އަބްދުﷲ ރަޝީދު ނިޔާވި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ނުވާނެ: މުހުތާޒް

އަބްދުﷲ ރަޝީދު ނިޔާވި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ނުވާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
ކުރީގެ ޕީޖީ މިހެން ވިދާޅުވެފައިމިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދުގެ މަރާ ގުޅޭ ގޮތުން އާއިލާގެ ފަރާތުން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ދެކޮޅު ހަދާފައިވަނިކޮށެވެ.
މުހުތާޒް މުހުސިން ކުރެއްވި ޓްވީޓެއްގައި ވަނީ އަބްދުﷲ ރަޝީދު ނިޔާވި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ނުވާނެ ކަމަށާއި މީގެ ކުރީގައި ހިނގާފައިވާ ފުލުހުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން އަމިއްލަޔަށް ތަހުގީގު ކުރުމުން އިންސާފަށް ވާސިލުވުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާ ކަމަށެވެ.
އަބްދުﷲ ރަޝީދު ނިޔާވި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު މަރުވި މައްސަލާގައި ފުލުހުން އިލުމާލުވެފައިވާނަމަ ފިޔަވަޅު އަޅަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އަދި މިކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޑޭންޑާސްއިން މިހާރު ބަލަން ފަށާފައިވާ ކަމަށާއި ކަމާއި ގުޅުންހުރި އެހެން މުއައްސަސާތަކުންވެސް އެމައްސަަލަ ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ބަލަން ފެށުމަށް އިމްރާން ވަނީ އެދިވަޑައިގެންފައެވެ.
ފުލުހުންގެ ބެލުމުގެ ދަށުން އަބްދުﷲ ރަޝިދު ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށާއި، އެ ލޯންޗްގައި އާންމުންވެސް ތިބިކަމަށް ފުލުހުންގެ މުއައްސަސާ އިން ވަނީ ބުނެފައެވެ. އަދި މިހާދިސާއާ ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއްސާކޮށް، ހާދިސާގައި ފުލުހުންގެ އިހުމާލެއްވޭތޯ ތަހުގީގުކޮށްދިނުމަށް އެދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ