އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ބްރެޒިލްގެ ފުލޫމިނެންސް 2-0 ގެ ނަތީޖައަކުން ބަލިކޮށް ޗެލްސީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ފުލޫމިނެންސް ޖާގަހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ސައުދީއަރަބިޔާގެ އަލް ހިލާލް ބަލިކުރުމަށް ފަހު އެެވެ. އަދި ޗެލްސީ މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ބްރެޒިލްގެ ޕަލްމެއިރަސް ބަލިކުރުމަށްފަހު އެވެ
މީގެ އިތުރުން މިއީ މިމުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަހޯދި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2012 ވަނަ އަހަރުގެ ފައިނަލުގައި ބްރެޒިލްގެ ކޮރިންތިއަަންސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، 2021 ވަނަ އަހަރުގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ޕަލްމެއިރަސް ބަލިކޮށް ޗެލްސީ އިން ވަނީ އެކުލަބު ތާރީޚުގައި ފުރަތަމަ ފަހަރަށް ކުލަބު ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފައްޓައިގެންކުޅެ މެޗު ޑޮމިނޭޓްކުރީ ޗެލްސީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދާދިފަހުން އެޓީމާއި ގުޅުނު ބްރެޒިލްގެ ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުލޫމިނެންސްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، ޗެލްސީ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް، އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި ޖޮއާއު ޕެޑްރޯ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ކުލަބު ވޯލްޑްކަޕް: މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޗެލްސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ