60 މީހުން އުޅޭ ރަކީދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ ރަސްމާލެއަށް ބަދަލުވާން
އާބާދީ މަދު, ވ. ރަކީދޫގެ ގިނަ ރައްޔިތުން އެދޭނަމަ އެހެން ރަށަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައިވާއިރު، އެ ރަށުގެ ގިނަ މީހުންގެ އެދުމަކީ ރަސްމާލެއަށް ބަދަލުވުން ކަމަށް ކައުންސިލުން މިއަދު ބުނެފިއެވެ. ރަކީދޫގެ ރަޖިސްޓްރީގައި 376 މީހުން ތިބި ނަމަވެސް އެ ރަށުގައި ދިރިއުޅެނީ ފަސްދޮޅަހެއްހާ މީހުން ކަމަށް ރަށު ކައުންސިލުން ބުނެއެވެ. އެހެން ގިނަ މީހުން ދިރިއުޅެނީ މާލޭގައެވެ. ރަކީދޫގެ ކައުންސިލުން އެ ރަށުން މީހުން ބާލައިދިނުމަށް ސަރުކާރުތަކުގައި އެދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް، އެއްވެސް ސަރުކާރަކުން އޮތީ އެކަން ނުކޮށްދީއެވެ. އަދި، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ ރަށުގައި ވަނީ ބޮޑު ސްކޫލު އިމާރާތަކާއި ބަނދަރެއް ވެސް ހަދައިފައެވެ. https://sun.mv/211573 ރައީސް މުއިއްޒު އިއްޔެ އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ، ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން އެ ރަށުގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ތާއީދު ލިބޭނަމަ އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށާއި، ރަށުން ރައްޔިތުން ހިޖުރަކުރުމަށް ބޭނުންވާ ގޮތް ދެނެގަތުމަށް ރަސްމީކޮށް މަސައްކަތްތަކެއް ގެންދަވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރަކީދޫ ރައްޔިތުންގެ ޚިޔާލާއެކު އެ ރަށު ރައްޔިތުން ބަދަލުވާން ނިންމައިފިނަމަ، ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަސީލަތްތަކާއެކު ޚިދުމަތްތައް ފުރިހަމަ ރަށަކަށް ކަމަށެވެ. މިކަމުގައި އެ ރަށުގެ ރައްޔިތުންގެ ހިޔާލު ހުރިގޮތް ސާފުކުރަން "ސަން"އިން ގުޅާލުމުން, ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވީ، ރަށުގެ އާބާދީގެ ބޮޑުބައެއް ބޭނުން ވަނީ ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް މި ސަރުކާރުން ހިއްކަން ފަށާފައިވާ ރަސްމާލެއަށް ބަދަލުވާން ކަމަށެވެ. އޭގެ އިތުރުން ވެސް މާލެ ކައިރި އޮންނަ, ކ. ތުލުސްދުއާއި ކ. ހިންމަފުއްޓަށް ބަދަލުވާން އެދޭ ރައްޔިތުންތަކެއް ވެސް އުޅޭ ކަމަށާއި ވަރަށް އަވަހަށް މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ގިނަ ބަޔަކު އެދޭ ގޮތެއް ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވިއެެވެ. "ހަމައެކަނި ގޯތިދީގެނެއް ވެސް ނުދާނެ. ގެދޮރު އަޅައިދީފައި އެތަނުގައި އުޅެވޭނެ ސްޓޭންޑަޑަށް ތަންގެނެސްފައި އެކަން ކޮށްދިނީމަ ދާނެ," ރާއްޖޭގައި އެންމެ މަދުން މީހުން ދިރިއުޅޭ ރަށުގެ ކައުންސިލް ރައީސް ރަޝީދު ވިދާޅުވިއެވެ. ވ. ރަކީދޫގެ އޭރިއަލް ފޮޓޯއެއް: މި ރަށަކީ ރާއްޖޭގައި އެންމެ މަދުން މީހުން އުޅޭ ރަށް -- ފޮޓޯ/ ވޯޓާ ސޮލޫޝަންސް އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދާއިރު އެ ރަށުގައި މަޑުކުރަން ބޭނުންވަނީ ވެސް ކިހާ އަދަދެއްގެ ބައެއްތޯ ޔަގީންކުރާނެ ކަމަށެވެ. ރަސްމާލެއަކީ ޒަމާނީ ސިޓީއެއްގެ ގޮތަށް ތަރައްގީކުރަން މި ސަރުކާރުން ނިންމައި ހިއްކުމަށް މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. ނަމަވެސް، އެކި ކަންކަން ދިމާވެ, އަދިވެސް ރަސްމާލެ އެއްކޮށް ހިއްކައި ނިމިފައެއް ނުވެއެވެ. ރަށުގެ އާއްމު ހާލަތު ކިޔައިދެއްވަމުން ރަޝީދު ވިދާޅުވީ ކިޔަވާނެ ކުއްޖަކު ނެތުމުން, ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިމާރާތް ކުރި ސްކޫލު ހުރީ ފަޅަށް ކަމަށެވެ. ސެޓްލައިޓް ސްކޫލެއްގެ ގޮތުގައި ރަކީދޫ ސްކޫލުގައި ތިން ކުދިންނާއެކު 2023 ވަނަ އަހަރު ކިޔަވައިދޭން ފެށިއެެވެ. ނަމަވެސް، އެ ތިން ކުދިން ވެސް އާއިލާއާއެކު މިހާރު އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކޮށްފައިވާތީ ސްކޫލު ހުރީ ބަންދުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެެވެ. ރަށުގައި ޑޮކްޓަރެއް ނެތި ދެ މަހެއްހާ ދުވަސްވީ ފަހުން މިހާރު ޑޮކްޓަރެއް ރަށަށް ގެނެސްފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ. މީހަކަށް ސިއްހީ ބޮޑު ކަމެއް ދިމާވެއްޖެނަމަ ބަރޯސާވާން ޖެހިފައިވަނީ ސީއެމްބިއުލާންސަށް ކަމަށާއި ނަމަވެސް އޭގެ ޚިދުމަތް ވަރަށް ނުލިބޭ ކަމަށް ރަޝީދު ވިދާޅުވިއެވެ. ގިނަ ފަހަރަށް މައްސަލަ ޖެހިފައި އޮންނަ، ސީއެމްބިއުލާންސްގެ ޚިދުމަތް އެ ރަށަށް ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސައި ދެއްވާނެކަމުގެ ޔަގީންކަން ރައީސް އިއްޔެ ދެއްވި ކަމަށް ރަޝީދު ވިދާޅުވިއެވެ. ރައީސް އިއްޔެ ވަނީ، ރަކީދޫން އެހެން ރަށަކަށް މީހުން ހިޖުރަކުރި ނަމަވެސް، އެ ރަށުގައި ފަށާފައިވާ ގެސްޓްހައުސްގެ ވިޔަފާރި ހުއްޓާލަން ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވައިފަައެވެ. މިވަގުތު ދެ ގެސްޓްހައުސް ހިންގަމުން އަންނަ ރަކީދޫގައި އިތުރު މަސައްކަތްތަކަށް ވެސް ބިންތައް ގެންދަނީ ދޫކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ