ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މުޅިން ދުރަށްދާން ނުވިސްނަވާ ކަމަށާއި އެ ކޯޕަރޭޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ވިސްނުން ގެންގުުޅުއްވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރިޓަޔާކުރައްވަން ނިންމަވާފައިވާ މައުރޫފް ޖަމީލު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީ އުފެއްދިއިރު ވެސް އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވި މައުރޫފް އަލުން ކުންފުނީގެ ވެރިޔަކަށް އައްޔަނު ކުރީ މިދިޔަ 22 ޑިސެމްބަރުގަ އެވެ. އެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައި އެކަން އެޗްޑީސީގެ މުވައްޒަފުންނަށް އޭނާ މިހާރު ވަނީ އަންގަވާފަ އެވެ.
ބުނީ ކީކޭ؟ - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރިޓަޔާކުރައްވާ ސަބަބާ ބެހޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މައުރޫފު ވިދާޅުވީ އުމުރުގެ ގޮތުން މިއީ ރިޓަޔާކުރައްވަން އެންމެ ރަނގަޅު ވަގުތުކަމަށް ފެންނާތީ ކަމަށެވެ.
އޭނާ ވިދާޅުވީ:
އެޗްޑީސީގެ ހިންގުމާ އަލުން ހަވާލުވީ ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް
އެ ފުރުސަތު ލިބިވަޑައިގެންނެވިއިރު ވެސް ހުންނެވީ ގާތްގަނޑަކަށް ސެމީ ރިޓަޔާކުރައްވައިގެން
އެ މަގާމާ ހަވާލުވާން އެއްބަސްވެވަޑައިގަތީ ވެސް އެކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްތަކެއް ކުރެވި ދާއިރާއަށް އޮތް ޝައުގުވެރިކަމުގެ ސަބަބުން
މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ވިސްނުން ހުރީ މާ ގިނަ ދުވަހު އެ މަގާމުގައި ހުންނަވާކަށް ނޫން
"މަގާމާ ހަވާލުވިއިރު ވެސް އެނގޭ ވަރަށް ބުރަވާނެކަން އަދި އެހާ ގިނަ ދުވަހު މަގާމުގައި ދެމި ނުހުރެވޭނެކަން ވެސް އުމުރުގެ ގޮތުން. އެ ހުރިހާ ކަމެއް އެނގި ހުރެ ވެސް މަގާމާ ހަވާލުވީ މަސައްކަތުގެ ޝައުގުވެރިކަމާ ހުރިހާ ކަމަކަަށް ބަލާފައި،" މައުރޫފް ވިދާޅުވި އެވެ.
ރިޓަޔާކުރައްވަނީ ސަރުކާރުގެ ފަރާތުން ކުރިމަތިވާ ޕްރެޝަރުތަކުގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މައުރޫފު ވިދާޅުވީ މަސައްކަތުގެ ޕްރެޝަރު ނޫން އެހެން ޕްރެޝަރެއް ނޯންނަ ކަމަށާއި މަގާމުގެ ގޮތުންނާއި މަސައްކަތުގެ ގޮތުން އެއީ ވަރަށް ބުރަ، ޕްރެޝަރުތަކާ ވެސް ކުރިމަތިލާންޖެހޭނެ މަގާމެއް ކަމަށެވެ.
އެ މަގާމާ ހަވާލުވީއްސުރެ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ވަރަށް ބޮޑު އިތުބާރެއް ދެއްވައި ގާތްކަން ބެހެއްޓެވި ކަމަށާއި އެ މަގާމުގައި ކުރިއަށްދާން ހުރިހާ ފުރުސަތުތަކެއް ދެއްވި ކަމަށެވެ. އެގޮތުން، މަގާމުގެ ގޮތުން ކުރެއްވި އެއްވެސް ހުށަހެޅުމަކަށް ރައީސް ދެބަސްވުމެއް ނެތި ހުރިހާ ކަމެއް ފަހިކޮށްދިން ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.
ވިސްނުން ގެންގުޅުއްވީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެޗްޑީސީގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތަކާއި ތަނުގެ ލާބަޔަށް ކުރަންޖެހޭ މަސައްކަތްތައް އެންމެ ފުރިހަމައަށް ހާސިލުކުރުމަށް ކަމަށް މައުރޫފު ވިދާޅުވި އެވެ. އެކަމާ ގުޅޭ ގިނަ ކަންކަން މިހާރު ފުރިހަމަވެ، ގާތްގަނޑަކަށް ނިމިފައިވާތީ، މިއީ އުމުރުގެ ގޮތުން ރިޓަޔާކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެޗްޑީސީއާ އެއްކޮށް ދުރަށް ދިއުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި މިހާރު އުމުރުގެ ގޮތުން ބޭނުންވަނީ ހައްޓަށް ލުއިފަސޭހަ މަސައްކަތެއް ކުރެއްވުން ކަމަށް ވިދާޅުވި އެވެ. އެގޮތުން، އެމްޑީގެ މަގާމުން ރިޓަޔާކުރެއްވުމަށްފަހު އެޗްޑީސީގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޗްޑީސީގެ ހިންގުމާ ހަވާލުވި އެއް ސަބަބަކީ ކަމުގެ މުހިންމު ކަމާއި އެޗްޑީސީއަށް އިސްލާހުތަކެއް ގެނައުމަށް ރައީސްއަކު ހުށަހެޅުއްވުމުން އެކަން ބަލައިގަންނަންޖެހޭނެ ކަމަށް ގަބޫލުކުރާތީ،" މައުރޫފް ވިދާޅުވި އެވެ.
"މިހާރުވެސް އަޅުގަނޑުގެ ވިސްނުމަކީ ފުލް ރިޓަޔާމެންޓަކަށް ދިއުމެއް ނޫން، ރިޓަޔާކޮށްފައި އަޅުގަނޑު ބޭނުންވަނީ އެޗްޑީސީގެ ކޮންމެވެސް އެޑްވައިޒަރީ މަގާމެއްގައި ހަމަ ކޮންޓިނިއުކުރަން. އެހެންވީމާ އެޗްޑީސީއާ އެއްކޮށް ދުރަށް ދިއުމެއްނޫން ވިސްނުމަކީ."
އެނގުން މުހިންމު - މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން:
ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން އަދާކުރައްވާފައިވޭ
އެޗްޑީސީ އާއި އެޗްޑީއެފްސީގެ މުހިއްމު މަގާމުތަކެއް އަދާކުރައްވާފައިވޭ
އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާ އިން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވާ
ރިޓަޔާ ކުރެއްވިޔަސް އެއްކޮށް އެޗްޑީސީ ދޫކޮށްލާކަށް ނުވިސްނަން: މައުރޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ