ޤާނޫނު ތަންފީޒު ނުކުރެވޭ މުޖުތަމަޢެއްގެ ކުރިމަގު: ބިރުވެރިކަމާއި އިޖުތިމާޢީ ބަނަވުން
ދައުލަތެއްގެ އެންމެ ވަރުގަދަ ބިންގަލަކީ "ޤާނޫނުގެ ވެރިކަން" (Rule of Law) ނެގެހެއްޓުމެވެ. ޤާނޫނާއި ޤަވާޢިދުތަކަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައި ހުންނަ ޢިބާރާތްތަކަކަށްވެ، އެ ތަންފީޒު ނުކުރެވޭ ނަމަ، އެ ޤައުމެއްގެ އަމާންކަން ގެއްލި، ނިޒާމު ފުނޑުފުނޑުވެގެން ދެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ އެންމެހައި ބާރުތައް ހިނގަންވާނީ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ނަމަވެސް، ޤާނޫނު ތަންފީޒު ނުކުރެވޭ މާޙައުލެއްގައި މި އަސާސްތައް މާނައެއް ނެތް އެއްޗަކަށް ވެގެންދެއެވެ. ކުށްވެރިންނަށް ލިބޭ ހިތްވަރާއި އަމާންކަން ގެއްލުން ޤާނޫނު ތަންފީޒު ނުކުރެވުމުގެ އެންމެ ބޮޑު ނަތީޖާއަކީ ކުށްކުރާ ފަރާތްތަކަށް އޮންނަ ބިރުވެރިކަން ކެނޑިގެން ދިއުމެވެ. ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ (34/2020) ދަށުން ފުލުހުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުށްކުރުން ހުއްޓުވުމާއި މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓުމެވެ. ނަމަވެސް، ކުށްކުރާ މީހުންނަށް އަދަބު ނުލިބޭނެކަމުގެ ޔަޤީންކަން އޮންނަ ހިސާބުން، މުޖުތަމަޢުގައި ޖިނާއީ ކުށްތައް އިތުރުވެ، ސިލްސިލާ މާރާމާރީތަކާއި ވައްކަން ފަދަ ކަންކަން އާންމުވެގެންދެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަ ނަންބަރު 2014/SC-SM/15 ގައި ފާހަގަކޮށްފައިވާ ގޮތުން، ކޯޓުތަކުގެ ޙުކުމްތަކަށް ތަބާނުވުމާއި ޤާނޫނު ނެގެހެއްޓުމަށް ހުރަސްއެޅުމަކީ ޤާނޫނުގެ ވެރިކަން މުގުރާލުމެވެ. މިފަދަ ހާލަތެއްގައި ބާރުގަދަ މީހާ ނުވަތަ ނުފޫޒުގަދަ މީހާ އިސްވެ، ނިކަމެތި މީހާގެ ޙައްޤުތައް ގެއްލެއެވެ. އިޤްތިޞާދީ އަދި އިޖުތިމާޢީ އިތުބާރުގެއްލުން ޤާނޫނު ތަންފީޒު ނުކުރެވޭ ނަމަ، ވިޔަފާރީގެ މުޢާމަލާތްތަކުގައި އޮންނަ އިތުބާރު ގެއްލޭނެއެވެ. މިސާލެއްގެ ގޮތުން ބަލާ ނަމަ އެއްބަސްވުންތަކަށް ޢަމަލުނުކުރުމާއި، ދަރަނި ނުދެއްކުމުގެ މައްސަލަތައް އިތުރުވެ، އިޤްތިޞާދު ހީނަރުވެއެވެ. އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކުން (22/2010 ގެ ދަށުން) ކުރާ ޙުކުމްތައް ތަންފީޒީ އިދާރާތަކުން ތަންފީޒު ނުކުރާ ނަމަ، މުޅި ޢަދުލު އިންޞާފުގެ ނިޒާމަށް އޮންނަ އިތުބާރު ގެއްލޭނެއެވެ. އަދިވެސް އިތުރު މިސާލަކަށް ބަލައިލަމާތޯއެވެ. މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު (12/2013) ފަދަ ބޮޑެތި ކުށްތަކާ ގުޅޭ ޤާނޫނުތައް ހުރި ނަމަވެސް، އެކަންކަން ތަންފީޒު ނުކުރެވޭ ނަމަ، ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމުގެ އަބުރު ގެއްލި، އިޤްތިޞާދީ ގޮތުން ލިބޭ އެހީތެރިކަމާއި އިންވެސްޓްމަންޓްތަކަށް ހުރަސްއެޅެއެވެ. ނިޒާމުން ބޭރުން ކަންކަން ޙައްލުކުރަން އުޅުން ޤާނޫނު ތަންފީޒު ނުކުރެވޭ މުޖުތަމަޢުއެއްގައި ފެންނާނެ އެންމެ ބިރުވެރި އެއް މަންޒަރަކީ، މީހުން އަމިއްލައަށް އިންޞާފު ހޯދަން މަސައްކަތްކުރުމެވެ. އެއަށް އިނގިރޭސި ބަހުން ކިޔަނީ Vigilantismއެވެ. ރައްޔިތުންނަށް ޤާނޫނީ ނިޒާމުގެ ތެރެއިން ޙައްޤުތައް ކަށަވަރުނުވާނޭކަން އެނގޭ ހިސާބުން، މީހުން އަމިއްލައަށް ކުށްވެރީންނަށް އަދަބުދިނުމާއި، "ޖަންގަލީގެ އުޞޫލުން" ކަންކަން ނިންމަން ފަށައެވެ. މީގެ ސަބަބުން މުޖުތަމަޢުގައި ބަދަލުހިފުމުގެ ރޫޙު އާލާވެ، ދާޚިލީ ހަމަނުޖެހުންތަކަށް މަގުފަހިވެއެވެ. މިކަންކަމަކީ މިހާރު ވެސް ދުނިޔޭގެ އެކިއެކި ޤައުމުތަކުން ފެންނަންހުރި ކަންކަމަވެ. މި ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ކަންކަން ނެތެކޭ ދަންނަވާހިތެއް ނުވެއެވެ. ޚުލާޞާކޮށް ދަންނަވާ ނަމަ ޤާނޫނަކީ ހަމައެކަނި ލިޔެވިފައި އޮންނަ އެއްޗަކަށް ވުމުގެ ބަދަލުގައި، އެއީ ތަންފީޒުކުރެވޭ ދިރިހުރި އެއްޗަކަށް ވާންޖެހެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި (12/2016) އެހެނިހެން ޤާނޫނުތަކުގެ ބޭނުމަކީ ކުށްކުރާ މީހުންނަށް އަދަބުދީ، ކުށް ނުކުރާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމެވެ. ޤާނޫނު ތަންފީޒު ނުކުރެވޭ ނަމަ މުޅި ދައުލަތް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ތަހުޒީބު މުޖުތަމަޢުގެ ސިފަ ގެއްލިގެންދާނެއެވެ. އެހެންކަމުން، ކޮންމެ ފަރާތަކުންވެސް ޤާނޫނު ނެގެހެއްޓުމަކީ ޤައުމުގެ ދިރުމާ ގުޅިފައިވާ ކަމެއްކަން ދަންނަންޖެހެއެވެ. ތަންފީޒީ އިދާރާތަކުން ހަރުދަނާކަމާއެކު ޤާނޫނީ ވާޖިބުތައް އަދާކުރަން ފަސްނުޖެހި ހަމަހަމަކަމާއި އިންޞާފުގެ މަގުން ޤާނޫނު ތަންފީޒުކުރަން ޖެހޭނެއެވެ. މަޤާމާއި ފައިސާގެ ނުފޫޒުން އެއްކިބާވެ، ޙަވާލުވެފައިވާ ދީނީ އަދި ޤައުމީ ވާޖިބު އަދާކުރަންޖެހޭނެއެވެ. ކޮންމެ މީހަކީ ވެސް އެމީހަކާ ޙަވާލުވެވުނު މަސްއޫލިއްޔަތުޔަކާ މެދު ސުވާލުވެވޭނޭ މީހެއްކަން ހަނދާންކޮށް، އެމީހެއްގެ ޤާނޫނީ ޒިންމާ އަދާކުރަންޖެހޭނެއެވެ. ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުމުގެ ނުބައި އާދަ ދޫކޮށްލާ ﷲގެ މަގަށް ރުޖޫޢުވެ ޙައްޤަށް ތަބާވާށެވެ. ކޮންމެ މީހަކު ވެސް އެމީހަކާ ޙަވާލުވެފައި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާށެވެ. ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން، ޤާނޫނީ ވެރިކަން ހިންގުމުގައި ފުރިހަމައަށް ޒިންމާ އުފުލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ