ފޮނަދޫގައި ބަންކަރިންގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ

ލ. ފޮނަދޫގައި ބަނދަރާއެކު، ބަންކަރިންގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ، އެ މަޝްރޫއު ކުރިއަށް ގެންދަން ޝައުގުވެރިވާ ގާބިލު ކުންފުނިތަކާ އެއްކޮށް މަޝްވަރާ ކުރާނެ ކަމަށެވެ. އެ ކުންފުނިތަކުން ހުށަހަޅާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، އެސެސްމަންޓެއް ހަދާނެ ކަމަށާއި މަޝްރޫއު ކުރިއަށް ގެންދާނެ އެންމެ ރަނގަޅު ގޮތް ރޭވުމަށް ފަހު ރަސްމީކޮށް މަޝްރޫއު އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން، އެ މަޝްރޫއުގެ ދަށުން ތެޔޮ ރައްކާ ކުރާ ތަނަކާއި ފްލޯޓިން ޓޭންކުގެ އިތުރުން މެރިން ސަޕޯޓަށް ބޭނުންވާ ތަންތަން ތަރައްގީ ކުރަން ޖެހޭއިރު، ބަނދަރުން ފަސޭހަކޮށް ޚިދުމަތް ދެވޭނެ ކުއޭއަކާއި ބްރޭކް ވޯޓާއެއް ވެސް ގާއިމުކުރަން ޖެހެއެވެ. އަދި، ޔުޓިލިޓީ ޚިދުމަތްތަކަށް ބިން ހިއްކުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީއައިއޯ ހުށަހަޅަން ދިނީ މިއަދުން ފެށިގެން މަސް ދުވަހުގެ މުއްދަތެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހު ހަތަކަށެވެ. ޕީޑީއެފްކޮށް، އީއައިއޯ ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ. ފޮނަދޫގައި ބަންކަރިންގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ސަރުކާރުން ވަނީ ސެޕްޓެމްބަރު 19، 2024ގައި އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށާފައެވެ. މިދިޔަ މެއި މަހު މަހުގެ ތިންވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން އެހައިތަނަށް 7.4 މިލިއަން އެމެރިކާ ޑޮލަރު ލިބުނު ކަމަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 114 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. https://sun.mv/206038 އޭގެފަހުން އެ މަހުގެ 14ގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ފަސް މަހާއި ދުވަސްކޮޅެއްގެ ތެރޭގައި އެ ޚިދުމަތުން އާމްދަނީގެ ގޮތުގައި ލިބުނު އެ ހަތް މިލިއަނެއްހާ ޑޮލަރަކީ ކުޑަ އަދަދެއް ނޫން ކަމަށެވެ. އެ ޚިދުމަތުން ލިބުނު އާމްދަނީގެ 95 ޕަސެންޓަކީ ހަމަ އެކަނި ވީއެލްއެސްއެފްއޯ ބަންކަރުކޮށްގެން ލިބުނު ފައިސާ ކަމަށް އޭރު ސައީދު ވިދާޅުވިއެވެ. ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާއި އެސްޓީއޯ ގުޅިގެން ރާއްޖެއިން މި ޚިދުމަތް ފެށީ، މަޑުމަޑުން މި ޚިދުމަތް ތަރައްގީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދަންކަމަށް ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ބޮޑު މަޝްރޫއެއްގެ ގޮތުގައި ފާހަގަ ކުރާ ބަންކަރިންގެ ޚިދުމަތް މިހާރު ދެނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި އެއީ ބަންކަރިންގެ ޚިދުމަތް ދޭ ގޮތް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ