ފަލަސްތީނުގެ ރައީސް އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަން ފުރުސަތު ދޭން ފާސްކޮށްފި
މި މަހުގެ 23 އިން 29 އަށް އެމެރިކާގެ ނިއު ޔޯކު ސިޓީގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ވީޑިއޯ މެދުވެރިކޮށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއަށް ދޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ. ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ އައްބާސް ހިމެނޭހެން އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަލަސްތީނުގެ 80 ވަރަކަށް އޮފިޝަލުންނަށް އެމެރިކާއިން ވިސާ ނުދޭން ނިންމާފައިވަނިކޮށެވެ. އައްބާސްއަށް ފުރުސަތު ދޭން ހުށަހެޅި ހުށަހެޅުން ފާސްވީ 145 މެމްބަރުންގެ ތާއީދާއެކުއެވެ. ހުށަހެޅުމާ ދެކޮޅަށް ފަސް މެމްބަރުން ވޯޓު ލާފައިވާއިރު، ވަކި ކޮޅަކަށް ވޯޓު ނުދޭ ހަ މެމްބަރުން ތިއްބެވެ. އާންމު މަޖިލީހުގައި ވޯޓުލުމުގެ ދުވަސްތަކެއް ކުރިން ފްރާންސާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް އެމެރިކާގެ އެކުވެރި ގިނަ ގައުމުތަކުން ވަނީ އައްބާސްއަށް ވިސާ ނުދޭން ނިންމި ނިންމާމެދު ވިސްނުމަށް އެމެރިކާއަށް އިލްތިމާސް ކޮށްފައެވެ. އެ ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމެރިކާއަށް ވަނީ އަމާޒުވެފައެވެ. އެކަމާ ގުޅިގެން އދ.އިން ބުނީ އެއީ ހޯސްޓް ކަންޓްރީގެ ގޮތުގައި އދ.އާ އެކު އެމެރިކާއިން ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުންތަކާއި ޑިޕްލޮމެޓިކް ބޭނުމުގައި ނިއުޔޯކަށް ޒިޔާރަތް ކުރުމުގެ ހުއްދަ ސަރުކާރުގެ ލީޑަރުންނަށް ދިނުމަށް ލާޒިމުކުރެއެވެ. އެމެރިކާއިން ފަލަސްތީން ސަރުކާރުގެ އޮފިޝަލުންނަށް ވިސާ ނުދޭން ނިންމާފައިވަނީ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރުމަށް ފްރާންސުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސްއަޅައި އިސްރާއީލަށް ވާގިވެރިވުމަށް ކަމަށް މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. އައްބާސް އަންނަނީ އަންނަ ހަފްތާގައި ފްރާންސާއި ސައުދީ އަރަބިއްޔާއިން ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ފްރާންސާއި، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާއިން ވެސް ވަނީ ފަލަސްތީނުގެ ބަލައިގަތުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ