ޝާހް ރުކް ހާންގެ ނަމުގައި 'ޝާހްރުކްޒް ބައި ދަނުބެ' ކިޔާ 55 ބުރީގެ ކޮމާޝަލް ޓަވަރެއް ހަދަނީ

ދުބާއީގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ ދަނުބެ ގްރޫޕުން ދުބާއީގެ ޝެއިހު ޒައިދު މަގުގައި ޝާހް ރުކް ހާންގެ ނަމުގައި ޕްރިމިއަމް ކޮމާޝަލް ޓަވަރެއް ކަމަށްވާ 'ޝާހްރުކްޒް ބައި ދަނުބެ' ހެދުމުގެ މަޝްރޫއުއެއް ކުލަގަދަކޮށް ލޯންޗުކޮށްފި އެވެ. މިއީ ދުބާއީގެ ޓަވަރަކަށް އެކްޓަރެއްގެ ނަން ދިން ފުރަތަމަ ފަހަރެވެ.
'މި ކޮމާޝަލް ޓަވަރަށް ވަންނަ ދިމާލުގައި ޝާހް ރުކް ހާންގެ 'ސްޓެޗޫ'އެއް ބަހައްޓާފައި ހުންނާނެ އެވެ. އަދި 2029 ވަނަ އަހަރަށް ނިންމަން ކަނޑައަޅާފައިވާ މި ޓަވަރަކީ 1 މިލިއަން އަކަ ފޫޓުގެ ސަރަހައްދެކެވެ. 
މަޝްރޫއު ލޯންޗުކުރުމަށް މުމްބާއިގެ ފަސް ތަރީގެ ހޮޓަލެއްގެ ބޯލްރޫމްގައި ބޭއްވި އިވެންޓުގައި ޝާހް ރުކް ހާން ބައިވެރިވެ އޭނާގެ މަޝްހޫރު ފިލްމީ ޑައެލޮގުތަކާއި ނެށުންތައް ހުށަހަޅައިދިނެވެ.
ދަނުބެ ގްރޫޕްގެ ފައުންޑަރު ރިޒްވާން ސަޖަން ބޭނުންވީ މުމްބާއީގައި އެ އިވެންޓު ބާއްވާށެވެ. އިވެންޓުގައި ޝާހް ރުކް ހާން ވަނީ މިކަމަށް ވަރަށް ތައުރީފު ކޮށްފަ އެވެ. ޝާހް ރުކް ބުނިގޮތުގައި އޭނަ އަކީ މުމްބާއީއަށް ނިސްބަތްވާ މީހަކަށްވެފައި އިވެންޓު މުމްބާއީގައި ބޭއްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ބޮލީވުޑްގެ އެންމެ އަލިގަދަ ތަރި ބުނިގޮތުގައި އެއީ އޭނާގެ މަންމައަށް ލިބޭނެ ޝަރަފެކެވެ. "މަންމަ ވަރަށް އުފާވާނެ. އެއީ ވަރަށް ބޮޑު ޝަރަފެއް،" އޭނާ ބުންޏެވެ. 
"މި އިމާރާތުގެ ހުރިހާ ތަފްސީލެއް އަޅުގަނޑު ބަލަމުންދާތާ ދެ މަސް ވެއްޖެ. މިއީ ޒަމާނީ އަދި އަގުހެޔޮ ތަނެއް. ދުބާއީގައި ދިރިއުޅެން ފަށާ މީހުންނަށް މިއީ ވަރަށް މުހިންމު ވަގުތަކަށް ވާނެ އަދި އެ މީހުންގެ ދިރިއުޅުން ބައްޓަން ކުރުމަށް ލިބޭ ހިތްވަރަކަށް ވެސް ވާނެ،" ޝާހް ރުކް ބުންޏެވެ. 
ރިޒްވާން ސަޖަން ބުނިގޮތުގައި ކޮމާޝަލް ޔުނިޓްތަކުގެ ބޮޑުމިނަކީ 460 އަކަ ފޫޓާއި 11،000 އަކަ ފޫޓާ ދެމެދެވެ. ހަ އަހަރު ވަންދެން 2 މިލިއަން ޑޮލަރުގެ %1 އިންސްޓޯލްމަންޓެއް ގަންނަ މީހުން 20 ޕަސެންޓް ޑައުންޕޭމަންޓް ދައްކަންޖެހެ އެވެ.
"އިންޑިއާ މީހުންނަކީ އަބަދުވެސް އަޅުގަނޑުމެންގެ ޓޮޕް ކަސްޓަމަރުންގެ ތެރޭގައި ހިމެނޭ ބައެއް އަދި އެ މީހުން އަޅުގަނޑާއި ދަނުބެއަށް ކުރާ އިތުބާރު ވަރަށް ބޮޑު. 'ޝާހްރުކްޒް ބައި ދަނުބެ' އަކީ 'ކިންގް ހާން' އިން އިންސްޕަޔާވެގެން އުފައްދާފައިވާ ޕްރޮޖެކްޓެއް. މީގެ ކުރިން އަޅުގަނޑުމެން 'އެސްޕިރްޒް'ގެ ނަމުގައި މިކްސްޑް ޔޫސް ރެސިޑެންޝަލް އަދި ކޮމާޝަލް ޑިވެލޮޕްމަންޓެއް ލޯންޗުކުރިން. ކޮންމެ ޕްރޮޖެކްޓަކާ އެކު ވެސް އަޅުގަނޑުމެން އަމާޒު ކުރަނީ އާ މިންގަނޑެއް ގާއިމް ކުރަން. 'ޝާހްރުކްޒް' އަކީ އެ މަގަށް އެޅުނު އިތުރު ފިޔަވަޅެއް،" ރިޒްވާން ބުންޏެވެ.
ޝާހްރުކްޒްއިން ދުނިޔޭގެ ފެންވަރުގެ 40 އަށް ވުރެ ގިނަ ހިދުމަތް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ސްކައި ޕޫލަކާއި އެއާ ޓެކްސީތަކަށް ހާއްސަ ހެލިޕެޑަކާއި ވެލޭ ހިދުމަތުގެ އިތުރުން ބިޒްނަސް ލައުންޖް ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ. މި ޓަވަރު ހުންނާނީ ބުރްޖް ހަލީފާ އާއި ދުބާއީ އެއާޕޯޓުން ފެށިގެން ގޯލްޑް ސޫކްއާ ކައިރީގަ އެވެ.
"ޝާހް ރުކްއާ އެކު ވެފައިވާ އެއްބަސްވުމަކީ މި ޓަވަރުގައި މުޅި އުމުރަށް ޝާހް ރުކްގެ ނަން ހުންނާނެކަން. މިއީ ފުރަތަމަ ފަހަރަށް ކުރާ ކަމެއް. އެއީ ކުރިއަށް އޮތް އެތަކެއް ޖީލުތަކަކަށް ޝާހް ރުކްގެ ޓަވަރު. ކައިރި މުސްތަގުބަލެއްގައި ދުބާއީގައި ވެސް އެފަދަ ޓަވަރެއް ނުހުންނާނެ،" ރިޒްވާން ސަޖަން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ