ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ ޕެންޝަން ކުޑަކުރަން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނަޝީދު މިހެން ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންނަށް ދޭ ބައެއް އިނާޔަތްތައް އުނިކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.
ބުނީ ކީކޭ؟ - "ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އަޅުގަނޑަށް ވެސް ފެނޭ،" ނަޝީދު މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ދެން އޮތީ ޅެން ބައިތެކެވެ:
"ލިބޭ މިންވަރު ނިކަން ދަނެގެން،ވި ބޭނުންތައް ބަހާލައިގެން،ތިބޭ ނަމައީ ފިކުރުކޮށްގެން،މި ބޭޒާރެއް ނުވެސް ވާނެ."
ތަފްސީލު - ކުރީގެ ރައީސުންނާއި މެމްބަރުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެކަމާ ދެކޮޅަށް އާންމުންގެ ތެރެއިން ބައެއް މީހުން އަޑުއުފުލަމުން ދަނިކޮށް، އެކަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ބުދަ ދުވަހު އެވެ.
"ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވާނީ ނިންމާފައި،" ރައީސް މުއިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ މީހުންނަށް މިހާރު ދެމުން އަންނަ ޕެންޝަން އިނާޔަތްތައް ވެސް އެއްހަމަ ކުރަން ހުށަހަޅުއްވާނެ ކަމަށް އެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
"އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން:
އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000ރ.
އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 75،000ރ.
ދިރިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ މަހަކު 50،000ރ.
މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރައްވާ ނަމަ، އެ ކަމަށް އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175،000ރ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ އެއް ދައުރު ނުވަތަ ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ވެސް އުމުރުން 55 އަހަރުން މަތިވުމުން ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން އިނާޔަތްދޭންޖެހެ އެވެ. އެގޮތުން:
އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް: މުސާރައިގެ %30 ދޭންޖެހޭ
ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް: މުސާރައިގެ %45 ދޭންޖެހޭ
މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތް އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންޖެހޭ
އުމުރުން 55 އަހަރު ވިޔަސް، މެންބަރުކަމުގައި ތިބޭ އިރު އިނާޔަތް ނުލިބޭނެ އެވެ. މިއީ މެންބަރުކަމުން ވަކިވުމުން ދޭ އެލަވަންސެކެެވެ. ޕީއެންސީގެ ބައެއް މަޖިލިސް ބައެއް މެންބަރުންގެ ކަންބޮޑުވުމަކީ، މިހާރުވެސް އެހެން ބައެއް ދާއިރާތަކުގައި އުޅުއްވާ ބޭފުޅުން ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު ވެސް، އެހެން ވަޒީފާއެއްގައި އުޅުއްވަމުންވެސް ޕެންޝަން ފައިސާ ނަންގަވާތީ އެވެ.
ކުރީގެ ރައީސުންނަށް ދޭ ޕެންޝަން ކުޑަކުރަން ނަޝީދު ތާއީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ