ގާނޫނު ތަކާއި ގަވައިދު ތަކާ ހިލާފަށް އައިލެންޑް އޭވިއޭޝަނުން މަތިންދާ ބޯޓެއް ވިއްކާލީ އަޅަންޖެހޭ އެންމެންނަށް ބައިއަޅައިގެން ކަމަށްވެއެވެ. ކޮރަޕްޝަނާއި ފަސާދައިންގެ ތެރެއިން ވިއްކާލި މަތިންދާ ބޯޓަކީވެސް ކުރީ ސަރުކާރުގެ ކަމެއްކަމަށް ހަދަން އުޅެން ހަދައިގެން އެކަންވެސް އެގޮވީ އަތަށެވެ.
ދޮގު ހަދަން އުޅެ ފުލެއް ބެދޭ ގޮތަށް މި ސަރުކާރަށް ދޮގެއް ހަދަން އެނގެނީއެއްވެސް ނޫނެވެ. 22 ސެޕްޓެމްބަރު 2022 ގައި ކޮށްފައިވާ އިއުލާނެއްގެ ދަށުން ވިއްކާލި ބޯޓެއް ކަމަށް ހަދަން އުޅެގެން އިތުރަށް އެވީ ބަރަހަނާއެވެ. އެބުނާ އިއުލާނެއްގެ ދަށުން ބޯޓު ގަތުމަށް ބިޑް ހުށަހަޅަން ޖެހެނީ 30 އޮކްޓޯބަރ 2022 އަށެވެ. އަނެއްކޮޅުން ބޯޓުވިއްކުމަށް 20 ނޮވެމްބަރ 2022 ގެކުރިން ކުންފުނީގެ ބޯޑުން ފާސްކޮށް ވިއްކުމުގެ އެގްރިމަންޓްގައި 30 ނޮވެންބަރ 2022 ގެ ކުރިން ސޮއިކުރަންޖެހެއެވެ. މިހެން އޮތް ކަމެއްގައި މުޅި އިޖުރާތު ބާތިލުވެ ދެ އަހަރެއްހާ ދުވަސްވީ ފަހުން 29 އޮގަސްޓް 2024 ގައި އިއުލާނުނުކޮށް މަތިންދާ ބޯޓެއް ވިއްކާލައިގެން ހިންގާލި ޖަރީމާ ނިކަން ދެކެބަލަާށެވެ.
އިއުލާނު ނުކޮށް ބަޔަކަށް ދޮންކަޅު އަންގާނުލާ 3.7 މިލިޔަން ޑޮލަރަށް މަތިންދާ ބޯޓެއް ވިއްކާލައިގެން އެތިބީ ހެވި ދިލިފައެވެ. އަދަދު ނޫހުގެ ހިއްވަރު ގަދަ ނޫސްވެރިން އެކަން ހޯދާ ބަލާ ހާމަ ނުކުރިނަމަ އޮންނާނީ ބޮޑު ސިއްރެއްގެ ގޮތުގައި ފަސްއެޅިފޮރުވިފައެވެ. މީޑިއާ ކޮންޓްރޯލް ކުރަން އެހާވަރުން ހިފާލާފައި މިސަރުކާރުން އެތިބީ މި ކަހަލަ ޖަރީމާތައް ފެންމަތިވިޔަ ނުދީ ހިންދާލުމުގެ ނުބައި ނިޔަތުގައެވެ.
ބަލަން ތިބޭށެވެ. އިއުލާނުނުކޮށް ގާނޫނާއި ހިލާފަށް އައިލެންޑް އޭވިއޭޝަނުން މަތިންދާ ބޯޓެއް ވިއްކަލި މައްސަލަ އޭސީސީން ބަލަން ފަށައިފިކަމަށް ބުނުމަކީ އަނެއް ސިހުރެވެ. މަޖިލީހުގެ މެޖޯރިޓީއާއިއެކު ހިނގަ ހިނގާ އޮންނަ ސަރުކާރެއްގެ ކޮރަޕްޝަން މައްސަލައަކީ އޭސީސީއަށް ބެލޭނެ އެއްޗެއްނޫނެވެ. ބަލާނެވެސް އެއްޗެއް ނޫނެވެ.
އޭސީސީ ކޮށްދޭނެހާވެސް ކަމަކީ ޖަރީމާ ހަލާލުކޮށް ދިނުމެވެ. ބޯޓު ވިއްކުމުގެ މުއާމަލާތު ހިންގައިފައި ވަނީ ގާނޫނާއި ގަވައއިދު ތަކުގައި ކަނޑައަޅާފައިވާ ވަރަށްވުރެވެސް މާރަނގަޅަށް ކަނޑައަޅާ ދިނުމެވެ. ޝަރީއަތަށް ފޮނުވަންޖެހޭ ވަރުގެ ކުޑަވެސް ކަމެއް މަތިންދާ ބޯޓު ވިއްކުމުގައި ހިނގާފައި ނުވާކަމަށް ނިންމާ މައްސަލަ ފައިލްކުރުމެވެ. އެހެން ނޫނީ ނުނިމޭ މައްސަލައެއްގެ ގޮތުގައި ދަންމާލާ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި ބަޔަކު ވާޖަހާ ގުދުކޮށްފާ ބޭއްތިއްބުން ނޫންކަމެއް އޭސީސީއަކުން ނުކުރާނެއެވެ.
އޭސީސީ ކޮށްދޭނެ ކަމަކީ މަތިންދާ ބޯޓު ވިއްކި ޖަރީމާ ހަލާލުކުރުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ