ޒުވާނެއްގެ ޚިޔާލު: ބިލް ފާސްކުރުމުން ޖެހޭނީ 'ޝުކުރިއްޔާ ރައީސް' ކިޔަން ތިބެން، ބޭނުމީ އެ ރާއްޖެއެއް ނޫން
ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިހާރު ދިރާސާކުރަމުންދާ މީޑިއާ ބިލް ފާސްކޮށްފި ނަމަ، ފާޑުކިޔާ މީހުން ދެން ތިބެން ޖެހޭނީ 'ޝުކުރިއްޔާ ރައީސް'އޭ އެކަނި ކިޔައިކިޔައި ތިބެން ޖެހޭ، އެއީ ބޭނުންވާ ރާއްޖެއެއް ނޫން ކަމަށް ބުނެ، މީޑިއާ ބިލާ ގުޅޭ ފޯރަމްގައި ޒުވާނަކު މިރޭ ޝުއޫރު ފާޅުކޮށްފިއެވެ. މީޑިއާ ބިލާ ގުޅޭ ގޮތުން ޚިޔާލު ފާޅުކުރުމަށް އާންމުކޮށް ހުޅުވާލައިގެން، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ބޭއްވި ފޯރަމުގައި، މެލޭޝިއާއިން ތައުލީމު ހާސިލުކޮށްފައިވާ އަލީ ރަޝްވާން މުހައްމަދު ބުނީ، މި ބިލުން ސޯޝަލް މީޑިއާއަށް އަސަރެއް ނުކުރާނެ ކަމަށް ބުނެ، ގިނަ ބަޔަކު އެވާހަކަ ދައްކައިފި ކަމަށެވެ. އޭނާ އިޝާރާތް ކުރީ، މީޑިއާ ބިލުގައި 'މީޑިއާ'އަކީ ކޮބައިކަން މާނަކޮށްފައި އޮތް ގޮތަށެވެ. އެގޮތުން މީޑިއާގެ ގޮތުގައި މާނަކޮށްފައިވަނީ ޓީވީއާއި ރޭޑިއޯއާއި ސީޑީއާއި ވެބްސައިޓާއި ނޫސްމަޖައްލާތަކާއި ޕަބްލިކޭޝަންތަކާއި، އެ ނޫންވެސް ނަންނަމުގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ޚަބަރާއި ޚިޔާލު ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ ހިލޭ ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ. އެހެންވެ، އެ ބިލު ފާސްކުރުމުން ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލާ ގުޅިގެން ވެސް ފިޔަވަޅު އެޅޭނެ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހިމެނޭ ގޮތަށް، ސަރުކާރުގެ ބޭފުޅުން ވަނީ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ނޫޅޭ ކަމަށް ވިދާޅުވެފައެވެ. "އެ ވާހަކަ އަޑުއަހާފައި އަޅުގަނޑު ހަމަ ކޮސްވެއްޖެ، ހިތަށް އަރައިފި އަޅުގަނޑު މިކީ ބިލާ އެ މީހުން ކީ ބިލަކީ ހަމަ އެކައްޗެއް ބާއޭ، ހަމަ އެހާ ވެސް ހައިރާންވެއްޖެ،" އޭނާ ބުންޏެވެ. މީޑިއާ ބިލާ ގުޅޭ ފޯރަމްގެ ތެރެއިން: ގިނަ ބަޔަކު ވަނީ ބިލާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު އަފުވާން ސޮލާހް އެވާހަކަތައް އަޑުއަހާފައި މަޖިލިސް ވެބްސައިޓަށް ވަދެ، އަލުން ބިލް ކިޔާލި ކަމަށް ވެސް ރަޝްވާން ބުންޏެވެ. ނަމަވެސް ބިލުގެ ދިފާއުގައި ދައްކާ ވާހަކައާ އެ ބިލުގައި ލިޔެފައިވާ އެއްޗަކާ ދިމާނުވާ ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ބެލީ، ސޯޝަލް މީޑިއާގައި ބިލުގެ ދިފާއުގައި ވާހަކަ ދެއްކި މީހުންގެ މައުލޫމާތު ކަމަށް ރަޝްވާން ބުންޏެވެ. "[އެކައުންޓްގެ] ބަޔޯ ބަލައިލާއިރު ޕޮލިޓިކަލް އެޕޮއިންޓީ، ސީނިއާ ޕޮލިޓިކަލް ޑިރެކްޓާސް، ސްޓޭޓް މިނިސްޓަރު، ޑެޕިއުޓީ މިނިސްޓަރު، ސަރުކާރުގެ ވެރިން މި ދައްކަނީ ރޯ ބުހުތާން ދޮގު،" އޭނާ ތުހުމަތު ކުރިއެވެ. އެ ބިލުގައި މީޑިއާ މާނަކޮށްފައިވާ ގޮތް ދިފާއުކޮށް، އެއީ މީގެ 10 އަހަރު ކުރިން ވެސް މީޑިއާއަކީ ކޮބައިކަން ބުނެދޭ ގޮތް ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށް ރަޝްވާން ބުންޏެވެ. ނަމަވެސް އޭރާއި މިހާރު މީޑިއާ ވަރަށް ބޮޑަށް ބަދަލުވެފައިވާކަން އޭނާ ފާހަގަކުރިއެވެ. އެހެންވުމުން މި ޒަމާނުގައި، މީޑިއާއާއި ސޯޝަލް މީޑިއާ ދަންނަ އެއްވެސް މީހަކު އިންޓަނެޓްގެ ތެރޭގައި ސޯޝަލް މީޑިއާ ނުހިމެނޭނެ ކަމަށް ނުބުނާނެ ކަމަށް ރަޝްވާން ބުންޏެވެ. އަދި ބިލުގެ ދިފާއުގައި ވާހަކަ ދައްކާ މީހުން މީގެ ކުރިން ދައްކާފައި ހުރި ވާހަކަތަކުގެ ތެދު ދޮގު ބަލަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. "ޑޮލަރުގެ އަގު ދަށްވާނެއޭ ބުނި، އެއްވެސް ބޭފުޅަކަށް އަގުހެޔޮކޮށް ޑޮލަރު އެބަލިބޭތަ؟ ލިބޭތަ؟ އަޅުގަނޑަކަށް ނުލިބޭ. ލިބޭތަ ތިބޭފުޅުންނަށް؟ ޑޮލަރުގެ އަގު ދިޔައީ މައްޗަށް،" އެ ނޫން ވެސް، މި ސަރުކާރަށް މިހާތަނަށް ނުފުއްދޭ ވައުދުތައް ފާހަގަކުރަމުން ރަޝްވާން ބުންޏެވެ. "އެހެންވީމަ ބަޔަކު މީހަކު ވާހަކައެއް ދެއްކިޔަސް އެބަ ޖެހޭ ބަލައިލަން އެއީ ކުރިން ތެދު ހަދާފައި ހުރި ބަޔެއްތޯ. އަޅުގަނޑަކަށް ނުފެނޭ އެއީ އެއްވެސް ގޮތަކަށް ތެދު ހަދައިފައި ހުރި ބަޔެއްހެނެއް." މީޑިއާ ބިލުން، ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން ބާރު ލިބުނަސް އެ ބާރު ބޭނުން ނުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ވާހަކައަށް އިތުބާރު ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ. އަދި އެއީ ސަރުކާރަށް ދީގެން ވާނެ ބާރެއް ވެސް ނޫން ކަމަށް ރަޝްވާން ބުންޏެވެ. އެ ބިލާއެކު ނޫސްވެރިންނެކޭ އެއްގޮތަށް، އެންމެންގެ ވެސް އަޑުކަނޑުވާލެވޭނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރިއެވެ. އެގޮތުން ގިނަ ބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ސަރުކާރަށް ފާޑުކިޔަމުންދާއިރު، މީޑިއާ ބިލު ފާސްކުރުމުން އެގޮތަށް ޚިޔާލު ފާޅުނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. "މި މީހުންނަށް ދެން ނޯންނާނެ މިހެން ކިޔޭކަށް ވެސް، މި މީހުން ދެން ޖެހޭނީ ޕީއެންސީ ބޭފުޅުންހެން ޝުކުރިއްޔާ ރައީސް، ވަރަށް ހިތްހެޔޮ ރައީސް، މިއީ އެންމެ ހިތްހެޔޮ ރައީސް، ރައީސް ހާދަ މޮޅޭ، ރައީސްހާ ވަރެއް ނެތް، އަޅުގަނޑު ބޭނުމެއް ނޫން އެކަހަލަ ރާއްޖެއެއްގައި އުޅޭކަށެއް،" ރަޝްވާން ބުންޏެވެ. އޭނާވަނީ އެ ބިލު އެކުލަވާލީ ދުރާލާ ރާވައިގެން، ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން ތުހުމަތުކޮށްފައެވެ. އެގޮތުން މިހާރު ދައުލަތުގެ ބާރުތައް މަސްހުނި ކޮށްފައިވާ ކަމަށާއި، އެ ބިލާ ދެކޮޅަށް ތެދުވާނެ ކަމަށް އޭނާ ބުންޏެވެ. ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ދެވަނަ ފަހަރަށް ހުށަހެޅުއްވި މީޑިއާ ބިލުގައި ނޫސްވެރިން ކޮންޓްރޯލްކުރަން ގިނަ މާއްދާތަކެެއް ހުރިކަމަށް ބުނެ ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނޫސްވެރިން ގޮވައިލަމުން އަންނަނީ މި ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް، މަޖިލީހުން ބޭރުކޮށްލުމަށެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން ވަނީ، ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅުން ހިމެނޭހެން، މީޑިއާ ކޮންޓްރޯލް ބިލަށް އިސްލާހުތަކެއް އިއްޔެ ހުށަހަޅައިފައެވެ. އެގޮތުން ބަންޑާރަނައިބުގެ އިދާރާއިން ވަނީ ޖުމްލަ 14 އިސްލާހެއް އެ ބިލަށް ހުށަޅައިފައެވެ. ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށާއި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއް ކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް ހުށަހަޅަން އެ އޮފީހުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ