ދަރަނބޫދޫއާއި މަގޫދޫގައި އޭޓީއެމް ތައާރަފުކޮށް، މުޅި ފ. އަތޮޅަށް އޭޓީއެމް

ފ. ދަރަނބޫދުއާއި އެ އަތޮޅުގެ މަގޫދޫގައި މިއަދު އޭޓީއެމްގެ ޚިދުމަތް ފަށައި، ފ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ލިބޭގޮތް ހަދައިފިއެވެ. ދަރަނބޫދުއާއި މަގޫދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގަތެވެ. އެހެންކަމުން މިއީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގައުމީ ބޭންކް، ބީއެމްއެލްގެ އޭޓީއެމްތައް ތައާރަފުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން އޭޓީއެމްގެ ޚިދުމަތް އެއްކޮށް ލިބޭގޮތް ހެދި 13 ވަނަ އަތޮޅެވެ. މި ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ވ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް އޭޓީއެމްގެ ޚިދުމަތްދޭން ފައްޓަވައިދެއްވާފައެވެ. https://sun.mv/211562 ފ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ގާއިމްކުރެވިފައިވުމުން، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 228 އޭޓީއެމަކުން ޚިދުމަތްލިބޭނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ. އަދި، 20 އަތޮޅުގައި 42 ބްރާންޗާއި 166 ސެލްފް ސާވިސް ސެންޓަރުތަކުން ޚިދުމަތް ލިބޭނެ ކަމުގައި ވެސް ބޭންކުން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި ރަށްރަށުގައި އޭޓީއެމް ހުޅުވައިދެއްވުމަށް ރައީސް ވަޑައިގަންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ. ހދ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ނެއްލައިދުއަށް ވަޑައިގެން އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވިގޮތުގައި އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ރައްޔިތުންނަށް އެތަކެއް ލުޔެއް އެކަމުގެ ސަބަބުން ލިބޭ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ