ނަމާދުން ލިބޭ ރަޙުމަތުގެ ފިލާވަޅުތައް (1)
ނަމާދަކީ އަޅާއާ އޭނާގެ ވެރިރައްބާ ގުޅުވައިދޭ މިޢުރާޖެވެ. މި ގުޅުމަށް އެކަނި ބަލައިލިޔަސް ރަޙުމަތާއި އޯގާތެރިކަމުގެ ވާހަކަ ފުދި އިތުރުވެއެވެ. ﷲއަކީ ޚާލިޤަށް ވެފައި، އިންސާނާ ދުނިޔޭގައި އުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއް އޭނާ އުޅެން ދެއްވި ބިމުގައި ލައްވައިފައިމެ، އެއްވެސް އިތުރު ކަމެއް ބޭނުންވާ ނަމަ އެ ކަމެއް ދެންނެވުމަށް ނަމާދު ލެއްވި ކަމީ އެ އިލާހުގެ ރަޙުމަތާއި އޯގާވަންތަވެވޮޑިގަތުމުގެ ސިފަފުޅު ކޮޅުނެތްކޮޅަށް ދައްކުވައިދޭ ރަމްޒެކެވެ. އެއްވެސް އަޅަކު ﷲއަށް ދެންނެވުމުގައި އިތުރު ފަރާތެއް ނުލައި ސީދާ އެއިލާހަށް ބަސް ދެންނެވޭ ގޮތަށް ލެއްވި ކަމީ އެ ރަޙުމަތްފުޅުގެ އިންތިހާއީ މިނެތް ނެތްކަން ހާމަވާ ވަރަށް ބޮޑު ހެއްކެކެވެ. ﷲއާ އަޅަކު ބާއްވަން ބޭނުންވާ ގުޅުމުގެ ހައްދު ކަނޑައަޅާ ރޮނގު، އެ މީހަކު ދަމާނެ ހިސާބަކަށް ދަމަންވީއެވެ. އެއިލާހު އެ ރޮނގަށް ހައްދެއް ކަނޑައަޅުއްވައިފައެއް ނުވެއެވެ. ދަންނަވާ ކޮންމެ ފަހަރަކު ދެއްވަވަން ތައްޔާރެވެ. ނަމާދަކީ މާތް ﷲއާ އަޅާއާ ދެމެދު ގުޅުވައިދޭ ގުޅުން ކަމަށް ވެފައި، އެ ގުޅުމަށް އެއްވެސް ފަރާތަކުން ހުރަސް އެޅުން އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަން މުސްލިމުން ވަރަށް ރަނގަޅަށް ދަންނެވެ. ނަމާދުކުރާ މީހާގެ ކުރިމަތީ ސުތުރާއެއް ބެހެއްޓުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އޭނާ ނަމާދުކުރާ ސަރަޙައްދު ވަކިކުރުމެވެ. އެ ދެމެދަށް އިތުރު މީހަކަށް ހުރަސް އެޅުމުގެ ފުރުޞަތު ނުދިނުމެވެ. މީހަކު ގޮވާގޮވުމަކަށް އެދޭއެދުމަކަށް އިޖާބަ ނުދީ ނަމާދު ފުރިހަމަކުރުން އެއީ އޭގެ އަސްލުން އެކަން ހަމަޖެހިފައި އޮންނަ ގޮތެވެ. އެހެން ނަމަވެސް، ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ނަމާދު ކުރުކުރެއްވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އަނަސް ބިން މާލިކުގެ އަރިހުން އަލްއިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. «إنِّي لَأَدْخُلُ في الصَّلاةِ وَأَنا أُريدُ إطالَتَها، فأسمَعُ بُكاءَ الصَّبيِّ فأتَجَوَّزُ في صَلاتي؛ ممَّا أعلَمُ مِن شِدَّةِ وجدِ أُمِّه مِن بُكائِه.» (البخاري) މާނައީ: "ތިމަންކަލޭގެފާނު ނަމާދަށް ފެއްޓެވިއިރު، ނަމާދު ދިގުކުރެއްވުމަށް އިރާދަފުޅުގައި އޮތެވެ. ނަމަވެސް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުނުހިނދު، އެ ކުއްޖާގެ މަންމައަށް އެ ކަމުން ލިބޭނެ ހިތްދަތިކަން އިޙުސާސްކުރެވޭތީ، ތިމަންކަލޭގެފާނު ނަމާދު ކުރުކުރެއްވީމެވެ." ނަބީކަލޭގެފާނު ވެރިރައްބަށް ދަންނަވަން ހުންނެވި މުނާޖާ ވެސް ކުރުކުރެއްވީ ކުއްޖާގެ ރުއިމުގެ ސަބަބުން މަންމައަށް ކޮށްފާނެ އަސަރާމެދު ވިސްނަވައިފައެވެ. އެއީ ރަޙުމަތާއި އޯގާވެރިކަމާއި ކުލުނުވެރިކަމުގެ ކިހާ މަތީ ދަރަޖައެއް ނޫންތޯއެވެ. މާތް ﷲއާ އަޅާ އެންމެ ގާތްވެ ކުއްތަން ވެވޭ ވަގުތަކީ ސަޖިދައިގެ ވަގުތެވެ. އެއީ ނަމާދު އެ ރުކުނަކައި ނުލާ ފުރިހަމަ ނުވާ މަތިވެރި އެއް ރުކުނެވެ. ސަޖިދައިގައި އޮންނަ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭ އޭގެ ޒާތުގައި ބިމައްދަމާ ބާރުގެ (ގްރެވިޓީގެ) އެހީގައި ސިކުނޑީއާ ހަމައަށް އޮހިގެންދަނީ އޭނާގެ ބުއްދިއާއި ވިސްނުމަށް ފޯރާފައި ހުރި ނުތަނަވަސްކަން އިންތިހާއަށް ފިލުވައި ދެމުންނެވެ. މިއީ އިންސާނާގެ ސިކުނޑީގައި ހުރި ޖިސްމާނީ ސެލްތައް މަރާމާތުކޮށްދީ އިތުރަށް ބޭނުންވާ ސެލްތައް އުފައްދައިދިނުމަށް ބާރުއަޅާ ކަމެކެވެ. އޭގެ ސަބަބުން ނަފުސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ހިތްހަމަޖެހުން ގެނުވާ ފަރުވާއަކަށް އެކަން ވެގެންދެއެވެ. މިއީ ނަމާދުގައި މި ކުރާ ސަޖިދައިގައި މާތް ﷲގެ ރަޙުމަތުން ލައްވައިފައި އޮތް ޖިސްމާނީ އަދި ނަފުސާނީ ފަރުވާއެކެވެ. ޙާލިޤުވަންތަ ﷲއަކީ އިންސާނާގެ ހާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. މުޅި ނަމާދުގައި ޖުމުލަ ގޮތެއްގައި ލައްވައިފައި އޮތް ރަޙުމަތާއި އޯގާވަންތަ ކަމުގެ އެއް މިސާލަކީ، އިންސާނާގެ ހަވާނަފުސު ގޮވާ ފާޙިޝް ޢަމަލުތަކާއި، މުޖްތަމަޢަށް ގެންލުންދޭ މުންކަރާތްތަކުން އޭނާ ސަލާމަތްކޮށްދީ ރައްކާތެރި ކޮށްދީ ދުރުކޮށްދޭދިނުމެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ﴾ (العنكبوت: ٤) މާނައީ: "ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ." އަމާން ވެށްޓެއް ޤާއިމުވުމަކީ އިންސާނިއްޔަތަށް މިއަދު އެންމެ ބޮޑަށް ބޭނުން ޖެހިފައި އޮތް ކަންތަކެވެ. އެއީ އެކަކު އަނެކަކަށް އޯގާވަންތަ ރަޙުމަތްތެރި އިންސާނަކު އުފެއްދުމެވެ. އަނިޔާއާއި ދުރު ގަނާކުރުމާއި ހަނގާކުރުމުގެ ޝިކާރައަކަށް އެހެން މީހުން ނުހަދާ އިންސާނެކެވެ. އެ އިންސާނާ އުފެއްދުމަށް އިސްލާމްދީން ދެއްވި ހަދިޔާއަކީ ނަމާދެވެ. ޖަމާޢަތުގެ ނަމާދަކީ ވެސް މުސްލިމުންގެ މެދުގައި ރަޙުމަތް ފެތުރުމަށް ބާރުއަޅާ އެއްޗެކެވެ. ރައީސެއް އަމީރެއް ވަޒީރެއް ފަޤީރެއް ތަފާތު ނުވާނޭހެން ގަޔާގައި، ފަޔާފައި، ކޮނޑާކޮނޑު ޖައްސައިގެން ތިބެ އެންމެން ވެސް ކިޔަމަންތެރި ވަނީ އެއްފަރާތަކަށް ކަން ކޮންމެ ދުވަހަކު ފަސް ފަހަރު ހަނދާންކޮށްދޭ ވަރަށް ޢިބުރަތްތެރި ފިލާވަޅެކެވެ. ކުރާ މަސައްކަތާ އުފުލާ ޒިންމާގައި ތަފާތު ވިޔަސް، އިންސާނުންގެ ޙައިޘިއްޔާތުން އެންމެން ހަމަހަމަކަމާއި ޚާއްޞަކޮށް މުސްލިމެއްގެ ޙައިޘިއްޔަތުން އެންމެންނަކީ އެއްވަރެއްގެ އިޙުތިރާމަކާއި ޤަދަރެއް ލިބިގެންވާ ބައެއްކަން ކިޔައިދޭ ފުރިހަމަ ދަރެހެކެވެ. އެކި ދިމަދިމާލަށް އެކި ކޮޅުކޮޅުމައްޗަށް މީހުން ހިނގާބިނގާވެ، ދަތުރު ފަތުރުކޮށް ދުނިޔޭގެ ބިންމަތީ ފެތުރިގެން ގޮސް ފެންނަފެނުމަށް ތަފާތު ގިންތިތަކުގެ މަސައްކަތާއި ތަފާތު ފަންތިތަކުގެ ދިރިއުޅުމުގައި އުޅެފައިމެ ކޮންމެ ދުވަހަކު ވެސް އެންމެން އެއްދިމާލަކަށް ކުރިމަތިލާލުމަކީ، ކިބުރުވެރިކަން ހިތްތަކުން ފިލައިގޮސް ރަޙުމަތާއި އޯގާވެރިކަން އެ ހިތްތަކަށް ވެއްދުމަށް ﷲ ހުޅުވައިދެއްވައިފައި އޮތް ތަނަވަސް ދޮރޯއްޓެކެވެ. އެއް ޤިބުލައަކަށް މުސްލިމުން ކުރިމަތި ކުރުވާކުރުވުމަކީ އެބައިމީހުންގެ އަމާޒަކީ އެކައްޗެއްކަން ހަނދާންކޮށްދޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ