ބަންކަރިން ޚިދުމަތުން މިހާތަނަށް ބިލިޔަނަކާއި ގާތްކުރާ އަދަދަކަށް އާމްދަނީ ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. 2024 ވަނަ އަހަރު ސެޕްޓެންބަރު މަހު ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިދިޔަ މަހުގެ ނިޔަލަށް ބަންކަރިންއިން ރާއްޖެއަށް 923 މިލިޔަން ރުފިޔާ ލިބިފައިވާކަމަށެވެ.
"30 އެޕްރީލް 2026 އާއި ހަމައަށް ލިބުނު އާމްދަނީއަށް ބަލާއިރު 923.46 މިލިޔަން ރުފިޔާ ލިބުނު ކަމަށް އެސްޓީއޯއިން މައުލޫމާތުދެނީ. ގާތްގަނޑަކަށް 1 ބިލިޔަން ރުފިޔާއާއި ހަމައަށް އާމްދަނީ އެ އަރަނީ. ފެށުނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު. 2 އަހަރުގެ ތެރޭގައި އަދި ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް 1 ބިލިޔަންއާއި ހަމައަށް އާމްދަނީ އިތުރުވެގެން އައީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ ތެލުގެ %90 ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ތެޔޮކަމަށެވެ. ބަންކަރިން ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލްއިނެވެ.
ބަންކަރިންގެ ޚިދުމަތާއިއެކު އެސްޓީއޯގެ އާމްދަނީވެސް ދަނީ އިތުރުވަމުންނެވެ. އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ދައްކާގޮތުން، ފުރަތަމަ ކުއާޓަރގައި 5.49 ބިލިޔަން ރުފިޔާ އާމްދަނީއެއް ލިބިފައިވެއެވެ. އާމްދަނީ އިތުރުވި އެންމެ ބޮޑު ސަބަބަކީ ކުންފުނީގެ ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމުގެ ސަބަބުން ތެލުގެ ވިޔަފާރިއަށް ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު 27 އިންސައްތަ ކުރިއެރުން ލިބިފައިވެއެވެ.
އެސްޓީއޯއިން ފާހަގަކުރާ ގޮތުގައި ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ބަންކަރިން ޚިދުމަތުން ލިބުނު ކުރިއެރުމެވެ. ފުރަތަމަ ކުއާޓަރުގައި ބަންކަރިންގެ ތެރެއިން ވިއްކި ތެލުގެ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު 18 މިލިޔަން ލީޓަރު އިތުރުވެފައިވާ ކަމަށެވެ.
ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މިޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އާމާޒެކެވެ.
ބަންކަރިންގެ އާމްދަނީ ބިލިޔަނަކާ ގާތް: ވަޒީރު ސަޢީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ