ.
"މާދަމާ (މިއަދު) މެޗަކީ ވެސް ވަރަށް މުހިންމު މެޗެއް، ފިއުޗާ އަށް (މުސްތަގުބަލަށް) ބަލާކަމަށްވާނަމަ، ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް. އެ ގޮތުން، މާދަމާ މެޗު ވެސް މި ކުޅެނީ ރަނގަޅު ނަތީޖާއެއް ހޯދަން،" ހަމްޕު ބުންޏެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހަމްޕު ވާހަކަ ދައްކަނީ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ނަތީޖާ ނެރެން ޕްރެޝަރު އޮންނަ ކަމެއްގެ ގޮތުގައި ބެލެވޭއިރު، އަނެއްކޮޅުން ޓީމަށް ނަތީޖާ ނެރެން ހިތްވަރެކެވެ. ހަމްޕު ބުނީ، ބޮޑަށް ވިސްނަނީ ޓީމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި ކަމަށެވެ.
"ކޮންމެ އަކަސް ގަލޮޅު ދަނޑުގައި ކުޅޭއިރު، ދިވެހި ސަޕޯޓަރުންގެ ސަޕޯޓް ވަރަށް މުހިންމުވާނެ. ދެން، އެ ގޮތުން ހަމަ، އަޅުގަނޑުމެން މި ބަލަނީ، ވީހާވެސް ގިނަ ސަޕޯޓަރުން ވަންނާނެކަމަށް. އެއީ ޓީމަށް ލިބޭ މޯޓިވޭޝަނެއް ކަމަށް މި ބަލަނީ،" ހަމްޕު ބުންޏެވެ.
ފިލިޕީންސާ ދެކޮޅަށް މިހާތަނަށް ރާއްޖޭން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ފިލިޕީންސް މޮޅުވިއިރު، އެއް މެޗުން އެއްވަރުވެ، އެއް މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. ރާއްޖޭން ވަނީ 2009 ވަަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި މާލޭގައި ކުޅެ، 3-2 އިން ފިލިޕީންސް ބަލިކޮށްފަ އެވެ.
އޭގެ ފަހުން، 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ސެމީ ފައިނަލުގައި ފިލިޕީންސް އިން ވަނީ މާލޭގައި 3-2 އިން ރާއްޖެ ބަލިކޮށްފަ އެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ގަލޮޅު ދަނޑުގައި ކުޅެ، ފިލިޕީންސް އިން ވަނީ 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. މި އަހަރު މާޗް މަހުގެ ކުރިން، އެންމެ ފަހުން މި ދެ ޓީމު ކުޅުނު މެޗުގައި، ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސްގެ ހޯމް މެޗު ސެންޓްރަލައިޒްކޮށް، 2022 ވަނަ އަހަރު ދުބާއީގައި ކުޅުނުއިރު، ރާއްޖެ އާއި ފިލިޕީންސް ވީ 1-1 އިން އެއްވަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ