ސަރުކާރު އަޑީގައި އޮވެ ރައްޔިތުންގެ ހިޔާލާއި ފިކުރުގައި ތަޅު އެޅުވުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ބޭއްވި "ހިޔާލާ ފިކުރު ކަފުނަށް" ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި މި ފޯރަމުގައި ގިނަ ރައްޔިތުންތަކެއް ބައިވެރިވެ ބިލާ ގުޅޭގޮތުން ހުރި ޝުއޫރު ފާޅުކުރި އެވެ. މި ފޯރަމަކީ މަދު ވަގުތުކޮޅެއް އިންތިޒާމުކޮށް ބޭއްވި ފޯރަމެކެވެ.
ފޯރަމްގައި ބައިވެރިވި އަދި އެ ސަރަހައްދަށް އެ ފޯރަމް އަޑުއެހުމް ޖަމާވި ގިނަ މީހުންގެ ޝުއޫރުތަކުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލާ" މެދު ކަންބޮޑުވުން އޮތްކަން ހާމަވެ އެވެ.
"ކުރުސީ ފަދަ އެތައް ޗެނަލްތަކެއް ހެދިގެން ދާނެ. މުއިއްޒު ޖެހޭނީ ސައިޒަށް ކަނޑާލަން. މިއީ އަޅުގަނޑުމެން ރައްޔިތުން މުސާރަ ދޭ މީހެކޭ. ކިހިނެއްތޯ ރައްޔިތުންގެ އަޑު ބައްދާނީ، ނޫނީ ވިއްޔާ އަޑު ބަންދުކުރާނީ. މިކަމެއް ނުވާނެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެއް މިހެން އުޅޭހާ މީހަކަށް ގެއްލުވައެއް ނުލެވޭނެ،" ފޯރަމްގައި ޝުއޫރު ފާޅުކުރި އާންމު ރައްޔިތަކު ބުންޏެވެ.
މާލެ ސިޓީ ކައުންސިލުގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ސައިފް ފާތިހު ވިދާޅުވި ގޮތުގައި މިއީ "ދިވެހި ވެރިޔަކު އަލަކަށް މޮޔަވި" ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ.
"އަލަކަށް ނޫނޭ ދިވެހި ވެރިޔަކު އަޅުގަނޑުމެން އަނގައިގައި ޓޭޕު އަޅަން މި އުޅެނީކީ، ބަންދުކުރަން މިއުޅެނީ، ހައްޔަރުކުރަން އުޅެނީ، ނޫސް ރެޖިސްޓްރޭޝަން އުވާލަން އުޅެނީ، ތަންތަން އައިސް ރެއިޑް ކުރަން އުޅެނީ. އަޅުގަނޑުމެން އާ ކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅުނަސް އަޅުގަނޑުމެންނަށް ދިވެހި ވެރިން ތި ދައްކާ އާޓު މޮޅެއް ނޫން،" މީޑިއާގައި މަސައްކަތް ކުރެއްވި ސައިފް ވިދާޅުވި އެވެ.
ދޮގު ހަބަރު ފަތުރައިގެން ބައެއްގެ އަތުގައި ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުންނާއި ވަޒީރުންނަށް ކަމަށް ސައިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލިޔެވޭނީތޯ ތިޔަ ބޭފުޅުންނަށް ޖޫރިމަނާ ކުރެވޭނީތޯ އަޅުގަނޑުމެން މިފަހަރު ބަލައިލާނަން. އަޅުގަނޑުމެންނަށް ޓްވީޓު ކުރެވޭނީތޯ ތި ބޭފުޅުންނަށް އަޅުގަނޑުމެން ޖޫރިމަނާ ކުރެވޭނީތޯ ބަލައިލާނަން."
ބިލު ފާސްކުރި ނަމަވެސް ހިޔާލު ފާޅުކުރުން ހުއްޓާނުލާނެ ކަމަށް އާޓިފިޝަލް ބީޗަށް މިރޭ ޖަމާވި އާންމުން ބުނަމުންދިޔަ އެވެ.
"ރާއްޖޭގައި ހުރި ހުރިހާ އެކަޑެމިކް އިންސްޓިޓިއުޝަންތަކެއް ވެސް ޖެހޭނީ ބަންދުކުރަން. އަޅުގަނޑުމެންގެ ވިސްނުން ބޭނުންކުރުން ހަނިކުރުމުގެ ގޮތުން މި ކުރަން އުޅޭ ކަންކަން ހުއްޓުވަން އެބަޖެހޭ،" އާންމުންގެ ތެރެއިން ހިޔާލު ފާޅުކުރެއްވި އަންހެނަކު ބުންޏެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި އިންޓަނެޓާއި ސޯޝަލް މީޑިއާ ވެސް ރެގިއުލޭޓް ކުރަން އެ ބިލުގައި ހިމަނާފައި އޮތުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.
"އޭރުސުއްރު އެނގިއްޖެ މިއީ ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރާ ބިލެއްކަން. މީހުން ދޮގު ހަދަނިއްޔޭ ކިޔައިގެން ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން އުފެއްދި ބިލެއް. ތިން ބާރު އޮވޭ، ތިން ބާރު ވަކިންތޯ އޮތީ؟ ތިން ބާރު އޮތީ މަސްހުނިވެފައި. ބާކީ އޮތީ ރައްޔިތުންގެ އަޑު،" ޝުއޫރު ފާޅުކުރި ޒުވާނަކު ބުންޏެވެ.
"ރަނގަޅު ގޮތަކީ މިހާރު އޮތް ސިސްޓަމް ރަނގަޅު ކޮށްގެން މީތި ރެގިއުލޭޓް ކުރުން،" ހިޔާލު ހިއްސާކުރި ކޮންޓެންޓް ކްރިއޭޓަރަކު ބުންޏެވެ.
މިނިވަން މީޑިއާ ނައްތާލާ ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.
ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރަމުން އަންނައިރު ނޫސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ ބިލު ބޭރުކޮށްލަން އެދިފަ އެވެ. އެ ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، އެވެ.
ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުން ދަނީ ސޯޝަލް މީޑިއާގައި އެ ބިލު ފާސްކުރަން ގޮވާލަމުންނެވެ.
ރައްޔިތުން ތިބީ "ހިޔާލާ ފިކުރު ކަފުނަށް" ދޫކުރާ ގޮތަކަށް ނޫން! ރައްޔިތުން ތިބީ "ހިޔާލާ ފިކުރު ކަފުނަށް" ދޫކުރާ ގޮތަކަށް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ