ހޯކްސް މައްސަލަ: 241 ކޮމިޓީން ސީޕީ ނަވީނަށް ބޮޑެތި ތުހުމަތުތަކެއް
ހޯކްސް ޕްރައިވެޓު ލިމިޓެޑުގެ ތެޔޮ ބޯޓެއްގައި ސިނގިރެޓު ކާޓަންތަކެއް ވަގަށް ރާއްޖެ އެތެރެކުރި މައްސަލަ ފުލުހުން ބަލަންފެށިއިރު، މިހާރުގެ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން، އެ ކުންފުނީގެ ހިއްސާދާރުންގެ ގެއަށް ވަޑައިގަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން މިއަދު ބުނެފިއެވެ. ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސްގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރެޓު ކާޓަން، ތިލަފުށީގައި އޮންނަ ބޯޓު ޔާޑު ޖެޓީން އެތެރެކުރި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައެވެ. މި މައްސަލައިގައި ހޯކްސްއިން ބުނީ، މިއީ އެ ކުންފުނީގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށާއި، ޒިންމާވާންޖެހޭނީ އެ ތެޔޮބޯޓުގެ ފަޅުވެރިން ކަމަށެވެ. މި މައްސަލައިގައިގައި އެ ބޯޓުގެ ފަޅުވެރިންގެ މައްޗަށް ސްމަގްލް ކުރުމާއި މަނީލޯންޑަރިންގެ ތުހުމަތުކޮށް، ފުލުހަށްވަނީ މައްސަލަ ވެސް ހުށަހަޅައިފައެވެ. ހޯކްސްގެ މައްސަލައިގައި ފިޔަވަޅު ނޭޅި ދިގުލައިގެންދާ މައްސަލަ އަންނަނީ 241 ކޮމިޓީން ބަލަމުންނެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުންވަނީ މައްސަލަ ނުބެލި ދިގުލައިގެންދާތީ އެ ކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރައްވައިފައެވެ. އެއީ މި މައްސަލައަކީ ގައުމީ ސަލާމަތާ ވެސް ގުޅުންހުރި ކަމަކަށްވާތީއެވެ. މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި ކޮމިޓީން މި މައްސަލަ ބެލުމުގެ ނަތީޖާއެއްގެ ގޮތުން ކަސްޓަމުން ވަނީ މައްސަލަ ތަހުގީގު ކުރުމަށްފަހު ހޯކްސްގެ މައްޗަށް ސްމަގްލް ކުރުމުގެ ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފައެވެ. އެހެން ނަމަވެސް ޕީޖީން ދައުވާނުކޮށް އޮންނަތާ ދެ މަސް ވެއްޖެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގެ މަނީ ލޯންޑަރިންއާބެހޭ ބައި ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގި ނަމަވެސް، އެ ކަމެއް ވެސް ފުލުހުން ނުކުރެއެވެ. ހޯކްސްއިން ވަގަށް ސިނގިރެޓު އެތެރެކުރި މައްސަލަ ކޮމިޓީން ދިރާސާކޮށް، ތައްޔާރުކުރި ރިޕޯޓުގެ ތެރެއިން ފާހަގަވާ ބައެއް ކަންކަން ނާޒިމް ވަނީ މިއަދު ހިއްސާ ކުރައްވައިފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި މި މައްސަލަ ދިރާސާކުރުމުގެ ތެރެއިން ގުޅުންހުރި އެތައް މައްސަލައެއް ވެސް ސަމާލު ކަމަށް އައިސްފައިވެއެވެ. އޭގެ ތެރޭގައި: ހޯކްސްއިން ގަވާއިދާ ޚިލާފަށް ރާއްޖެއަށް މުދާ އެތެރެކުރާ ކަމުގެ އަޑުތައް އިވޭތާ ދެ އަހަރެއްހައި ދުވަސްވެފައިވާ ކަމަށް ކަސްޓަމްސްގެ ބޭފުޅުން ބުނުން ރާއްޖޭން ބޭރުން އަންނަ އުޅަނދުފަހަރުން ކޮންމެ އެއްޗެއް ވެސް ރާއްޖޭގެ ކޮންމެ ދިމާލަކަށް ސިއްރުން އެތެރެކުރުމުގެ އިޚުތިޔާރު އޮތް ކަމަށާއި، ހަތިޔާރު އެތެރެ ކުރުމުގެ ނިޔަތް އޮވެއްޖެނަމަ އެކަން ވެސް އޮތީކުރެވޭ ގޮތަށް ކަމަށް ކަސްޓަމްސްގެ އޮފިސަރަކު މައުލޫމާތު ދިނުން ކަސްޓަމްސްގެ ގާނޫނީ ވާޖިބުތައް އަދާކުރުމުގެ ގާބިލްކަން އެ އިދާރާގައި ނެތްކަން ދޭހަވާ މޭރުކަމުން އެ ބޭފުޅުން ވާހަކަ ދައްކާފައިވުން މި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ކަސްޓަމްސްއިން ސައްހަ ނޫން މައުލޫމާތު ހިމެނޭ ޓައިމްލައިނެއް ދިނުމުން، އެކަން އެ އިދާރާގެ ކޮމިޝަނަރު ޖެނެރަލްގެ ބެލުމުގެ ދަށުން ރަނގަޅު ކުރުމަށް ފަހު އަލުން ސައްހަ މައުލޫމާތު ކޮމިޓީއަށް ހޯދުން މި މައްސަލަ ބަލަމުންދަނިކޮށް މިހާރުގެ ޕޮލިސް ކޮމިޝަނަރު ނަވީން ހޯކްސްގެ ހިއްސާދާރުންގެ ގެއަށް ވަންނަ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ކޮމިޓީއަށް ލިބިފައިވުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވެސް އެ މިނިސްޓްރީގެ ބޭފުޅުން ގޮވައިގެން ގޮސް، ތިލަފުށީގައި ހުންނަ ހޯކްސްގެ ސައިޓަކަށް ދިއުން ހޯކްސްގެ ބޯޓު ރާއްޖެއަށް ވަދެ، އޭގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ނިވާލި ކަމަށާއި، އެ ބޯޓު ދެން ފެނުނީ 24 ގަޑިއިރުފަހުން ސިނގިރެޓު ކާޓަންތައް ސްމަގްލްކުރަނިކޮށް ކަމަށް ކަސްޓަމްސްގެ ބޭފުޅުންނާ ހަވާލާދީ ކޮމިޓީ ރިޕޯޓުގައިވެއެވެ. "މައްސަލަތައް ނުހިނގައިގެން މި އުޅެނީ ފައިސާއާ ކޮރަޕްޝަން މި އެއްޗަށް ވަދެފައި އޮތްވަރުން. ޕްރޮސެކިއުޓާ ޖެނެރަލަށް ކީއްވެގެންތޯ މި ވަރަށް ހެއްކާ ގަރީނާއާ އެއްކޮށް ހުރީމާ މި މައްސަލަތައް ނުބަލަންވީ. ނުބެލެންޖެހޭނެ އެއްވެސް ސަބަބެއް އެބަ އޮތްތޯ. މުސާރަ ދެނީ އެކަން ކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް" ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ މި މައްސަލަ ކުރިއަށް ނުގޮސް މިހާ ގިނަދުވަސް ވެފައި މިވަނީ މި މައްސަލައަށް ނުފޫޒު ފޯރުވާފައި ވާތީކަމަށް ބުނެ މެމްބަރުން ވަނީ މި މައްސަލަ ބެލުމަށް ގޮވައިލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ