އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ނެރުނު ރިޕޯޓެއްގައި، ފަލަސްތީނުގެ ބިންތަކުގައި 'ޖެނޮސައިޑްގެ އިގްތިސާދެއް' ހިންގުމުގައި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ބައިވެރިވުން ހާމަކޮށްފި އެވެ. "އޮކިއުޕޭޝަން އިގްތިސާދުން ޖެނޮސައިޑްގެ އިގްތިސާދަށް" މި ނަމުގައި ނެރުނު ރިޕޯޓުގައި، އެކި ދާއިރާތަކުގެ ބައިނަލްއަޤްވާމީ ކުންފުނިތަކުން އިޒްރޭލްގެ އޮކިއުޕޭޝަނަށާއި ގާޒާގައި ހިންގާ ހަނގުރާމައަށް އެހީތެރިވެ، އެކަމުން ފައިދާ ނަގާކަމަށް ބުނެފި އެވެ.
1967 އިން ފެށިގެން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާބެހޭ ސްޕެޝަލް ރެޕޮޓާ ފްރަންޗެސްކާ އަކލްބަނީޒީ ތައްޔާރުކުރި މި ރިޕޯޓުގައި ބުނެފައިވަނީ "ވަރަށް ގިނަ ކުންފުނިތަކަކުން އިޒްރޭލްގެ ޣައިރު ގާނޫނީ އޮކިއުޕޭޝަން، އެޕާތައިޑް އަދި މިހާރު ޖެނޮސައިޑްގެ އިގްތިސަދުން ފައިދާ ނަގަމުންދާ" ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތަކުގެ ނަމުގައި ފަލަސްތީނުން ބިންތައް އަތުލުން
ފަންސާސް ނުވަ ސަފްހާގެ މި ރިޕޯޓުގައި ހަތިޔާރު އުފައްދާ ކުންފުނިތަކާއި، ޓެކްނޮލޮޖީ ކުންފުނިތަކާއި، އިމާރާތްކުރާ ކުންފުނިތަކާއި، މާލީ އިދާރާތަކާއި، ޔުނިވާސިޓީތަކާއި ޚައިރާތީ ޖަމިއްޔާތަކުން އިޒްރޭލްގެ "ކޮލޮނައިޒްކުރުމުގެ މަޝްރޫއު" ގައި ބައިވެރިވާ ގޮތް ބަޔާންކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ، އޮކިއުޕޭޝަންގައި ވިޔަފާރިތަކުގެ ބައިވެރިވުން އިޒްރޭލުން ފަލަސްތީނުގެ ބިން އަތުލުމުގެ ޕްރޮގްރާމްގައި ސީދާ ބައިވެރިވުމަށް ބަދަލުވެފައިވާ ކަމަށެވެ. ޚާއްސަކޮށް އޮކްޓޯބަރު 2023 ގައި ގާޒާގައި އިޒްރޭލްގެ ހަނގުރާމަ ފެށުމަށްފަހު މިކަން ފާހަގަކުރެވޭ ކަމަށެވެ.
"ކުންފުނިތަކަކީ ހަމައެކަނި ބަލަން ތިބޭ ބައެއް ނޫނެވެ. އެއީ ނަސްލީ ސާފުކުރުމުގެ މެޝިނަރީއަށް އެހީތެރިވެ، އޭގެން ފައިދާ ނަގާ ފަރާތްތަކެވެ،" ރިޕޯޓުގައި ބުނެފައިވެއެވެ.
ހަނގުރާމައިގެ ސިނާއަތު
ރިޕޯޓުގައި އިޒްރޭލްގެ ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ތެރޭގައި އެލްބިޓް ސިސްޓަމްސްއާއި އިޒްރޭލް އެއަރޯސްޕޭސް އިންޑަސްޓްރީޒް (އައިއޭއައި) ފަދަ ކުންފުނިތައް މައިގަނޑު ދައުރެއް އަދާކުރާކަމަށް ބުނެފައިވެ އެވެ. ދުނިޔޭގެ އެންމެ ބޮޑެތި ހަތިޔާރު އުފައްދާ 50 ކުންފުނީގެ ތެރޭގައި ހިމެނޭ މި ކުންފުނިތަކުން ގާޒާގައި ވައިގެ މަގުން ބޮންއެޅުން ހިންގުމަށް ބޭނުންކުރާ ހަތިޔާރު ފޯރުކޮށްދީފައިވާކަމަށް ބުނެފައިވެ އެވެ. މިހާތަނަށް ފަލަސްތީނުގެ 179,000 ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާކަމަށް ރިޕޯޓުން ލަފާކުރެ އެވެ.
އިޒްރޭލްގެ ސިފައިން އެމެރިކާއިން އުފައްދާ އެފް-35 އަދި އެފް-16 ހަނގުރާމަމަތީ ޖެޓްތައް ބޭނުންކުރުމަކީ ބައިނަލްއަގްވާމީ ގުޅުންތަކުގެ މިސާލެއްކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މި ޖެޓްތައް ލޮކްހީޑް މާޓިން އަދި ދުނިޔޭގެ ޑިފެންސް ކޮންޓްރެކްޓަރުންގެ ނެޓްވާކާ ގުޅިގެން ފޯރުކޮށްދީފައިވާކަމަށް ބުނެފައިވެ އެވެ. މީގެއިތުރުން، ގާޒާގައި "ބެޓްލް-ޓެސްޓެޑް" ކުރެވިފައިވާ ހަނގުރާމައިގެ ޑްރޯން ޓެކްނޮލޮޖީ އެކްސްޕޯޓްކުރުން ފާހަގަކޮށްފައިވެ އެވެ.
ޓެކްނޮލޮޖީ މެދުވެރިކޮށް ނިގުޅައިގަންނަ މިނިވަންކަން
ރިޕޯޓުގައި ޓެކްނޮލޮޖީ ކުންފުނިތަކަށް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ. ޕެގަސަސް ސްޕައިވެއާ އުފައްދާ އިޒްރޭލްގެ އެންއެސްއޯ ގްރޫޕް ފަދަ ކުންފުނިތަކުން ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތައް ޓާގެޓްކުރާކަމަށް ތުހުމަތުކޮށްފައިވެ އެވެ. އައިބީއެމް، މައިކްރޯސޮފްޓް، ގޫގުލް އަދި އެމޭޒަން ފަދަ ބައިނަލްއަގްވާމީ ކުންފުނިތަކުން އިޒްރޭލްގެ ސަވެއިލަންސް އަދި ޑޭޓާ ސިސްޓަމްތަކަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭކަމަށް ބުނެފައިވެ އެވެ.
ގޫގުލް އަދި އެމޭޒަނަށް ދެވިފައިވާ 1.2 ބިލިއަން ޑޮލަރުގެ ކްލައުޑް ސާވިސަސް ކޮންޓްރެކްޓް ކަމަށްވާ ޕްރޮޖެކްޓް ނިމްބަސް އަކީ އިޒްރޭލްގެ މިލިޓަރީ އަދި އިދާރީ އޮޕަރޭޝަންތަކަށް އެހީތެރިވާ މުހިންމު ވަސީލަތެއްކަމަށް ފާހަގަކޮށްފައިވެ އެވެ. ހަނގުރާމައިގެ ކުށްތަކާމެދު ބައިނަލްއަގްވާމީ ކަންބޮޑުވުންތައް އިތުރުވަމުންދިޔަ ނަމަވެސް މި ޚިދުމަތްތައް މެދުނުކެނޑި ދެމުންގެންދާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މާލީ އަދި އެކަޑެމިކް ދާއިރާތަކުގެ އެހީތެރިކަން
ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ބޭންކުތަކާއި، އެސެޓް މެނޭޖަރުންނާއި، ޕެންޝަން ފަންޑުތަކާއި، އިންޝުއަރެންސް ކުންފުނިތަކުން އިޒްރޭލްގެ އޮކިއުޕޭޝަނާ ގުޅުންހުރި ކުންފުނިތަކަށް ބިލިއަނުން ފައިސާ ފޯރުކޮށްދީފައިވާ ކަމަށެވެ. ޔުނިވާސިޓީތަކުން މިލިޓަރީ އަދި ޓެކްނޮލޮޖީ ސިނާއަތްތަކާއެކު މަސައްކަތްކޮށް، ހަތިޔާރު ސިސްޓަމްތައް ތަރައްގީކުރުމާއި އެކަޑެމިކް ކަވަރެއްގެ ދަށުން އެޕާތައިޑް ސިޔާސަތުތަކަށް ޝަރުއީ ހައިސިއްޔަތު ދިނުމަށް އެހީތެރިވެފައިވާ ކަމަށެވެ.
ޒިންމާދާރުކުރުވުމުގެ ގޮވާލުން
ނިއުރެމްބަގް ޓްރަޔަލްތަކުންނާއި ދެކުނު އެފްރިކާގެ ޓްރޫތް އެންޑް ރެކޮންސިލިއޭޝަން ކޮމިޝަންއަށް ހަވާލާދީ، ސްޕެޝަލް ރެޕޮޓާ ވިދާޅުވެފައި ވަނީ ކުންފުނިތައް އެމީހުންގެ ބައިވެރިވުމަށް ގާނޫނީގޮތުން ޒިންމާދާރުކުރުވަންޖެހޭ ކަމަށެވެ. ބައިނަލްއަގްވާމީ ޤާނޫނުން "އަމިއްލަ ފަރާތްތަކަށް ވަކި ޒިންމާތަކާއި ޒިންމާދާރީތައް އުފުލާކަމަށް" ބުނެފައިވާ ކަމަށާއި، ޖެނޮސައިޑް އަދި އެޕާތައިޑްގެ ހާލަތްތަކުގައި ޖިނާއީ ޒިންމާއެއް އޮންނަކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ސަރުކާރުތަކާއި، ރެގިއުލޭޓަރީ ފަރާތްތަކާއި ކޯޓުތަކުން މިކަމުގައި ބައިވެރިވާ ފަރާތްތައް ތަހްގީގުކޮށް، ދައުވާއުފުލައި، ބޭނުންވާ ހާލަތްތަކުގައި މަނާކުރުން، ސެންކްޝަން ނުވަތަ ޑައިވެސްޓްމަންޓް ކެމްޕޭންތައް ފަދަ ފިޔަވަޅުތައް އެޅުމަށް ރިޕޯޓުގައި ގޮވާލާފައިވެ އެވެ.
ބައިނަލްއަގްވާމީ މުހިންމު ދަނޑިވަޅެއް
މި އދ. ގެ ރިޕޯޓަކީ ހަނގުރާމައިގެ ސަރަހައްދުތަކުގައި ކުންފުނިތަކުގެ ޒިންމާދާރީއާބެހޭ ބައިނަލްއަގްވާމީ ޚިޔާލުތަކުގައި މުހިންމު ބަދަލެއް ގެނުވާ ރިޕޯޓެކެވެ. މި ރިޕޯޓުން ގްލޯބަލް ވިޔަފާރިވެރިންގެ ގާނޫނީ ދިފާއުތަކަށް ގޮންޖެހުމާއެކު، 'ޖެނޮސައިޑްގެ އިގްތިސާދެއް' ފާގަތިވުމަށް މަގުފަހިކޮށްދީފައިވާ ސިޔާސީ އިހުމާލަށްވެސް ގޮންޖަހާފައިވެ އެވެ.
ފަލަސްތީނުގެ ބިންތަކުގައި 'ޖެނޮސައިޑްގެ އިގްތިސާދެއް' ހިންގުމުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތައް ބައިވެރިވާކަމަށް އދ.ގެ ރިޕޯޓަކުން ފާހަގަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ