ވިކްޓަރީ ބަލިކޮށް ބުރުން މޮޅަކުން ފަށައިފި ވިކްޓަރީ ބަލިކޮށް ބުރުން މޮޅަކުން ފަށައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް ކައިރިން 5-0 އިން ކުރިހޯދައި، ބުރު ސްޕޯޓްސް ކްލަބުން މޮޅަކުން މި ފަހަރުގެ ސީޒަން ފަށައިފި އެވެ.
މިއީ، ހަ އަހަރަށް ފަހު، ފުރަތަމަ ޑިވިޝަނުގައި ވިކްޓަރީން ކުޅުނު ފުރަތަމަ މެޗެވެ. އެ ޓީމު، 2019 ވަނަ އަހަރު ޑިސެމްބަރު މަހު، ސަސްޕެންޑްކުރުމުން ފުރަތަމަ ޑިވިޝަނުން، ދެ ވަނަ ޑިވިޝަނަށް ސޮއްސާލި އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރު ސަސްޕެންޝަނުން ސަލާމަތްވެ، ދެ ފަހަރެއްގެ މަތިން ދެ ވަނަ ޑިވިޝަނުގައި، ކުޅެ، އެންމެ ފަހުން ކުޅުނު މުބާރާތުގެ ފައިނަލަށް ގޮސް، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ އެވެ.
އަނެއްކޮޅުން، މިއީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން، ބުރުން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. މި އަހަރުގެ ސީޒަން ދިގުލައިދާތީވެ، މެއި މަހު އެފްއޭއެމް އިން ބޭއްވި ލީގު ކަޕްގައި، ވިކްޓަރީ އާއި ބުރު ނުކުޅެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން، ނުވަ ވަނަ މިނިޓްގައި، ބުރުން ލީޑުނެގި އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން، ބުރުގެ މިޑްފީލްޑަރު، އަބްދުﷲ ޖުނައިދު (ޖެންނޭ) ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ވިކްޓަރީގެ ކުުޅުންތެރިންގެ ތެރެއިން ގޮސް ބޯޅަ ގޯލަށް ވަންއިރު، އެ ޓީމުގެ ކީޕަރު، އަބްދުﷲ ޔާމީން އަށް އެ ބޯޅަ ހުއްޓުވޭނެ ގޮތެއް ނުވި އެވެ.
ބުރުން ލީޑުފުޅާކުރީ، 24 ވަނަ މިނިޓްގަ އެވެ. މިއީ، ވިކްޓަރީގެ ނަޝާހު އަހުމަދު (ނައްޓު) އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދޭން ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި، ބުރުގެ ބްރެޒިލްގެ ފޯވާޑް، ހުޑްސަން ޑިއާޒް އޭރިއާތެރެއަށް ވަދެ، ކީޕަރު ޔާމީން ކައިރިން ނައްޓާފައި ޖެހި ގޯލެކެވެ.
ވިކްޓަރީ އަށް ލަނޑެއް ޖަހައިދޭން އޭރިއާބޭރުން، އެ ޓީމުގެ ހުސެއިން ފައިސަލް (ފައިޓޯ) ޖެހި ޝޮޓެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. އޭގެ ފަހުން، މެޗުގެ 74 ވަނަ މިނިޓްގައި ބުރުގެ އިބްރާހިމް އުސާމާ އަބްދުލް މަޖީދު (އުކާ) ނެގި ހުރަހަކަށް އަރައި، ހުޑްސަން ވަނީ ބުރުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ބުރުގެ މުހައްމަދު ނާއިމް ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.
ބުރުން ހަތަރު ވަނަ ލަނޑު ޖެހީ، އިތުރު ވަގުތުގައި ނާއިމް އެވެ. އޭރިއާބޭރުން ނާއިމް ޖެހި ބޯޅައެއް ގޯލަށް ވަނީ ކީޕަރު، ޔާމީން އަތުގައި ޖެހިފަ އެވެ. އަދި، ނާއިމް ދިން ޕާހަކަށް އޭރިއާތެރެއަށް އަރައި އަޒުހަދު މުހައްމަދު ޒާހިދު ވަނީ އެއްފަހަރުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލީގުގައި މާދަމާ ހަވީރު، 16:00 ގައި އޮޑި ސްޕޯޓްސް ކްލަބުން ޔުނައިޓެޑް ވިކްޓަރީއާ ކުޅޭނެ އެވެ. އަދި، މާދަމާރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ކްލަބް ވެލެންސިއާއާ ކުޅޭނީ، 21:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ