މުއިއްޒުގެ ހަރުކަށި އިންޒާރެއް: "ގޮންޖަހާފައި ގާނޫނަކަށް ތަބާނުވާނަމޭ ބުނެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން" މުއިއްޒުގެ ހަރުކަށި އިންޒާރެއް: "ގޮންޖަހާފައި ގާނޫނަކަށް ތަބާނުވާނަމޭ ބުނެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން"

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ކުރުމުގެ ހައްގު ނިގުޅަައިގަތުމަށް ފާސްކުރި ގާނޫނަށް ބޯނުލަނބާނެ ކަމަށް ނޫސްވެރިން ބުނަމުން ދަނިކޮށް ގާނޫނަށް ގޮންޖަހައި އެއަށް ތަބާނުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ހަރުކަށި އިންޒާރެއް ދެއްވައިފި އެވެ.
މުއިއްޒުގެ ފުރިހަމަ ބާރު ހިނގާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު ތަންފީޒުކުރަން ވަނީ ފަށާފަ އެވެ. ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުން އެ ގާނޫނަށް ގޮންޖަހައި "ފްރީ ޕްރެސް ކައުންސިލެއް" އެކުލަވާލަން ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.
ފަހުގެ ތާރީހެއްގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމަށް އެންމެ ބޮޑު ހަމަލާއެއް ދެއްވުމަށް ފަހު ފުރަތަމަ ފަހަރަށް އެކަމާ ގުޅޭގޮތުން މުއިއްޒު ދެއްކެވި ވާހަކަތަކުގައި ވެސް ދެއްވީ ހަރުކަށި އިންޒާރެކެވެ. ގާނޫނުއަސާސީގެ ތަރަހައިގެ ބޭރުން އަދި ގާނޫނު ހެދުމުގެ އިޖުރާއަތްތަކާ ހިލާފަށް އެކުލަވާލި ގާނޫނުގެގެ ނަން ވިދާޅުވި ނަމަވެސް މިރޭ ފެލިދޫގައި މުއިއްޒު ނޫސްވެރިންނަށް ދެއްވީ އިންޒާރެކެވެ.
"އެކަކަށް ވެސް ގޮންޖަހާލާފައި ގާނޫނަކާ ހިލާފަށް މިތާކު، ގާނޫނަކަށް ތަބައެއް ނުވާނަމޭ ބުނެފައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން، އަޅުގަނޑަށް ކޮށްގެން ހުރި ހުވާގައި ހުރި ފުރުސަތެއް ނޫން އެއީކީއެއް،" ވަރަށް އަޑަށް ބާރު ލައްވާފައި މުއިއްޒު ވިދާޅުވި އެވެ.
ޣައިރު ދުސްތޫރީ ގާނޫނަކަށް ތަބާނުވާން ނިންމުން މުއިއްޒު ސިފަކުރެއްވީ ޖަންގަލީގެ އުސޫލުގެ ގޮތުގަ އެވެ. ސަރުކާރު ނުރުހޭ ގޮތަށް ހިޔާލު ފާޅުކުރާ މީހުން މި ބިލާއެކު ފެތޭނީ "ގައުމީ ސަލާމަތުގެ ގޮޅިއަކަށް" ނުވަތަ "ނަފްރަތު ފެތުރުމުގެ ގޮޅިއަކަށް" ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. އަހްމަދު އަލީ ސަވާދު ވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ ވަކީލުން އަންނަނީ މި ބިލަކީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތަކެއް ހިފެހެއްޓޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނަމުންނެވެ.
"އެކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން އަޅުގަނޑެއް. އަޅުގަނޑު އިރާދުކުރެއްވިއްޔާ މި ދައްކާ ވާހަކައެއް މި ދައްކަނީ މި ދެއްކެނީ ކޮން ވާހަކައެއްކަން ވަރަށް ރަނގަޅަށް އެނގި ހުރެ ހިތުގެ އެންމެ ފުންމިން ގަބޫލުކޮށްގެން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އިއްޔެ މުއައްސަސާއެއް އުފައްދަވާފަ އެވެ. އެއީ މީޑިއާތައް ކޮންޓްރޯލްކޮށް ހިޔާލުގައި ތަޅު އެޅުވުމުގެ އެންމެ އިސް ޒިންމާ އަދާކުރާނެ ކޮމިޝަނެވެ.
ނޫސްވެރިންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ އަމިއްލަ ނިޒާމެއް ގާއިމުކުރަން ފާސްކުރުމުގެ އިތުރުން ގާނޫނު ބާތިލްކުރަން ހައިކޯޓަށް ހުށަހެޅުމާއި އަލަށް އުފައްދާ މީޑިއާ ކޮމިޝަންގެ އިންތިހާބު ބޮއިކަޓުކުރަން ބާރު އެޅުން އަދި ސެޕްޓެމްބަރު 16 ވަނަ ދުވަހު ފުލުހުން ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ އާއި ނޫސްވެރިންގެ މުދަލަށް ގެއްލުން ދިން މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރަ ވެސް ނޫސްވެރިން އޮތީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ