ނަޝީދުގެ އަރިސް ވައްޑެއަށް ފައްޔާޒް: އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ދައުރެއް އަދާކުރި އެކަކީ ވައްޑޭ

އެމްޑީޕީ ބަލިކަށިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހޫނު ރައްދެއް މިއަދު ދެއްވައިފިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 2028 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާފައެވެ. އަދި، ފައްޔާޒް އަންނަނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު ގެންނަން މަސައްކަތްކުރައްވަމުންނެވެ. ވައްޑޭއަކީ އެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި، ނަޝީދާ ވަރަށް އަރިސްކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ވައްޑޭ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ކޯލިޝަނަށް މާ ބޮޑު ހިއްސާއެއް ދިން ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީ ބަލިކަށިކުރީ ކާކުތޯ ސުވާލު އުފައްދަވާފައެވެ. އެކަމަކު، ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކުރައްވާފައެވެ. ފައްޔާޒް ހޫނު ރައްދެއް ދެއްވީ އެ ޕޯސްޓާ ގުޅިގެންނެވެ. ފައްޔާޒް ކުރެއްވި ޕޯސްޓް ޑިލީޓެއް ނުކުރައްވައެވެ. ވައްޑޭ އެކްސްގައި ކުރެއްވި ޕޯސްޓް: ވައްޑޭ ޕޯސްޓް ޑިލީޓްކޮށްލެއްވި ނަމަވެސް ފައްޔާޒްގެ ރައްދު އެބައިން -- "އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ރޯލެއް އަދާކުރި އެއް ފަރުދެއް ވައްޑެ ތިއީ،" ދިވެހިބަހުން ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ. އެއަށް ފަހު ވަކިން ފައްޔާޒް އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ، ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށެވެ. އެއީ، އެ ޕާޓީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވުމަށް ފަހު ވެސް ފައްޔާޒް ވިދާޅުވި ވާހަކައެވެ. "އެހެނަސް އެވީ ތަދުގެ ރިހުން އެބަހުރި. ހަނދާން އެބަހުރި. ބޭނުމީ ކުރިއަށް ދެވޭނެ ގޮތެއް. ގައުމު އަނބުރާ ހޯދުން. އެކަން ކުރެވެން އަންނަނީ…،" އެ ހިސާބުން އޭނާގެ ޕޯސްޓު ނިންމަވާލެއްވީ "ބޮޑު ބަދަލު" އަދި ނަޝީދަށް ވޯޓުދެއްވަން އެދިވަޑައިގެންފައެވެ. https://x.com/faya_i/status/2052233438556508577 ނަޝީދާ އެކު ވަރަށް އަރިސްކޮށް މަސައްކަތްކުރައްވާ ވައްޑެއަށް ފައްޔާޒް ފާޅުގައި ފާޑުވިދާޅުވިއިރު، މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބުވި އެންމެ ބޮޑު ސަބަބެއް ކަމަށް އެ ޕާޓީން ގަބޫލުކުރަނީ ޕާޓީ ބައިބައިވުމެވެ. ނަޝީދާއި އެ މަނިކުފާނުގެ އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅުން ޑިމޮކްރެޓްސް އުފެއްދެވުމަށް ފަހު، މަސައްކަތްކުރެއްވީ އެމްޑީޕީއާ ދެކޮޅަށެވެ. ވައްޑޭ ވެސް އެމްޑީޕީން ވަކިވެ، މަޖިލީސް މެންބަރުކަމުގެ ފަހު ބައި ހޭދަކުރެއްވީ ޑިމޮކްރެޓްސްގައެވެ. އެ ބޭފުޅުން ޑިމޮކްރެޓްސް ދޫކޮށްލެއްވުމަށް ފަހު، އެނބުރި އެމްޑީޕީއަށް ސޮއިކުރަން ނިންމީ މިދިޔަ އަހަރެވެ. އޭގެ ފަހުން ނަޝީދާއި ފައްޔާޒް މަސައްކަތްކުރައްވަމުން އަންނަނީ އެކުގައެވެ. ވައްޑޭ ވެސް މަސައްކަތްކުރައްވަނީ އެ ފެކްޝަންގައި ނަޝީދުގެ ކެމްޕޭންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ