އެމްބާޕޭގެ ގޯލާ އެކު މޮޅުވެ ރެއާލުން ރެކޯޑް ދަމަހައްޓައިފި އެމްބާޕޭގެ ގޯލާ އެކު މޮޅުވެ ރެއާލުން ރެކޯޑް ދަމަހައްޓައިފި

މެޑްރިޑް (ސެޕްޓެމްބަރު 13) - މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ރެއާލް މެޑްރިޑުން ކީލިއަން އެމްބާޕޭ ޖެހި ގޯލާ އެކު، 2-1 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ލީގުގައި މި ފަހަރު ފަށައިގެން ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.
ސޮސިއެޑާޑް ދަނޑުގައި ކުޅުނު މި މެޗުގެ 32 ވަަނަ މިނިޓްގައި، ރެއާލްގެ ޑިފެންޑަރު ޑީން ހައުސަން އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ، މި ފަހަރު ބޯންމައުތު ދޫކޮށް ރެއާލަށް ބަދަލުވި ހައުސަން އަށް ދެއްކި ދެ ވަނަ ރަތް ކާޑެވެ.
ހައުސަން އަށް ރަތެެއް ދެއްކިއިރު، ރެއާލުން އޮތީ 12 ވަނަ މިނިޓްގައި އެމްބާޕޭގެ ގޯލުން ލީޑުގަ އެވެ. އެ ރަތް ކާޑުގެ ސަބަބުން ކުޅުންތެރިއަކު މަދުވެ، ކޮންމެ ވެސް ވަރަކަށް ސޮސިއެޑާޑަށް ޖާގަ ލިބި ކުޅެން ފެށި އެވެ. އެހެން ނަމަވެސް، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުފުޅާކޮށްފަ އެެވެ.
މެޗުގެ 44 ވަނަ މިނިޓްގައި، ސޮސިއެޑާޑްގެ އޭރިއާތެރެއިން ޖާގައެއް ހޯދައި، އެމްބާޕޭ ދިން ބޯޅައެއް، އެ ޓީމުގެ އާޑާ ގުލާ ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 11 މިނިޓް ތެރޭ، ސޮސިއެޑާޑުން ލަނޑެއް ޖެހި އެވެ. މި ގޯލު ޕެނަލްޓީ އަކުން ޖެހީ މިކޭލް އޮޔާޒަބާލް އެވެ. މިއީ، ރެއާލްގެ ޑިފެންޑަރު، ޑެނީ ކާވަހާލް އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ދިފާއުކުރަން އަތްލުމުން ދިން ޕެނަލްޓީ އެކެވެ.
އިތުރު ގޯލެއް ޖަހައި، އެއްވަރުކުރަން ސޮސިއެޑާޑުން ކުރި މަަސައްކަތް ކާމިޔާބެއްނުވި އެވެ. ރެއާލުން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.
ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ރެއާލުން މި ވަނީ ކުޅުނު ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ