މައުލޫމާތެއް ނުދޭން ސްޓެލްކޯއިން ކޯޓަށް ދިޔައީ މައުލޫމާތަށް އެދުނު މީހާ ކަށަވަރުނުވާތީ ކަމަށް ބުނެ

ސްޓެލްކޯގައި ތިބި މުވައްޒަފުންގެ ނަމާއި މުސާރައިގެ މައުލޫމާތު ހޯދުމަށް މީހަކު އެދުމުން، އެ މީހާ ކަށަވަރު ނުވާތީ ސްޓެލްކޯއިން ހައި ކޯޓަށް ހުށަހެޅި މައްސަލައެއް ކުރިއަށް ގެންދަން އެ ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - މި މައުލޫމާތުތަކަށް އެދި ސްޓެލްކޯއަށް ހުށަހަޅަނީ މުހައްމަދު ޝަރުހާންގެ ނަމުގައި 3 ޖުލައި 2024ގަ އެވެ. ސްޓެލްކޯއިން ޖަވާބެއް ނުދިނުމުން، ޝަރުހާން ހުށަހެޅި ޝަކުވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން ބަލައިގަތެވެ. އެގޮތުން:
9 ސެޕްޓެމްބަރު 2024ގައި އައިކޮމުން އަޑުއެހުމެއް ބޭއްވި؛ އެ އަޑުއެހުމުގައި ސްޓެލްކޯއިން އިޖުރާއީ ނުކުތާއެއް ހުށަހެޅި
ސްޓެލްކޯއިން ހުށަހެޅި ނުކުތާއަކީ މައުލޫމާތަށް އެދުނު މީހާގެ ނަމުގައި މީހަކު ވުޖޫދުގައި ނުވާ ކަމަށް؛ އަދި ސަހުޝު ކަށަވަރުނުކުރެވޭ މީހަކު ހުށަހަޅާ މައްސަލައެއް ބަލައިގަތުމުގެ ގާނޫނީ އަސާސެއް ނެތް ކަމަށް
11 ސެޕްޓެމްބަރު 2024ގައި އައިކޮމުން ނިންމީ ސްޓެލްކޯގެ ނުކުތާއަކީ މައްސަލަ ކުރިއަށް ގެންދަން އޮތް ހުރަހެއް ކަމަށް ނުބެލެވޭ ކަމަށް
ތަފްސީލް - އައިކޮމްގެ ނިންމުން ސްޓެލްކޯއިން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އިޖުރާއީ ނުކުތާއަކާ ގުޅޭ ނިންމުމެއް އަދި އިޖުރާއަތެއް ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ހައި ކޯޓަށް ނުބެލޭނެ ކަމަށް އައިކޮމުން ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެ މައްސަލަ ބެލޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމަކީ ހައި ކޯޓުގެ ނިންމުން އައިކޮމުން އިސްތިއުނާފްކުރުމުން ހުކުމްކުރުމަށް ބޭއްވި އަޑުއެހުމެކެވެ.
ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުން މައްސަލަ ބެލުމަށް ނިންމީ ރަނގަޅަށް ކަމަށެވެ. އެ ގޮތަށް ހުކުމްކުރީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:
ހުސައިން ޝަހީދު (ރިޔާސަތު)
ޑރ. މުހައްމަދު އިބްރާހީމް
އަބްދުﷲ ހަމީދު
އައިކޮމްގެ އިޖުރާއީ ނިންމުންތައް އިސްތިއުނާފްނުކުރެވޭނެ ކަމަށް ބުނާ ނުކުތާއާއި ދެން ހުރި ކަންކަމަކީ ހައި ކޯޓުން މުޅި މައްސަލާގައި ގޮތެއް ނިންމުމުން ސާފުވާނެ ކަންކަން ކަމަށް ވެސް ހުކުމްކުރި އެވެ. އެހެންވެ ސުޕްރީމް ކޯޓުން ނިންމީ އެ ނުކުތާތަކަށް ކޯޓުން މި ވަގުތަށް ގޮތެއް ނުނިންމައި، ހައި ކޯޓުން މައްސަލަ ނިންމުމަށް ދޫކޮށްލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ