ދިރާގުން ޖީއެމް ފޯރަމް 2025ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހޮޓެލިއާ މޯލްޑިވްސްއާ އެކު ސޮއިކޮށްފި އެވެ.
ތަފްސީލް - މި އަހަރުގެ ފޯރަމްގެ މައުލޫ ކަމަށްވާ 'ޑިޖިޓަލައިޒޭޝަން އެންޑް އެކްސްޕޭންޑިން އެކްސްޕީރިއަންސެސް'ގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި އަންނަމުންދާ ބަދަލުތަކަށް އަލިއަޅުވާލައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްގެންދާނެ އެވެ.
ބުނީ ކީކޭ؟ - "ޑިޖިޓަލް ވަސީލަތްތަކާ އެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިދުމަތްތައް ފޯރުކޮށްދޭ ގޮތްތައް ބަދަލުވެ، ފަތުރުވެރިންނަށް ދޭ ހިދުމަތްތައް އިތުރަށް ހަލުއިކޮށް، އެ ފަތުރުވެރިއަކަށް ހާއްސަ ހިދުމަތްތައް ދިނުމުގެ މަގު ވަނީ ފަހިވެފައި،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވި އެވެ.
"ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، މި ސިނާއަތް އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުކައި ހޮޓެލިއާ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޖީއެމް ފޯރަމްއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."
އަންނަ މަހުގެ 13ގައި ކުރުނބާ މޯލްޑިވްސްގައި ބާއްވާ މި ފޯރަމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ލީޑަރުން އެއްތަނަކުން ފެނިގެންދާނެ އެވެ.
މި ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ކީނޯޓް ސްޕީޗްތަކާއެކު ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެންމެ ކުރީ ސަފުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ، މި ދާއިރާގެ މަސައްކަތްތަކަށް ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ދިރާގުން ހޮޓެލިއާ މޯލްޑިވްސް ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ