ސިއްހީ މަރުކަޒުތަކެއް އަޅަން ކުނި މެނޭޖުކުރާ ވެމްކޯއާ ހަވާލުކޮށްފި، އަގު 58 މިލިއަނަށް
ތިން ރަށެއްގައި ސިއްހީ މަރުކަޒަށް ބޭނުންވާ އިމާރާތެއްގެ މަސައްކަތް ކުނި މެނޭޖްކުރާ ސަރުކާރު ކުންފުނި، ވެމްކޯއާ މިއަދު ހަވާލުކޮށްފިއެވެ. މި ފަހުން ބައެއް މަޝްރޫއުތައް ކަމާ ނުގުޅޭ މިނިސްޓްރީތަކާ ހަވާލުކުރާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެހެން އޮއްވާ ހެލްތު މިނިސްޓްރީން މިއަދު ވަނީ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ކުނި މެނޭޖްކުރާ ކުންފުންޏާ ހަވާލުކޮށްފައެވެ. އެގޮތުން ވެމްކޯއާ ހަވާލުކުރި ތިން މަޝްރޫއު: ތ. ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ތ. މަޑިފުށީ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ގުރައިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވާ އާ އިމާރާތުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށް 325 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި، މަޑިފުށީ ސިއްހީ މަރުކަޒަށް ބޭނުންވާ އާ އިމާރާތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ ތެރޭގައި ނިންމާށެވެ. ގާދިއްފުށީ އިމާރާތުގެ މަސައްކަތް ވެސް ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް، 325 ދުވަހުން ނިންމާށެވެ. https://sun.mv/210190 މި އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އުބައިދެވެ. އަދި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް އަބްދުﷲއެވެ. މީގެ އިތުރުން، އދ. އަތޮޅާއި ފ. އަތޮޅުގެ ދެ މަޝްރޫއެއް ވަނީ އެމްޓީސީއާ ހަވާލުކޮށްފައެވެ. އެއީ: އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް މަޝްރޫއުގެ އަގު: 8.2 މިލިއަން ރުފިޔާ މަޝްރޫއުގެ މުއްދަތު: 300 ދުވަސް ފ. ފީއަލީ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް މަޝްރޫއުގެ އަގު: 21.6 މިލިއަން ރުފިޔާ މަޝްރޫއުގެ މުއްދަތު: 360 ދުވަސް އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. އަދި، ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. ތިން އަތޮޅެއްގެ ހެލްތު ސެންޓަރާ ގުޅޭ މަޝްރޫއުތަކެއް ވެމްކޯއާއި އެމްޓީސީސީއާ ހަވާލުކުރިއިރު އެ ތިން އަތޮޅު ހިމެނޭހެން 31 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީށް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވަނީ ފުރާވަޑައިގެންފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް ބައެއް މަޝްރޫއުތައް، އެ މަސައްކަތްތަކާ ނުގުޅޭ ކުންފުނިތަކާ ހަވާލުކުރުމުން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މީގެ ކުރިން ސޯޝަލް ހައުސިންއަށް ޚާއްސަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ، ސްކޫލުތަކެއް އެޅުމުގެ މަޝްރޫއު ވެސް ހަވާލުކުރިއެވެ. އަދި، އެއާޕޯޓުތައް ހިންގާ އެމްއޭސީއެލާ ވަނީ އައުޓްޑޯ ޖިމްތަކެއްގެ މަސައްކަތް ހަވާލުކޮށްފައެވެ. ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރަނީ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ