އާންމު ރޯގާ ފެތުރޭ މިންވަރު އިތުރުވެއްޖެ
ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ޖުލައި މަހަށްވުރެ މިދިޔަ އޮގަސްޓް މަހު އިތުރުވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ޖުލައި މަހު ޑެންގީހުން ޖެހިގެން 194 މީހަކު ރިޕޯޓުކުރިއިރު، މިދިޔަ މަހު 250 މީހަކު ރިޕޯޓުކޮށްފައިވެއެވެ. އެކަމަކު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ޑެންގީހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މި އަހަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 564 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓުކުރިއިރު، ޑެންގީހުން ޖެހިގެން ހަމަ އެ އަހަރުގެ އޮގަސްޓް މަހު ރިޕޯޓުކުުރި މީހުންގެ އަދަދު އުޅެނީ 407 ގައެވެ. ޑެންގީހުމެކޭ އެއްގޮތަށް، މިއަހަރުގެ ޖުލައި މަހަށް ވުރެ އޮގަސްޓް މަހު އަރިދަފުސް ރޯގާއާއި ބޭރަށްހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު 30،705 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު، އޮގަސްޓް މަހު އަރިދަފުސް ރޯގާ ޖެހިގެން 32،247 މީހުން ރިޕޯޓުކޮށްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވެއެވެ. މި އަހަރުގެ ޖުލައި މަހު 5،536 މީހުން ބޭރަށް ހިންގައިގެން ރިޕޯޓުކުރިއިރު، އެ މަހަށްވުރެ އިތުރަށް އޮގަސްޓް މަހު 1،842 މީހުންނަށް ބޭރަށް ހިންގުން ޖެހިފައިވާ ކަމަށްވެސް، އެ އިދާރާގެ ތަފާސްހިސާބުތަކުގައިވެއެވެ. އެޗްޕީއޭއިން ބުނީ، މިދިޔަ އޮގަސްޓް މަހު 579 މީހަކު އިންފްލުއެންޒާއަށް ޓެސްޓްކުރިއިރު އޭގެ ތެރެއިން 314 މީހަކު ޕޮޒިޓިވްވިކަމަށެވެ. އަދި ޖުލައި މަހު އިންފްލުއެންޒާއަށް ޓެސްޓްކުރި 513 މީހުންގެ ތެރެއިން 181 މީހަކު ޕޮޒިޓިވްވިކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މިދިޔަ މަހުގެ ނިޔަކަށް ޖުމްލަ 2،544 މީހަކު އިންފްލުއެންޒާއަށް ޓެސްޓްކުރިއިރު ޕޮޒިޓިވްވީ 864 މީހުންކަމަށް، އެ އިދާރާއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ