ޑޮލަރު މުއާމަލާތުގެ ތަފާސް ހިސާބުން ފެންނަނީ ވިޔަފާރި އިތުރުވާތަން: ސައީދު

ޑޮލަރުގެ މުއާމަލާތްތަކުގެ ތަފާސް ހިސާބުން ފެންނަނީ ވިޔަފާރި އިތުރުވާތަން ކަމަށް  އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް، ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާބްރީފިން ގައި ހިއްސާކުރައްވަމުން ސައީދު ވިދާޅުވީ ޓެލެގްރަފިކް ޓްރާންްސްފާ (ޓީޓީ)ގެ ގޮތުގައި ބީއެމްއެލް އިން މަހަކު ދޫކުރި ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދެ ގުނަ ވެފައިވާ ކަމަށެވެ. 
ސައީދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ޓީޓީއަށް ދޫކުރި ފައިސާގެ އަދަދު 136 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބީއެމްއެލް އިން ސަރުކާރަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ބީއެމްއެލްއާ ހަވާލާދެއްވައި އޭނާ ވިދާޅުވީ މިދިޔަ އަހަރު، މުޅި އަހަރުގެ ތެރޭގައި ޓީޓީއަށް ދޫކުރީ 175 މިލިއަން ޑޮލަރު ކަމަށެވެ. 
"މަހެއްގައި 2025 ވަނަ އަހަރު ޖެހިފައި މި އިންނަނީ، ބީއެމްއެލް އިން މައުލޫމާތު ދެއްވި ގޮތުގައި 15 މިލިއަން ޑޮލަރު، ކުދި ވިޔަފާރިތަކަށް ޓީޓީއަށް އިނގޭތޯ. މި އަހަރުގެ މިހާ ހިސާބަށް އައިއިރުގައި މަހަަކަށް އެބަ ޖެހެޔޭ 34 މިލިއަން ޑޮލަރު، އެހެންވީމާ ގާތްގަނޑަކަށް ޑަބަލް އަށް ވުރެ ވެސް ގިނަވެފައޭ މިހިރީ ޓީޓީ ހެދި ފައިސާ، ބޭރުފައިސާގެ އަދަދު،" ސައީދު ވިދާޅުވި އެވެ.
އެ މުއާމަލާތްތަކުގެ އިތުރު ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު އެކަނި ވެސް ވިޔަފާރިތަކުން 10،838 ޓީޓީ ހެދި އެވެ. ފެބުރުއަރީ މަހު 10،551 ޓީޓީ، މާޗް މަހު 10،600 ޓީޓީ އަދި އޭޕްރިލްމަހު 8،955 ޓީޓީ ވިޔަފާރިތަކުން ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ކްރެޑިޓްކާޑާއި ޑެބިޓްކާޑް ބޭނުންކޮށްގެން ކުރި ޑޮލަރުގެ މުއާމަލާތްތަކުގެ އަދަދު ވެސް މިއަހަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ކާޑުގެ މުއާމަލާތަކަށް މަހަކު 33 މިލިއަން ޑޮލަރު ޖެހުނު އިރު މި އަހަރުގެ މިހާތަނަށް މަހަކަށް 40 މިލިއަން ޑޮލަރު ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކާަޑުގެ މުއާމަލާތްތަކަށް މިދިޔަ އަހަރު 390 މިލިއަން ޑޮލަރު ދޫކުރި އިރު މިއަހަރުގެ މިހާތަނަށް 160 މިލިއަން ޑޮލަރު ޖެހުނު ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމާ ކުރިއަށް ވުރެ މުއާމަލާތްތައް އިތުރުވެފައި ނޫންތޯ މިހިރީ؟ އޭގެ މާނައަކީ ވިޔަފާރި އިތުރުވާތީއޭ އެހެން އެ ވަނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ވިޔަފާރިތަކުން ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް ޑޮލަރު ދޫކުރުމުގައި ބޭންގެ އެއް ޝަކުވާއަކީ ބައެއް ވިޔަފާރިތަކުން، ގިނަ ޑޮލަރު ހޯދަން ގިނަ އަދަދެއްގެ ޓީޓީ ހެދުމެވެ. އެކަހަލަ ކޮންމެ ޓްރެންޑެއް އުފެދޭ އިރަށް ބީއެމްއެލް އިން ވެސް އެކަމާ ގުޅޭ ގޮތުން ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް ބީއެމްއެލް އަށް ޑޮލަރު ލިބޭ ވަރަކަށް އެ މުއަމަލާތްތަކަށް ކޭޓާ ކުރެވޭނީ. އެހެންވީމާ އެ ބޭފުޅުންގެ ސިޔާސަތަށް ބައެއް ކަހަލަ ބަދަލުތައް އައުން އެކަށީގެންވޭ،" ސައީދު ވިދާވި އެވެ.
މިނިސްޓަރު ވިދާޅުވީ ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ބޭންކަށް ޑޮލަރު ލިބުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވަންޏާ އެއީ "ނެޗުރަލް ކަމެއް" ކަމަށާއި ހާލަތުގައި ޖެހޭނީ ބޭންކަށް އިތުރު ޑޮލަރު ހޯދައިދޭން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ