މިއަދަކީ ދިވެހިރާއްޖެއިން އ.ދ. އާއި ގުޅުނުތާ 60 އަހަރު ފުރޭ ދުވަހެވެ. މި ވޭތުވެދިޔަ 60 އަހަރު ދިވެހިރާއްޖެ އިން ވަނީ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު އިސްކޮށް، މަލްޓިލެޓަރަލިޒަމް އާއި ޞުލްޙަ މަސަލަސްކަމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިސްކުރުމަށް އ.ދ. އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނެވި ތަރައްޤީއާއި، އިންސާނީ ޙައްޤުތަކާއި، ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތާއި ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، އ.ދ. އިން ވަނީ ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަމާއި، ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދިވެހިރާއްޖެއިން އ.ދ. ގައި ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި އ.ދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުގައި ގިނަ ދައުރުތަކެއް ފުރިހަމަކޮށް، އ.ދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި، ބައިނަލްއަގުވާމީ ގޮތުން ޑިޕްލޮމަސީގެ ދާއިރާގައި އަންހެނުން ކުރިއެރުވުމާއި ބާރުވެރިކުރުމަށް ވަކި ދުވަހެއް ކަނޑައެޅުމަށް އ.ދ. ގައި ޤަރާރެއް ފާސްކޮށްފައެވެ. މީގެ އިތުރުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އ.ދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުގައި ބައިވެރިވުން އިތުރުކުރުމަށް ވޮލަންޓަރީ ޓްރަސްޓް ފަންޑެއް އުފެއްދުމާއި، އަދި އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުން ގްރެޖުއޭޓްވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުމުގައްޔާއި ކުދި ޤައުމުތަކުގެ ހިމާޔަތާއި ސަލާމަތަށް މަސައްކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ޙައްޤެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ވަނީ އިސްދައުރެއް އަދާކޮށްފައެވެ.
މި ޚާއްޞަ މުނާސަބަތު ފާހަގަކުރަމުންދާއިރު އ.ދ. ގެ ޗާޓަރުގެ އުޞޫލުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މުޖްތަމަޢުއާއެކު ދިވެހިރާއްޖެއިން މަސައްކަތް ކުރުންމަތީ ދެމި އޮންނާނެކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި އ.ދ. އާއެކު ދިވެހިރާއްޖެއިން އިތުރަށް ގުޅުން ބަދަހިކޮށް، ކުދި ޤައުމުތަކުގެ ދިފާއުގައި އަޑު އުފުލައި، އިންސާފުވެރި، ހަރުދަނާ އަދި ދެމެހެއްޓެނިވި ދުނިޔެއެއް ބިނާކުރުމަށް މަސައްކަތްކުރަމުން ދާނެއެވެ.
- ޚާރިޖީ ވުޒާރާ
ރާއްޖެއިން އ.ދ. އާއި ގުޅުނުތާ 60 އަހަރު: މި ވޭތުވެދިޔަ 60 އަހަރު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު އިސްކުރުމަށް، އ.ދ. އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ