އޭޖީގެ އައު ގާނޫނާއެކު، ނުފޫޒުން އެއްކިބާވުން އެތައް ގުނައެއް އިތުރު ވެއްޖެ: އުޝާމް

ބަންޑާރަ ނައިބުގެ އޮފީހުގެ އައު ގާނޫނާއެކު، ނުފޫޒުތަކުން އެއްކިބާވެގެން ހުރުމަށް ބަންޑާރަ ނައިބަށް ބާރުއަޅާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އުޝާމް ވިދާޅުވީ، އެ އޮފީހުގެ މަސައްކަތް ހަރުދަނާ ކުރުމަށް އެންމެ މުހިންމު މަސައްކަތެއް ކުރެވުނީ މި އަހަރު ކަމަށެވެ. އެއީ، މެއި 29ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވި އެ އޮފީހުގެ ބިލާއެކު ކަމަށް އުޝާމް ވިދާޅުވިއެވެ. އެ ބިލުގެ މަސައްކަތް 2009 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އުޝާމް ވިދާޅުވީ އައު އިސްލާހުތަކާއެކު މިހާރު ގާނޫނުން، ބަންޑާރަ ނައިބު ނުފޫޒުތަކުން އެއްކިބާވެގެން ހުރުމަށް ބާރުއަޅާ މިންވަރު އިތުރުވި ކަމަށެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނުގެ ސަބަބުން ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތައް ވަކި އަތަކަށް ނުޖެހި، ނުފޫޒުތަކުން އެއްކިބާވެ، ހަމައެކަނި ގާނޫނު އަސާސީއަށާއި ގާނޫނަށް ތަބާވެގެން ހުރުމަށްޓަކައި ބާރުއަޅާ މިންވަރު އެތައް ގުނައެއް އިތުރުވެެއްޖެބަންޑާރަ ނައިބު އަހުމަދު އުޝާމް އައު ގާނޫނާއެކު، އޮފީހަށް އިންގިލާބީ ބަދަލުތަކެއް އައިސް، މުވައްޒަފުންނަށް ގިނަ ފައިދާތަކެއް ވާނެ ކަމާމެދު ޝައްކެއް ނުކުރައްވާކަމަށް އޭޖީ ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެ އޮފީހަކީ ހަމައެކަނި ގާނޫނީ މުއައްސަސާއެއް ނޫން ކަމަށެވެ. އެގޮތުން، އެއީ އިންސާފަށާއި ހަމަހަމަކަމާއި އަދުލާއި ގާނޫނުގެ ވެރިކަމަށް ރާއްޖޭން ދޭ އަހަންމިއްޔަތު ކަމުގެ ނިޝާނެއް ކަމަށް ވިދާޅުވިއެވެ. ބަންޑާރަ ނައިބު އުޝާމާއި ރައީސް މުއިއްޒު: އުޝާމް ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނަށް އައި ބަދަލާ ގުޅުވައި ވާހަކަދައްކަވާފައި --- ފޮޓޯ/ ރައީސް އޮފީސް ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުނުއިރު، އެ އޮފީހުގެ އުސޫލުތައް ދެމެހެއްޓުމަށާއި ރައްޔިތުންނަށް ތެދުވެރިކަމާ އެއްކޮށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށް އިގުރާރުވާކަމަށް އޭޖީ ވަނީ އިލްތިމާސްކުރައްވައިފައެވެ. އުޝާމް އެ އޮފީހުގެ ގާނޫނަށް އައި ބަދަލާ ގުޅުވައި ވާހަކަދެއްކެވިއިރު، މި ހިނގާ މަޖިލީހުން ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް ވަނީ ދެ އިސްލާހެއް ގެނެސްފައެވެ. އިސްލާހުގައި ވަނީ މީގެ ކުރިން ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމަށް ބަންޑާރަނައިބަށް ލިބިދީފައި އޮތް ބާރު ހަނިކޮށްފައެވެ. އަދި، އެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި، ރައީސުލްޖުމްޙޫރިއްޔާގެ ހުއްދަ ލިބެންޖެހޭ ގޮތަށް ބަދަލުކޮށްފައިވެއެވެ. އޭގެކުރިން ވަނީ، ބަންޑާރަނައިބުގެ އޮފީހަށް ޑެޕިއުޓީ އޭޖީއަކު އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިސްލާހެއް ތަސްދީގު ކުރައްވާފައެވެ. https://sun.mv/206669 ގާނޫނުއަސާސީގައި އޭޖީ އޮފީސް މިނިވަން ތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތަސް، މިހާތަނަށް އެ ތަން ހިންގަމުން އައީ ސިވިލް ސާވިސްގެ ދަށުންނެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ މުއައްސަސާތައް ހިންގަނީ ވަކި ގާނޫނުތަކެއްގެ ދަށުންނެވެ. ހަމަ އެ ގޮތަށް 2021ވަނަ އަހަރު އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނާއެކު، ފޮރިން މިނިސްޓްރީ ވެސް ވަނީ ސިވިލް ސާވިސްގެ ދަށުން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ