އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތަކަށް އެމަގުފަހިކޮށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް، ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ދ. ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ފަރާތްތަކުން އެގޯތީގެ ބިން ހަވާލުކޮށްފިއެވެ.
މިކަން އިއުލާނުކޮށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދ. ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި 50 ހައުސިންގ ޔުނިޓް އެޅުމަށް އެ ގޯތިތަކުގެ ބިންތައް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށެވެ.
އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތަކަށް އެމަގުފަހިކޮށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 43 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭގެތެރެއިން އެއް ރަށަކީ ދ.ކުޑަހުވަދޫއެވެ.
ކުޑަހުވަދޫގައި އަމިއްލަ ފަރާތްތަކުގެ ގޯތީގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 900 އަކަފޫޓުގެ، 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މީގެތެރެއިން މިހާތަނަށް 26 ގެއެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހު މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް ސޮއިކޮށްފައިވާއިރު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މިމަސައްކަތް ހަވާލުކޮށްފައިވަނީ، ފްލެކްސްއިން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިހައުސިންގ ޔުނިޓުތަކަށް ފައިސާދެއްކުމަށް ހަމަޖެހިފައިވަނީ ގެއަށް ވަދެވޭ ހިސާބުންނެވެ. އެގޮތުން މިގޭބިސީތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ 3337 ރުފިޔާއެވެ.
ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓު ހަދާ ފަރާތްތަކުން ބިން ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ