ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ މަގުބޫލު އެއް ރަށް ކަމަށްވާ، ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕްގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ވެލާ ސްޕޯޓްސް ކްލަބުން އިރުމަތި ފުޓްބޯލް ކްލަބާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް މި ދެ ޓީމު ބައްދަލުކުރިއިރު، އެ މެޗުން އިރުމަތިން ވަނީ 2-0 އިން ކުރިހޯދައިފަ އެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި، އިއްޔެ ހަވީރު، އިރުމަތިން ވަނީ 5-2 އިން ސީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިފަ އެވެ. ދެ ވަނަ ސެމީ ފައިނަލުގައި، ހުސް ސޮނގުން ފުޓްބޯޅަ ޓީމު އަތުން ވެލާ އިން މިއަދު މޮޅުވީ ޕެނަލްޓީ ޖަހައިގެން، 4-3 އިންނެވެ.
އޭދަފުށީ ޓާފް ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ކުރީކޮޅުގައި އިރުމަތިން ލީޑުނެގީ މެޗުގައި ހަތަރު ގޯލު ޖެހި، ޕްރިންސް ބޯޑޫ ވައްދާލި ގޯލުންނެެވެ. ލީޑުފުޅާކުރި ލަނޑު އިރުމައްޗަށް ޖަހައިދިނީ، ހަސަން އަޒޫމް އަލީ އެވެ. އިރުމަތި އެފްސީން ދެ ގޯލުގެ ލީޑެއްގައި އޮވެ، ހާފު ނިންމާލުމުގެ އުންމީދުގައި އޮއްވައި، ސީސީ އަށް ކުޅޭ ގައުމީ ފުޓްބޯޅަ ޓީމުގެ އަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ދެ ވަނަ ހާފަށް ނުކުމެ، ޕްރިންސް ވަނީ އިތުރު ތިން ގޯލު ޖަހައި މެޗުގައި، އިރުމައްޗަށް ހަމަޖެހިލަން ފުރުސަތު ދީފަ އެވެ.
އިރުމަތި ޓީމުގެ ޝިއާން (ކ) ކައިިރިން ސީސީގެ ސެންޓޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އޭދަފުށި ކައުންސިލް
އެކަމަކު، މެޗުގެ ފަހުކޮޅުގައި ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން ޕްރިންސް އަށް ރަތް ކާޑެއް ދެއްކި އެވެ. އަދި، ސީސީގެ އޮފިޝަލަކަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ސީސީން މެޗުގައި ޖެހި ދެ ވަނަ ގޯލު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ސެންޓޭ އެވެ.
ވެލާ އިން ފައިނަލަށް ދަތުރު ކޮށްފައިވަނީ މިއަދު ހުސް ސޮނގުންނާ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވެ، ޕެނަލްޓީގައި، 3-2 އިން ކުރި ހޯދައިގެންނެވެ.
މި މެޗުގެ ބޮޑުބައި ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފައި އޮތްއިރު، 87 ވަނަ މިނިޓްގައި ކޯނަރަކުން އައި ބޯޅައެއްގައި، ވެލާގެ އަހުމަދު ސުހައިލް (ބަމްޕުޗު) ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ކޯނަރަކުން އައި ބޯޅައެއް އޭނާ ވަނީ ވެއްޓިގެންފައި ގޯލަށް ވައްދާލައިފަ އެވެ. މެޗު ނިމެން ދަނިކޮށް ހުސް ސޮނގުން އެއްވަރުކުރީ ޕެނަލްޓީ އަކުން އިބްރާހިމް އޮލަޑިމޭޖީ ޖެހި ގޯލުންނެވެ.
މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީގަ އެވެ. ޕެނަލްޓީގައި، ވެލާގެ ކީޕަރު މިފްދާދު އަހުމަދު ވަނީ ތަފާތު ދައްކައިފަ އެވެ. ހުސް ސޮނގުންގެ އިބްރާހިމް އާއި އަހުމަދު ހުމައިދު ޕެނަލްޓީތައް ކާމިޔާކުރިއިރު، މިފްދާދު ވަނީ މުހައްމަދު ރަފްހާން އާއި ހާފިޒު އަހުމަދު ޖެހި ޕެނަލްޓީތައް މަތަކޮށްފަ އެވެ. އަދި، ނަޝާހު އަހުމަދު (ނައްޓު)ގެ ޕެނަލްޓީ ވެސް ކާމިޔާބުނުވި އެވެ.
ވެލާގެ ބަންބުޗްގެ ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ. ވެލާ އަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ، އެ ޓީމުގެ އުޒްބެކިސްތާން މިޑްފީލްޑަރު، އަހްރޯރް އުމަރުޖަނޯވާއި ޖަސުބެކް އެރްމަަމަޓޯވްގެ އިތުރުން މުހައްމަދު ޝާން އެވެ.
ވެލާ އާއި އިރުމަތިން ބައްދަލުކުރާ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ، އަންނަ ހޯމަ ދުވަހު، ހަވީރު އެވެ.
އެދަފުށި ކަޕް ފައިނަލުގައި ވެލާ އާއި އިރުމަތީގެ ކުރިމަތިލުމެއް އެދަފުށި ކަޕް ފައިނަލުގައި ވެލާ އާއި އިރުމަތީގެ ކުރިމަތިލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ