ލަންކާގައި ގަވާއިދަށް ނުފެތޭ ކޯސްތަކެއް، ސަމާލުވާން ބުނެފި

އަވައްޓެރި ސްރީލަންކާގައި ގަވާއިދާ ޚިލާފަށް ކޯސްތަކެއް ހިންގާތީ، ދިވެހި ދަރިވަރުން އެ ގައުމުގައި ކިޔަވަން ފެށުމުގެ ކުރިން ސަމާލުވާން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން އެދެފި އެވެ.އެމްކިއުއޭ އިން ބުނީ ގިނަ އަދަދެއްގެ ދިވެހިން ކިޔަވަމުން އަންނަ، ސްރީ ލަންކާގެ ޔުނިވާސިޓީތަކުން ބޭރުގެ އެކި ގައުމުތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގަމުން އަންނައިރު އެ ތަންތަަނަށް ޕްރޮގްރާމް ހިންގަން ހުއްދަ ދީފައިނުވާ ކަމަށެވެ. އެހެންވެ އެ ތަންތަނުން ހިންގާ ޕްރޮގްރާމްތަކުގެ ސެޓިފިކެޓް ރާއްޖެއިން ގަބޫލުނުކުރާނެ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.އެމްކިއުއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ދިވެހި ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ބޭނުންވާ މަރުކަޒަކީ އެމްކިއުއޭގައި ބަޔާންކުރާ މިންގަނޑުތަކަށް ފެތޭ އަދި އެ އެ އޮތޯރިޓީން ގަބޫލުކުރާ ތަނެއްތޯ ކަށަވަރުކުރަން އިލްތިމާސްކޮށްފަ އެވެ.ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔާ ޑިޕްލޮމާއިން ދަށުގެ ޓާޝަރީ ޕްރޮގްރާމްތަކަށެވެ. އަދި، ސްރީލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށް ވުރެ މަތީގެ ޕްރޮގްރާމްތަކަށެވެ.އެކަމަކު، ހުއްދަ ދޭ މިންގަނޑާ ހިލާފަށް ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަމާއި، އެ ފަދަ ޕްރޮގްރާމްތައް އެހެން ގައުމަކާ ގުޅިގެން ހިންގާކަން ވެސް އެނގިފައިވާ ކަމަށް އެމްކިއުއޭގެ ބަޔާނުގައިވެއެވެ. އެއީ، ހުއްދަ ލިބިގެން ހިންގާ ޕްރޮގްރާމްތަކެއް ނޫންކަން ބަޔާނުގައި ވެއެވެ.މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމަށް ރާއްޖޭގެ މަރުކަޒާއި ބޭރުގެ މަރުކަޒާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމުގެ ކުރިން އެ ކަންކަމަށް ކިޔަވައިދޭ މަރުކަޒުތަކުން ސަމާލުވުމަށް ވެސް އެ އިއުލާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ