ބޭރު ފައިސާ ފޯރުކޮށްދޭން ގެންގުޅޭ ނިޒާމު ބީއެމްއެލްއިން އިތުރަށް ހަރުދަނާކޮށްފި

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ގެންގުޅޭ ނިޒާމު އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން މިހެން ވިދާޅުވެފައިވަނީ އެ ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް މިފަހުން ގެނައި ބަދަލުތަކާ ގުޅޭ ގޮތުން އާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.
ބީއެމްއެލްއިން ވިދާޅުވީ، ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރުމަށް ބަދަލު ގެންނަން ޖެހުނީ މެދު އިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކް އޮފް މޯލްޑިވްސްއަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ ނިސްބަތުން ވަރަށް ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަން ޖެހިފައިވާތީކަމަށެވެ.
ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރުވެސް ދުވާލަކަށް 1.33 މިލިޔަން ޑޮލަރު ބެންކުން ވިއްކަމުން ގޮސްފައިވާއިރު ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބީއެމްއެލްއިން ވިދާޅުވީ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން ވިޔަފާރި ކުރުމަށް ބޭންކުން ދުވާލަކަށް ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން ވިއްކަމުންދާކަމަށެވެ. އެބަޖެޓް ހަމަވުމުން އެ ދުވަހަކު ރާއްޖެއިން އެ ވެބްސައިޓްތަކުން (ބައެއް ރީޓެއިލް ސައިޓް ތަކުން) ވިޔަފާރި ނުކުރެވޭނެކަމަށެވެ. އެހެނިހެން ސައިޓްތަކުން ޚިދުމަތް ހޯދުމަށް ބުރޫނާރާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މިކަން ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ކަސްޓަމަރަށް މިހާރު ދަނީ އަންގަމުންނެވެ. ނަމަވެސް ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާއި ނުލައި މުއާމަލާތް ކުރެވޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް ވިދާޅުވެއެވެ. އަދި ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން 3 މަސްދުވަހުގެ މުހުލަތެއް ދީފައިވާނެކަމަށާއި، މި މުހުލަތުގައި ބެލެނިވެރިންގެ ކާޑު ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސޭނެކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.
ކަސްޓަމަރުން މިފަދަ އީކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ އެ ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމަށްވީ ނަމަވެސް މި ވަގުތު ބޭރު ފައިސާގެ އާމްދަނީ ލިބޭ މިންވަރާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ވިއްކަންޖެހޭ މިންވަރަށް ބަލައި، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް މި ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ލިމިޓަށް ބަދަލުތައް ގެންނަމުންދާނެކަމަށްވެސް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ