އުނދަގޫ މެޗަކަށްފަހު ސަބަލެންކާ ސެމީ ފައިނަލަށް
އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ސަބަލެންކާ ހޯދާފައިވަނީ ކްއާޓާ ފައިނަލްގައި އުމުރުން 37 އަހަރުގެ ޖަރުމަނުވިލާތުގެ ކުޅުންތެރިއެއް ކަމަށްވާ ލައުރާ ސިގެމުންޑާ ބައްދަލުކުރި މެޗު ފަހަތުން އަރާ ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗަކީ ސަބަލެންކާއަށް އެހާ ފަސޭހަ މެޗެއް ނޫނެވެ. ހާއްސަކޮށް ފުރަތަމަ ސެޓުގައި ސަބަލެންކާގެ ފަރާތުން އާންމުކޮށް ފެންނަކުޅުން ނުފެނުންކަން ފާހަގަވިއެވެ. މިމެޗުގެ ފުރަތަމަ ސެޓުގައި ސުގެމުންޑް އެއް އިރެއްގާ ދެއެއް ފަހެއްގެ ލީޑެއްގައި ވެސް އޮތެވެ. އެންމެ ފަހުން ސިގެމުންޑް ސެޓު ކާމިޔާބު ކުރީ ހަތަރެއް ހަޔަކުންނެވެ. މީގެކުރިން ވިމްބަލްޑަންގެ ދެވަނަ ބުރު ފަހަނަ އަޅާ ކުރިއަށް ދެވިފައިނުވާ ސިގެމުންޑް މިމެޗުގައި ސަބަލެންކާއަށް ގިނަ މައްސަލަ ތަކަކާ ކުރިމަތިކުރުވިއެވެ. މިމެޗުގެ ފުރަތަމަ ސެޓާ ހިލާފަށް ދެވަނަ ސެޓުގައި ސަބަލެންކާވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ހައެއް ދެއަކުން ދެވަނަ ސެޓު ކާމިޔާބުކޮށް ތިންވަނަ ސެޓަކަށް މިމެޗު ގެންގޮސްފައެވެ. ތިންވަނަ ސެޓު ވަރަށް އެއްވަރުކޮށް ދަމުން ގޮސް ސަބަލެންކާ މިސެޓު ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ހައެއް ހަތަރަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ ފުރަތަމަ ސެޓަށްފަހު އޭނާގެ ޓީމު ތިބި ބޮކްސްއަށް ބަލަމުން އެނބުރިދާން ޓިކެޓް ނަގަންވީތޯ ހިތައްއެރި ކަމަށެވެ. މިމުބާރާތުގެ ސެމީ ފައިނަލްގައި ސަބަލެންކާ ބައްދަލުކުރާނީ ތޭރަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ އެމަންޑާ އަނިސިމޯވާ އާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން އަނިސިމޯވާ ޖާގަހޯދާފައިވަނީ ކްއާޓާ ފައިނަލްގައި އަނަސްޓޭޝިއާ ޕަވްލިޔުޗެންކޯވާއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ފުރަތަމަ ސެޓު ވަރަށް ފަސޭހަ ކަމާއެކު ހައެއް އެކަކުން އަދި ދެވަނަ ސެޓު ވަރަށް ވާދަވެރި ޓައި ބްރޭކަކަށް ގޮސް އެގާރަ ނުވަޔަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ