ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދެއްކި މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާގެ އާދިއްތައަށް ތާވަލުކޮށްފި އެވެ.
މި މައްސަލައިގައި މިހާތަނަށް ބޭއްވި ހަމައެކަނި އަޑުއެހުމުގައި، މި ދައުވާ ހުށަހެޅި ގާލިބު ސަލީމުގެ ވަކީލާއި ސިނާނުގެ ވަކީލު ވެސް ވަނީ މައްސަލައާ ގުޅިގެން ވާހަކަ ދައްކާފަ އެވެ.
އެންމެ ފަހުގެ އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަވަމުން ގެންދަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝަތު ޝުޖޫން ވިދާޅުވީ އިތުރު އަޑުއެހުމެއް ބާއްވަނީ ލޯނަށް އަނބުރާ ފައިސާ ދެއްކި ގޮތުގެ މައުލޫމާތު އަންގައިދޭ މާލީ ބަޔާންތަކާ ގުޅޭ ގޮތުން ކަމެއް ސާފުކުރަން އޮވެއްޖެ ނަމަ ކަމަށެވެ. އެހެން ނޫން ނަމަ ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލިސް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމުގެ މައްސަލަ ކޯޓަށް ހުށަހެޅީ، އައްޑޫ ހިތަދޫ މެޖިސްޓްރޭޓު ކޯޓުން އިއްވި ހުކުމަކާ ގުޅިގެންނެވެ. އެއީ ސިނާނު އާއި އެހެން މީހަކު ވެގެން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ފެސިލިޓީއެއްގައި އެއްބަސްވި ގޮތަށް ފައިސާ ނުދައްކައިގެން ބޭންކުން ހުށަހެޅުމުން ކުރި ހުކުމެކެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ 2.5 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި ދެއްކުމަށެވެ. މި ހުކުމް އިއްވީ ސިނާނުގެ ޢައިރު ހާޒިރުގަ އެވެ. ސިނާނުގެ ވަކީލު ކޯޓުގައި ވިދާޅުވި ގޮތުން ނަމަ، ސިނާނަށް މި ހުކުމެއް އޮތް ކަން އެނގުނީ އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އެމްއައިބީން ކޯޓަށް ތަންފީޒީ މައްސަލަ ހުށަހެޅުމުންނެވެ.
މި ކަން ފާހަގަކޮށް ސިނާނު ވަނީ މި ދަރަނި ނުދައްކާ ހުރީ ދަރަންޏެއް ދައްކަން އޮތް ކަން ނޭނގޭތީ ކަމުގެ ދިފާއު ސުޕްރީމް ކޯޓުގައި ނަންގަވާފަ އެވެ. އަދި ދަރަންޏެއް އޮތް ކަން އެނގުނު ހިސާބުން އެ ދަރަނި އެއްކޮށް ދައްކައި ހަލާސްކޮށްފައި ވާނެ ކަަމަަށް އޭނާގެ ވަކީލު ކޯޓުގައި ވިދާޅުވި އެވެ.
ނަމަވެސް މި މައްސަލަ ހުށަހެޅީ ގާލިބުގެ ވަކީލު ވަނީ ދިފާއުގައި ނެކި ނުކުތާތަކާ ދެކޮޅަށް ގިނަ ކަންކަން ފާހަގަކުރައްވާފަ އެވެ. އަދި ނޭނގުމަކީ ހުއްޖަތެއް ނޫން ކަމަށް ފާހަގަކުރައްވައި، ގާނޫނު އަސާސީގައި ބުނާ މެންބަރުކަމުގެ ޝަރުތެއް ސިނާނުގެ ކިބައިން އުނިވެފައިވާ ކަން ސާފުވާ ކަމަށް އޭނާ ކޯޓުގައި ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.
މެންބަރު ސިނާނުގެ ގޮނޑި މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ތާވަލުކޮށްފި މެންބަރު ސިނާނުގެ ގޮނޑި މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ