ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައިގައި ތިން ބިދޭސީން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ޓްރެފިކުކޮށް، އެ ތަކެތި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުގައި ބަންގްލަދޭޝަށް ނިސްބަތްވާ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ. މި މައްސަލައިގައި ބަންދުކޮށްފައި ވަނީ، ބަންގްލަދޭޝަށް ނިސްބަވްތާ އުމުރުން 29 އަހަރުގެ މެހެދީ ހަސަނާއި، އުމުރުން 41 އަހަރުގެ އެމްޑީ ސަލަމް މިއާގެ އިތުރުން، އުމުރުން 47 އަހަރުގެ އަބު ތަލެބްއެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހުން ދިރިއުޅޭ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، އެ ތަކެއްޗަކީ އޭގެ ވިޔަފާރިކުރުމަށް ގެންގުޅޭ ތަކެތި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، ފެނިފައި ވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ. މި ތިން މީހުން ވެސް ބަންގްލަދޭޝަށް ނިސްބަތްވާތީ، ބަންދުން ދޫކޮށްލައިފިނަމަ، ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އިއްޔެ ވަނީ، ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ބިދޭސީން ބައިވެރިކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ހިންގައެވެ. މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުމަކީ، އަދި އެ ފަދަ ކަމެއްގައި އެއްވެސް ގޮތަކަށް ބައިވެރިވުމަކީ ވެސް ކުށެކެވެ. މަސްތުވާއެއްޗެއް ޓްރެފިކުކޮށްފި ނަމަ، އުމުރު ދުވަހަށް ޖަލަށްލުމާއެކު، 100،000އިން ފެށިގެން 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ ފަދަ ކަމެއްގައި ބައިވެރިވެއްޖެނަމަ، 18 އަހަރަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ފެށިގެން 7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. އަހަރުގެ މިހައިތަނަށް މަސްތުވާތަކެއްޗާގުޅޭ 943 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަ ހައްލު ކުރުމަށް ޓަކައި ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ޚާއްސަ ގާނޫނެއް ތަސްދީގު ކުރުން ހިމެނެއެވެ. މި ގާނޫނުގެ ދަށުން ފުލުހުންނަށް ވަނީ އެ ފަދަ ކުށްތައް ހުއްޓުވުމަށް ޓަކައި، ވަރަށް ބޮޑެތި ބާރުތަކެއް ލިބިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ