ނޭޝަނަލް ސާވިސް ޕްރޮގްރާމަށް 1200 އަށްވުރެ ގިނަ ފޯމު

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ، މޯލްޑިވްސް ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) ޕްރޮގްރާމްގައި ބައިވެރިވާން މިހާތަނަށް 1،200 އަށްވުރެ ގިނަ ޒުވާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕްރޮގްރާމުގެ ދަށުން ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1244 ޒުވާނުން ކުރިމަތިލާފައިވާ ކަމަށާއި އެ ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށް ވެސް ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.މިގޮތުން ދިވެހި ވަތަނީ ހިދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓު ތަރުތީބުކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެން ކަމަށާއި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީނު ފެށޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.ރައީސް މުއިއްޒު ވަނީ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ދަށުން، އަހުލާގު ރަނގަޅު އަދި މަސައްކަތްތެރި ކުދިންތަކެއް މުޖުތަމައުއަށް ނެރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. މި ޕްރޮގުރާމް ފުރިހަމަކުރާ މީހުންނަށް ސިފައިންގެއިން ނުވަތަ ފުލުހުންގެ ހިދުމަތުން ފުރުސަތު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.ރައީސް ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ ވިސްނުމަކީ ޕްރޮގްރާމް ފަށާއިރު 6،000ރ. ގެ އެލަވަންސެއް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ