ޖޮއާއޯ ޕެޑްރޯ، ޗެލްސީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް ގެންގޮސްދީފި ޖޮއާއޯ ޕެޑްރޯ، ޗެލްސީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް ގެންގޮސްދީފި

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 9) - މީގެ ދިހަ ވަރަކަށް ދުވަސް ކުރިން، ޗެލްސީ އަށް 70 މިިލިއަން ޑޮލަރަށް ގަތް ފޯވާޑް، ޖޮއާއޯ ޕެޑްރޯ ޖެހި ދެ ގޯލާ އެކު، 2-0 އިން، ބްރެޒިލްގެ ފްލުމިނެންސޭ ބަލިކޮށް، ޗެލްސީން ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ބްރައިޓަން އިން ޗެލްސީ އަށް ބަދަލުވި، ޖޮއާއޯ ޕެޑްރޯ، އެ ޓީމާ ގުޅުނީ މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ތެރެއިންނެވެ. މިއީ، އޭނާ ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.
ޕްރޮފެޝަނަލް ކެރިއަރު ފްލުމިނެންސޭ އިން ފެށި ޖޮއާއޯ ޕެޑްރޯ، އެ ޓީމު ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅެއް ނުކުރެ އެވެ.
މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގައި ޖޮއާއޯ ޕެޑްރޯ، ޗެލްސީ އަށް ލީޑުނަގައިދިނީ، 18 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރީގައި ހުރެފައި ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.
މިއީ، ފްލުމިނެންސޭގެ ކެޕްޓަން، ބޭންޑް އަޅައިގެން ހުރި ތަޖުރިބާކާރު ޑިފެންޑަރު، ތިއާގޯ ސިލްވާ، 2024 ވަަނަ އަހަރުގެ އޭޕްރީލް މަހު ގޯލު ޖެހި ފަހުން، ޗެލްސީ އަށް ބްރެޒިލް ކުޅުންތެރިއަކު ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
ޖޮއާއޯ ޕެޑްރޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ފުރަތަަމަ ހާފުގައި ޗެލްސީގެ ޑިފެންޑަރު، ޓްރެވޯ ޗަލޯބާ އަތުގައި ޖެހުނު ބޯޅައަކަށް، ފްލުމިނެންސޭ އަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގައި ހުންނަ މޮނީޓަރުން ބަލައިފައި ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ޗެލްސީން ލީޑުފުޅާކުރި އެވެ. އެންޒޯ ފެނާންޑޭޒް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޖޮއާއޯ ޕެޑްރޯ ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މިއީ، 2016 ވަނަ އަހަރު މިޝީ ބަޓްޝުއާޔީ ޖެހި ފަހުން، ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި، ކުޅުންތެރިއަކު ދެ ގޯލު ޖެހި ފުރަތަަމަ ފަހަރެވެ.
އޭގެ ފަހުން، ޗެލްސީގެ ސްޓެފަން އެންކުންކޫ ޖެހި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް، ތިއާގޯ ސިލްވާ އެ ސަލާމަތްކުރި އެވެ. އަދި، ހުސްކޮށް ލިބުނު ފުރުސަތެއްގައި، ޗެލްސީގެ ނިކޮލަސް ޖެކްސަން އެ ޓީމުގެ ކޯލް ޕާމާ އަށް ނުދީ އަމިއްލަ އަށް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.
ފަހު ވަގުތާ ޖެހެންދެން، ކުރިއަށްޖެހިގެން، ލަނޑެއް ޖެހޭތޯ ފްލުމިނެންސޭ އިން ކުރި މަސައްކަތް ކާމިޔާބުނުވި އެވެ.
ޗެލްސީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭނެ ޓީމެއް ކަނޑައެޅޭނީ، މާދަމާރޭ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުންނެވެ. ފައިނަލް އޮތީ އަންނަ އާދިއްތަ ދުވަހު އެެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ