ފައިސަލްގެ ފުރަބަންދުގެ ތަޖުރިބާއިން އުފެދުނު، 'އިން ބިޓްވީން ޑްރީމްސް' ޅެން ފޮތް ނެރެފި
ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު އަދި ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލްގެ 'އިން ބިޓްވީން ޑްރީމްސް' ޅެން ފޮތް މިއަދު ނެރެފިއެވެ. އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތުގެ ފުރަތަމަ ކޮޕީ ނެރެދެއްވީ, ފައިސަލްއާއި އާއިލާގެ މެންބަރުންނެވެ. އެ ރަސްމިއްޔާތުގައި ފައިސަލްވަނީ، އެންމެ ފުރަތަމަ ޅެން ހައްދަވަން ފެއްޓެވީ ސުކޫލު ދައުރުގައި ކަމަށް ވިދާޅުވެ، އެ ދުވަސްވަރުގެ ހަނދާން އާކުރައްވާފައެވެ. ފައިސަލްގެ ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތުގައި ފައިސަލްގެ ގާތް ބޭފުޅުން ބައިވެރިވެވަޑައިގަތް ---- ސަން ފޮޓޯ/ މުހައްމަދު އަފުވާން ސޮލާހް އެގޮތުން، އަބަދުވެސް ފޮތް ވިދާޅުވުމަށް ޝައުގުވެރިވާ ކަމަށާއި ސުކޫލު ދައުރުގައި 80 ސަފުހާގެ މޮނިޓަރު ފޮތެއް ފުރެންދެން ޅެން ހެއްދެވި ކަމަށް އޭނާ ވިދާޅުވިއެވެ. މަޖީދިއްޔާ ސުކޫލުގައި އުޅުއްވި ދުވަސްވަރު އެކުވެރިންނާ އެއްކޮށް ފުރަތަމަ ޅެން ފޮތް ޝާއިއުކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ. ޅެން ހެދުމުގައި ދެމިހުރުމަށް ލިބުނު ހިތްވަރަކީ އެ އުފާވެރި ހަނދާންތައް ކަމަށް އޭނާ ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ސުކޫލު ދައުރުގައި ވިސްނައިގެން ޅެން ހައްދަވަން ވަގުތު ވިޔަސް މިހާރު ޅެން ހައްދަވަނީ މުޅިން ތަފާތުކޮށް ކަމަށެވެ. ޚާރިޖީ ދާއިރާއިން ގިނަ ޚިދުމަތްތައް ކުރައްވާފައިވާ އަނީސާ އަހުމަދު، ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފުވާން ސޮލާހް އެގޮތުން، ޅެން ހައްދަވަނީ އެކި ކަންކަމުގައި އުޅުއްވާއިރު، ހަނދާނަށް އަންނަ ބަސްތަށް ހިމަނައިގެން ކަން އޭނާ ފާހަގަކުރެއްވިއެވެ. ފައިސަލް ވިދާޅުވީ އޭނާ ހައްދަވާ ގިނަ ޅެންތައް ލޯތްބާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. އަދި ޅެންތައް ހައްދަވަނީ އަމިއްލަ ތަޖުރިބާތަކުންނާއި، ފެނިވަޑައިގަންނަވާ ތަފާތު ކަންކަމަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި، ޚަބަރުތަކުން ފެނިވަޑައިގަންނަވާ ކަންކަން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިން ބިޓްވީން ޑްރީމްސްގައި ހިމެނޭ އެއް ޅެމުގައި، ލޯބިވުމުން ގެނެސްދޭ އިހުސާސްތައް ލިޔުއްވާފައިވާއިރު، އެހެން ޅެމެއްގައި، އާއިލާއެއް ރޫޅުމުން ކުޑަ ދަރިފުޅަށް ފެންނަ މަންޒަރު އެ ކުއްޖާގެ ނަޒަރުން ލިޔެފައިވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންސާނުންނަކީ އާންމުކޮށް އަމިއްލަ އިހުސާސްތައް ރައްކާކުރަން ބޭނުންވާ ބަޔެއް ކަމަށާއި ނަމަވެސް ކޮންމެ މީހަކު ވެސް ވަކި ހިސާބަކުން އެ ވާހަކަތައް ހިއްސާކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު --- ސަން ފޮޓޯ/ މުހައްމަދު އަފުވާން ސޮލާހް "އަޅުގަނޑަށް ހީވަނީ ކޮންމެވެސް ހިސާބަކުން އެހެން މީހުންނާ ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެއްހެން، އެހެންވީމަ ޅެންވެރިއެއް ނަމަ، އެކަން ކުރެވޭނެ އެއް ގޮތަކީ ޅެން ޝާއިއުކުރުން، އަޅުގަނޑުމެން މިހާރު ވަރަށް ދައްކަން ނަފުސާނީ މައްސަލަތަކުގެ ވާހަކަ،" ޅެންވެރިކަމަކީ އެފަދަ ކަންކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކޭނެ ގޮތެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ އިން ބިޓުވީން ޑްރީމްސްގެ މަސައްކަތް ފެށީ ކޮވިޑް ތެރޭގައި ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން ފުރަބަންދުގެ ފިޔަވަޅުތައް އަޅަން ފެށީ ޗުއްޓީއެއްގައި ބޭރުގައި ހުންނަވަނިކޮށް ކަމަށާއި، އެހެންވެ އާއިލާއާއެކު ރާއްޖެ ވަޑައިގަތުމާއެކު ފަން އައިލެންޑް ރިސޯޓުގައި ކަރަންޓީނު ވުމަށް ވަޑައިގަންނަވަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމަ އިން ބިޓްވީން ޑްރީމްސްގައި ހިމެނޭ ގިނަ ޅެންތަކުގެ މަސައްކަތް ފެށުނީ ކޮވިޑް ތެރޭގައި، އޭރު ކޮންމެ ދުވަހަކު އެއް ޅެން، ނުވަތަ ދެ ޅެން ލިޔަމުން ދިޔައީ، އެއީ ވަރަށް ޕްރޮޑަކްޓިވް ދުވަސްކޮޅެއް،" ފައިސަލް ވިދާޅުވިއެވެ. އެއަށްފަހު، ފާއިތުވި ފަސް އަހަރު ތެރޭގައި ޅެންތަކަށް އެކި ބަދަލުތައް ގެނެސް، މިހާރު ފޮތް ޝާއިއުކުރަން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ފައިސަލްގެ އާއިލާއާއި އެކުވެރި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ފައިސަލްވަނީ، ނޮވެމްބަރު 2014 އިން ފެށިގެން މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް، ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ކުރައްވައި އޭގެ ފަހުން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް ފުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ