ރުފިޔާ ކާޑަށް ދުވާލަކު 1.33 މިލިއަން ޑޮލަރު އެބަވިއްކަން, ޑޮލަރު އާމްދަނީ އިތުރުވުމުން ލިމިޓަށް ބަދަލު ގެންނާނަން: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރުފިޔާ ކާޑްތަކަށް މިހާރު ވެސް ދުވާލެއްގެ މައްޗަށް 1.33 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށާއި އެ ބޭންކަށް ލިބޭ ޑޮލަރުގެ އާމްދަނީ އިތުރުވުމުން އެ ކާޑުތަކުގެ ލިމިޓަށް އިތުރު ބަދަލުތައް ގެންނާނެ ކަމަށް ބޭންކުން ބުނެފިއެވެ. ބީއެމްއެލްއިން ރުފިޔާ ކާޑަށް ދެމުންގެންދާ ޑޮލަރު ލިމިޓް މި ފަހުން ވަރަށް ބޮޑަށް ކުޑަކޮށްފައިވާތީ އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން، ސަބްސްކްރިޕްޝަންތަކަށާއި އޮންލައިން ވިޔަފާރިތަކަށް ބީއެމްއެލްގެ ރުފިޔާ ކާޑު ގިނަ ފަހަރަށް ބޭނުން ނުކުރެވޭކަމުގެ ޝަކުވާ ބޮޑެވެ. މި ކަމާ ގުޅިގެން ކަންވާގޮތް ސާފު ކޮށްދެއްވަމުން ބީއެމްއެލްގެ ތަރުޖަމާން މުޙައްމަދު ސައީދު ވިދާޅުވީ, މިފަދަ ބަދަލެއް ގެންނަން ޖެހުނީ މެދު އިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ ނިސްބަތުން ވަރަށް ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަން ޖެހިފައިވާތީ ކަމަށެވެ. https://www.sun.mv/221416 "ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރު ވެސް ދުވާލަކަށް 1.33 މިލިއަން ޑޮލަރު ބެންކުން ވިއްކަމުން އެބަދޭ. ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް މިވަނީ ހަރުދަނާކޮށްފައި," ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބައެއް ސައިޓްތަކުން ވިޔަފާރި ކުރުމަށް ބޭންކުން ދުވާލަކަށް ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން މިހާރު ދަނީ ވިއްކަމުން ކަމަށެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ރާއްޖެއިން އެ ވެބްސައިޓްތަކުން ވިޔަފާރިއެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެހެނިހެން ސައިޓްތަކުން ޚިދުމަތް ހޯދުމަށް ބުރުލެއް ނާރާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމަކު، އެ ވެބްސައިޓްތަކުގެ ތަފުސީލެއް އަދި ނުދެއްވައެވެ. ސައީދު ވިދާޅުވީ، ލިމިޓް ހަމަވިކަން މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ކަސްޓަމަރަށް އަންގަމުންދާ ކަމަށެވެ. ރުފިޔާ ކާޑުތަކަށް މި ބަދަލު ގެނައި ނަމަވެސް ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާ ނުލައި މުއާމަލާތްތަކަށް ބޭނުންކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://www.sun.mv/221591 އޭނާ އިތުރަށް ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ޚާއްސަކޮށްގެންދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި، ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން ތިން މަސް ދުވަހުގެ މުހުލަތެއް ދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. "މި މުހުލަތުގައި ބެލެނިވެރިންގެ ކާޑު ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސޭނެ," ސައީދު ވިދާޅުވިއެވެ. ކަސްޓަމަރުން މިފަދަ އީކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ މި ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމަށްވީ ނަމަވެސް މި ވަގުތު ބޭރު ފައިސާގެ އާމްދަނީލިބޭ މިންވަރާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ވިއްކަންޖެހޭ މިންވަރަށް ބަލައި، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގުތިސާދުކުރުމަށް މި ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވީ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި، ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ލިމިޓަށް ބަދަލުތައް އެ ބޭންކުން ގެންނަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ