ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: ވާދަވެރި ކުޅުމަކަށް ފަހު ރާއްޖެ އަތުން ޕާކިސްތާނަށް މޮޅެއް ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް: ވާދަވެރި ކުޅުމަކަށް ފަހު ރާއްޖެ އަތުން ޕާކިސްތާނަށް މޮޅެއް

ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ތިން ވަނަ މެޗުގައި، ވާދަވެރި ކުޅުމަކަށް ފަހު މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ޕާކިސްތާން އަތުން ބަލިވެއްޖެ އެވެ.
ޖުމްލަ އެކު، ހަ ގައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން 2-1 ސެޓުން މޮޅުވިއިރު، މިއަދު ހެނދުނު ދެކުނު އެފްރިކާ އަތުން މޮޅުވީ ސީދާ ސެޓުންނެވެ. އިތުބާރާ އެކު، މިރޭ ޕާކިސްތާނާ ދެކޮޅަށް ނުކުމެ، ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ. ކުޅުދުއްފުށި ބީޗްހޭންޑްބޯޅަ ކޯޓުގެ ފޯރިގަދަ މާހައުލުގައި، ކުޅުނު މެޗުގެ ފަހު ވަގުތާ ހަމައަށް ރާއްޖޭން ހިތްވަރު ކުރި ނަމަވެސް ޕާކިސްތާނުގެ ތަޖުރިބާގެ ބޭނުންކޮށް، ޕެނަލްޓީ ޝޫޓައުޓުގައި އެ ޓީމުން ކުރިހޯދީ އެވެ.
ރާއްޖޭން މެޗު ފެށީ ފުރަަތަމަ ދެ މެޗުގެ ނަތީޖާގެ އިތުބާރާ އެކު، އެ ހިތްވަރު ދައްކައި، ފުރަތަމަ ސެޓު، 16-15 އިން ގެންދިޔަ އެވެ. އެކަމަކު، ދެ ވަނަ ސެޓުގައި ޕާކިސްތާންގެ ކުޅުންތެރިން ހަމަޖެހިލައިގެން ކުޅެ، ޕްރެޝަރާ ކުރިމަތިލައި، 10-22 އިން މި ސެޓު ގެންގޮސް ނަތީޖާ ނެރުމަށް ޕެނަލްޓީ ޝޫޓައުޓަށް ދިޔަ އެވެ. ޝޫޓްއައުޓުގައި ވެސް ޕާކިސްތާނުން މުހިންމު ވަގުތުތަކުގައި ހަމަޖެހިލައިގެން ކުޅެ، 6-7 އިން މޮޅުވީ އެވެ.
މި މުބާރާތުގައި ޕާކިސްތާނުން މިހާތަނަށް ކުޅުނު ތިން މެޗުގައި، އިންޑިއާ އާއި ލަންކާ އަތުން މޮޅުވީ ސީދާ ދެ ސެޓުންނެވެ. ޕާކިސްތާން ކައިރިން ސެޓެއް ހޯދީ ވެސް ރާއްޖޭން އެކަންޏެވެ.
މުބާރާތުގެ ކުޅުން ދެން އޮތީ މާދަމާ މެންދުރު ފަހު އެވެ. މާދަމާ ލީގު ބުރުގެ ބާކީ މެޗުތައް ކުޅޭއިރު، ރާއްޖޭން މާދަމާ 16:15 ގައި ބަންގްލަދޭޝާ ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި، މާދަމާރޭ 22:00 ގައި ރާއްޖޭން އިންޑިއާއާ ބައްދަލުކުރާނެ އެވެ،
ފުރަތަމަ ސެމީ ފައިނަލުގައި، ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އާއި ހަތަރު ވަނަ އެވެ. ދެ ވަނަ ސެމީ ފައިނަލުގައި ދެ ވަނަ އާއި ތިން ވަނަ ކުޅޭއިރު، ސެމީ ފައިނަލުން ބަލިވާ ޓީމުތަކުގެ މެދުގައި ތިން ވަނަ ހޮވާ މެޗެއް، އަދި ލީގު ބުރުގެ ފުލަށް ދާ ދެ ޓީމުގެ ދެމެދުގައި ރޭންކިން މެޗެއް ކުޅޭނެ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ހޯމަ ދުވަހުގެރޭ 20:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ