ފ. ދަރަނބޫދޫގައި ހިންގަން ނިންމާފައިވާ މަޝްރޫޢުތައް ރަނގަޅުފެންވަރުގައި ކުރިއަށް ގެންގޮސްދެއްވައި، ރަށުގެ ތަރައްޤީ ޔަޤީންކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ފ. ދަރަނބޫދޫގައި ހިންގަން ނިންމާފައިވާ މަޝްރޫޢުތައް ރަނގަޅުފެންވަރުގައި ކުރިއަށް ގެންގޮސްދެއްވައި، ދަރަނބޫދޫގެ ތަރައްޤީ ޔަޤީންކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެރަށުގައި މިއަދު ފެށި މަޝްރޫޢުތަކާއި ކުރިއަށް ހުރި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިއަދު ޢަމަލީ މަސައްކަތް ފެށި ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ނިމޭއިރު އެތަނުގައި ވަސީލަތާއި ޖާގަ އިތުރުވެ، ޚިދުމަތްދޭވަގުތު 16 ގަޑިއިރަށް އިތުރުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދަރަނބޫދޫގައި މިއަދު ބިންގާއެޅި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ދާއިރު، ރަށުގައި އައުޓްޑޯ ވޮލީކޯޓަކާއި ފުޓްބޯޅަ ދަނޑެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، ދަރަނބޫދޫއަކީ މޮޅު އެތުލީޓުން ގިނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ފުޓްބޯޅަ ދަނޑާއިއެކު ދުވާ ޓްރެކެއްވެސް ހައްދަވައިދެއްވާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ނުދެވޭ ރަށްރަށުގައި، ފުލުހުންގެ ޚިދުމަތްދިނުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ދަރަނބޫދޫގައި މިއަހަރުތެރޭގައި، ފުލުހުންގެ އަމިއްލަ މަރުކަޒެއް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސުލްލްޖުމުހޫރިއްޔާ މިއަދު ރައްޔިތުންނަށް ދެއްވިއެވެ.
ދަރަނބޫދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަކީ، އިތުރަށް ދިރާސާކޮށްގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢެއް ކަމުގައިވާތީ، އެކަމާއި ގުޅޭ މިނިސްޓްރީއާއި ކައުންސިލްގެ މަޝްވަރާއާއި އެކު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ. 2026 ވަނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ