މެލޭޝިއާގައި ދަރިވަރުންނަށް އިތުރުކުރި ޓެކްސް، ސްކޮލާޝިޕާއި ލޯނުގައި ހިމަނައިގެން ދައްކައިދެނީ

ދިވެހީން ގިނަ އަދަދަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ދާ މެލޭޝިއާގައި، ބޭރުގެ ދަރިވަރުން ކިޔަވާ އަމިއްލަ ސްކޫލްތަކާއި ޔުނިވާސިޓީތަކުން ހަ ޕަސެންޓުގެ ސާވިސް ޓެކްސްއެއް ނަގަން ފަށައިފައިވާތީ، ސްކޮލާޝިޕާއި ލޯނުން ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ޓެކްސް ދައްކައިދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ. މެލޭޝިއާގެ މި އަހަރުގެ ބަޖެޓުގައިވާ ގޮތުގެ މަތިން، ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ)އަށް ގެންނަ ބަދަލެއްގެ ދަށުން، ކޮންމެ ދަރިވަރަކަށް އަހަރަކު 60،000 ރިންގިޓް (218,542.95 ރުފިޔާ)އަށް ވުރެ ބޮޑު އަދަދެއް ޓިއުޝަން ފީއަށް ނަގާ ޕްރައިވެޓް ސްކޫލްތަކުން އެސްއެސްޓީއަށް ރެޖިސްޓާކުރަން ޖެހޭނެއެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، ރެޖިސްޓާ ކުރަން ޖެހޭނެއެވެ. ނަމަވެސް އެ ޓެކްސްއިން މެލޭޝިއާގެ ރައްޔިތުން އިސްތިސްނާ ވާނެއެވެ. މިމަހުހެ އެއް ވަނަ ދުވަހު ތަންފީޒުކުރަން ފެށި އެ ބަދަލާއެކު، ސީދާ ދަރިވަރުންނަށް ޓެކްސް ދައްކަން ޖެހިދާނެ ކަމަށް ނުވަތަ ކޮލެޖު ފީ ވަރަށް ބޮޑަށް އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. https://sun.mv/207894 އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން "ސަން"އިން ސުވާލުކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މީގެ ކުރިން ވަނީ، އެފަދަ ޓެކްސްއެއް ދައްކަން ޖެހޭ ނަމަ ބުރައަކަށް ނުވާނެ ގޮތަކަށް އެކަމަށް ކޮންމެ ވެސް ގޮތެއް ސަރުކާރުން ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ‏މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުން އަންނަ ކަމަށެވެ. މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ ތެރެއިން ސްކޮލާޝިޕްގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކޮލެޖު އިންވޮއިސްގައި އައު ޓެކްސް ހިމެނުމުން، އެ ފައިސާ ދޫކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. "މި ވުޒާރާއިން ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ އެފަދަ ކުދިންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައިދޭން މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓްރީން ބުންޏެވެ. މެލޭޝިއާއަކީ މެޑިސިންއާއި އިންޖިނިއަރިން ފަދަ ދާއިރާތަކުން ގިނަ އަދަދެއްގެ ދިވެހީން ތައުލީމު ހާސިލުކުރާ އަދި ގިނަ ދިވެހީން ދިގު މުއްދަތަކަށް ދިރިއުޅެން ވެސް ޚިޔާރުކުރަމުން އަންނަ ގައުމެކެވެ. މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން މިމަހުގެ ނުވަ ވަނަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ ޓެކްސްއަށް ބަދަލު ގެނައުމުގެ މަގުސަދަކީ، ގައުމުގެ ރައްޔިތުންނަށް މާ ބޮޑު ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ޓެކްސް ނަގާ ގޮތްތައް އިތުރުކުރުމާއި ގައުމުގެ އިގުތިސާދު ކުރިއެރުވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ