ކުރީގެ ރައީސުންނަށްދޭ އިނާޔަތްތައް ކުޑަކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުމަށް ރައީސް ނަޝީދު ތާއީދު ކުރައްވައިފިއެވެ.
މިދިޔަ ބުދަދުވަހު ރައީސް ޑރ.މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަަމަށް އިއުލާނުކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ސޯޝަލް މީޑިއާގައި މިރޭ ވިދާޅުވެފައިވަނީ، ކުރީގެ ރައީސުންނަށްދޭ ޕެންޝަން ކުޑަކުރުމަކީ އެމަނިކުފާނަށްވެސް ފެންނަ ކަމެއްކަމަށެވެ.
މިވާހަކަ އާއެކު ރައީސް ނަޝީދު ވަނީ އެމަނިކުފާނު އާއްމުކޮށް ވިދާޅުވާ، ޅެންބައިތެއް ހިއްސާކުރައްވާފައެވެ. އެއީ
"ލިބޭ މިންވަރު ނިކަން ދަނެގެން
ވި ބޭނުންތައް ބަހާލައިގެން
ތިބޭ ނަމައީ ފިކުރުކޮށްގެން
މިބޭޒާރު ނުވެސް ވާނޭ"
ކުރީގެ ރައީސުންނަށްދޭ އިނާޔަތް ކުޑަކުރައްވަން ރައީސް ނަޝީދު ތާއީދުކުރެއްވިއިރު، މިއީ މީގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅަކު އިނާޔަތްތައް ކުޑަކުރެއްވުމަށް ތާއީދު ކުރެއްވި ފުރަތަމަ ފަހަރެވެ.
ކުރީގެ ރައީސުންނާއި މަޖިލީހުގެ މެމްބަރުންނަށް ދެމުން އަންނަ އިނާޔަތް ކުޑަކުރެއްވުމަށް ހުށަހެޅުމަށް ނިންމިކަން އިއުލާނުކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށެވެ.
ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނަށް ދައުލަތުން ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ. ހާއްސަކޮށް ކުރީގެ ރައީސުންނަށެވެ. އެ ގޮތުން ރައީސުންގެ އިނާޔަތަށް މަހަކު 50,000 ރުފިޔާއާ އޮފީސް ހިންގުމުގެ ހަރަދަށް 175,000 ރުފިޔާ އާއި ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށް މަހަކު 50,000 ރުފިޔާ ދަނީ ދެމުންނެވެ. މީގެ އިތުރުން އެބޭފުޅުންގެ މެޑިކަލް ވެލްފެއާއަށްވެސް ދައުލަތުން ހަރަދުކުރައްވާކަން ފާހަގަކޮށްލެވެއވެެ.
ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ރައީސް ނަޝީދުވެސް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ