ގާނޫނު މުގުރާފައި، ގާނޫނާ ހިލާފަށް ކަންކުރަން، މި ގައުމުގައި އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ގާނޫނު ނެގެހެއްޓެވުމަށްކަން ފާހަގަކުރައްވައި، ގާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނޭކަން އެމަނިކުފާނު ހަނދުމަފުޅު ކޮށްދެއްވިއެވެ. މާތްﷲ ގަންދެއްވާ އެމަނިކުފާނު ހުވާ ކުރައްވާފައި ވަނީ އިސްލާމީ ހަމަތަކާއި އެއްގޮތަށް ދައުލަތް ހިންގެވުމަށް ކަމަށާއި، އެގޮތުގައި އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކުގައި ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެކަމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅުއްވާނޭ ކަމަށެވެ.
"އެކަކަށް ވެސް ގޮންޖަހާލާފައި ގާނޫނަކާ ހިލާފަށް މިތާކު، ގާނޫނަކަށް ތަބައެއް ނުވާނަމޭ ބުނެފައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން," ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަނީ -- ފޮޓޯ: ރަައީސް އޮފީސް
ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހީން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ހިފަހައްޓަން ޖެހޭކަން ވެސް އެމަނިކުފާނު ހަނދުމަފުޅު ކޮށްދެއްވި އެވެ.
އަދި ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާނީ، ކޮންމެ ރައްޔިތެއްގެވެސް ސިކުނޑި ތަރައްގީކޮށް، އެމީހަކަށް ހައްގު އިހްތިރާމާއި އިއްޒަތް އަނެކާއަށްވެސް ހައްގުވާނޭކަން ބަލައިގަނެ، އެގޮތަށް އަމަލުތައް ބެހެއްޓުމުންކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ ބަލާލުމެއް ނެތި، އަނެކާއާ ދޭތެރޭ ދޮގު ވާހަކަދެއްކުމަކީ، މުސްލިމުންނަށް ވީތީވެސް، އަދި އިންސާނުންނަށް ވީތީވެސް، ދުރުހެލިވާން ޖެހޭ ކަމެއް ކަމަށެވެ.
ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އާއި ރައްޔިތުންނަށްވެސް، އެއްވެސް ހިފެހެއްޓުމެއް ނެތި އެބައޮތް ކަމުގައި އެމަނިކުފާނު މިރޭ ތަކުރާރުކޮށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަނީ -- ފޮޓޯ: ރަައީސް އޮފީސް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުންވެސް އަންގަނީ، ސާބިތުނުކުރެވޭ ވާހަކަ ނުދެއްކުމަށް ކަމަށާއި، ސާބިތުނުކުރެވޭ ވާހަކައެއްނަމަ، އެއީ ސާބިތުނުކުރެވޭ ވާހަކައެއްކަން ހާމަކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ގާނޫނާ ބެހޭގޮތުން ގޮތްނިންމުމުގައި ވެސް، މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ބުއްދިން ވިސްނައިގެން ގޮތްނިންމުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުން ވަނީ، އިހްތިރާމާއި ކުލުނާއި ލޯބި އެކުލެވިގެންވާނޭ ގޮތުން، ގައުމުގައި ހަމަޖެހުން ގާއިމުވެގެންދިއުން ކަމަށެވެ. އަދި ގައުމުގައި ހަމަނުޖެހުން އިއާދަވާން ބޭނުންނުވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނު މުގުރާފައި، ގާނޫނާ ހިލާފަށް ކަންކުރަން ފުރުސަތެއް ނުދޭނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ