ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި 1200އަށްވުރެ ގިނަ ޒުވާނުން، އެންމެންނަށް ފުރުސަތު ލިބޭނެ
ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް މުޅި ޖުމުލަ 1244 ޒުވާނުން ކުރިމަތިލާފައި ވާކަމަށާއި ސިއްހީގޮތުން ކުޅަދާނަކަން ހުރި ހުރިހާ ބައިވެރިންނަށް ވެސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ދޭނެކަމަށް މިއަދު ދިފާއީ ވުޒާރާއިން ބުނެފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ މިއަހަރުގެ މާޗް މަހުގެ 30ވަނަ ދުވަހުއެވެ. އެ ފުރުސަތު ހަމަވީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. https://sun.mv/206460 ދިފާއީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިއީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ހުރިހާ ގޮތަކުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި، އަޚްލާގު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެއް ކަމަށެވެ. އަދި ޖިސްމާނީގޮތުންނާއި ސިއްހީގޮތުން ދުޅަހެޔޮ ކޮންމެ ބައިވެރިއަކަށް ވެސް ޕްރޮގްރާމް ނިންމުމުގެ ފުރުސަތު ދޭނެކަމަށް ބަޔާނުގައި ވެއެވެ. މި ޕްރޮގްރާމަށް ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓު ތަރުތީބު ކުރުމަށްފަހު، އެ ލިސްޓަށް ބަލައިގެން ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ތަމްރީނުގެ އެއް ބުރު ނިމުމުން ލަސްނުކޮށް ދެވަނަ ބުރު ފަށާނެކަމަށް ވެސްވެއެވެ. މި ތަމްރީނުން ޖާގަ ލިބިފައިވާގޮތް އެ ވުޒަރާއިން ބައިވެރިންނާ ހިއްސާކުރާނެއެވެ. އަދި ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވިފައިވާ ބައިވެރިންނަށް ސިލެކްޝަން ޕްރޮސެސްއާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރާނެއެވެ. "ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ސިލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، އެ ކެނޑިޑޭޑަކަށް އެންމެ ފަސޭހަ ސްޓޭޝަނަކަށް ހާޒިރުވެ ސިލެކްޝަން ޕްރޮސެސްގެ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދެވޭނެ،" އެބަޔާނުގައި ވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ދިފާއީ ވުޒާރާއިންނެވެ. https://sun.mv/206663 މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނު ކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ