ސްޕޭސްއެކްސް ހިއްސާގެ ބާޒާރަށް ނެރުމާއެކު، މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

މިހާރު ހިއްސާގެ ބާޒާރަށް ނެރެފައިވާ އީލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ އައިޕީއޯ އާއެކު، އެމެރިކާގެ މާކެޓުގައި އެ ކުންފުނީގެ އަގު ދެ ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައި، މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ އެވެ.
ހުކުރު ދުވަހު މާކެޓް ހުޅުވުނުއިރު ސްޕޭސްއެކްސްގެ ހިއްސާއެއްގެ އަގު ހުރީ 150 ޑޮލަރުގައެވެ. މިއީ އައިޕީއޯގެ ކުރީގެ އަގު ކަމަށްވާ 135 ޑޮލަރަށްވުރެ 11 ޕަސެންޓުގެ ކުރިއެރުމެކެވެ. މިއާއެކު ކުންފުނީގެ ޖުމްލަ އަގު 1.96 ޓްރިލިއަން ޑޮލަރަށް އަރައި، އެމެރިކާގެ 6 ވަނައަށް އެންމެ ބޮޑު ކުންފުންޏަށް ވުމުގެ މަގުމަތީގައި ސްޕޭސްއެކްސް ވަނީ ފައިތިލަ ސާބިތުކޮށްފައެވެ. އަދި ވިޔަފާރި ބަންދުވިއިރު، ހިއްސާގެ އަގު 18 ޕަސެންޓު މައްޗަށް ގޮސް، ހިއްސާއެއްގެ އަގު ވަނީ 159 ޑޮލަރަށް އަރާފަ އެވެ.
ސްޕޭސްއެކްސްގެ މި ކާމިޔާބީގެ އިތުރުން، އެމެރިކާ އާއި އިރާނާ ދެމެދު އެކުލަވައިލެވޭ ވަގުތީ ސުލްހައިގެ އެއްބަސްވުމެއްގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ހުޅުވިދާނެ ކަމުގެ އުންމީދުގައި މުޅި މާކެޓަށް ވަނީ ހެޔޮ ބަދަލެއް އައިސްފަ އެވެ. މިގޮތުން މި ހަފުތާގެ ވިޔަފާރި ނިމުނުއިރު ޑައު ޖޯންސް 0.6 ޕަސެންޓު، ނޭސްޑެކް 0.2 ޕަސެންޓު އަދި އެސް އެންޑް ޕީ 500 ވަނީ 0.35 ޕަސެންޓު މައްޗަށް ގޮސްފައެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޕޭސްއެކްސް އިން 75 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާފައިވާއިރު، އެއާއެކު ކުންފުނީގެ އަގު ވަގުތުން 1.77 ޓްރިލިއަން ޑޮލަރަށް އެރިއެވެ. އަދި މި އައިޕީއޯއަށް އުންމީދު ކުރި ވަރަށްވުރެ 4 ގުނަ އިތުރަށް މީހުން ވަނީ ހިއްސާ ގަންނަން ހުށަހަޅާފަ އެވެ.
ބްލޫމްބާގް ނިއުސްއިން ބުނާގޮތުގައި، ބޮޑެތި އިންވެސްޓަރުންގެ ތެރެއިން 70 ޕަސެންޓު ހިއްސާ ގަނެފައިވަނީ ދުރު މުސްތަގުބަލުގައި ފައިދާވާނެ ކަމަށް ބަލައިގެން އިންވެސްޓްކުރާ ފަރާތްތަކުންނާއި، ސައުދީ އަރަބިއްޔާ އަދި ކުވައިތުގެ ސަވަރިން ވެލްތު ފަންޑުތަކުންނެވެ.
މާކެޓުގައި ގަންނަން ބޭނުންވާ މީހުންނާއި ވިއްކަން ބޭނުންވާ މީހުންގެ އޯޑަރުތައް އެއްވަރުވަންދެން ސްޕޭސްއެކްސްގެ ހިއްސާގެ ވިޔަފާރި ފެށުން މެދުދުވާލަށް ލަސްކުރެވުނެވެ. މާހިރުން ލަފާކުރި ގޮތުގައި މިއީ މެޓާ (ފޭސްބުކް) އިން 2012 ގައި ކުރިމަތިލާންޖެހުނު ފަދަ ޓެކްނިކަލް މައްސަލަތަކުން ސަލާމަތްވުމަށް ކުރި ކަމެކެވެ. މީގެއިތުރުން، ކުރިއަށް އޮތް އެންތޮރޮޕިކް އާއި އޯޕަންއޭއައި ފަދަ އޭއައި ކުންފުނިތަކުގެ އައިޕީއޯ ތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރިވަރު ބެލުމަށްވެސް މި ބާޒާރުގެ ހަރަކާތްތަކަށް ގިނަ ބަޔަކު ފާރަވެރިވި އެވެ.
މި ތާރީހީ ހިއްސާގެ ބާޒާރާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެފައިވާއިރު، ސްޕޭސްއެކްސް އަކީ މިދިޔަ އަހަރު 5 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނު ކުންފުންޏެކެވެ. އެހެންނަމަވެސް، މިހާރު މިލިބުނު ބޮޑު ކުރިއެރުމުގެ އަސްލަކީ ކުންފުނީގެ އާމްދަނީގެ 80 ޕަސެންޓު ހިއްސާކުރާ ސްޓާލިންކް  ސެޓެލައިޓް އިންޓަނެޓް ވިޔަފާރިއަށް އައިސްފައިވާ ބޮޑު ކުރިއެރުމެވެ.
އެމެރިކާގެ މާކެޓް ހުޅުވުނު ވަގުތު ކަމަށްވާ ހެނދުނު 9:30 ގައި، ނިއުޔޯކްގެ ނޭސްޑެކް މާކެޓްސައިޓްގެ ރަނގަބީލު ޖައްސަވައިދެއްވީ ސްޕޭސްއެކްސްގެ ރައީސް ގްވިން ޝޮޓްވެލް އާއި ޗީފް ފައިނޭންޝަލް އޮފިސަރު ބްރެޓް ޖޯންސަންއެވެ. ނަމަވެސް، ބުރާސްފަތި ދުވަހު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ މުޒާހަރާކޮށްފައިވެ އެވެ. މިއީ ސްޕޭސްއެކްސްގެ ދަށުން ހިންގާ އެކްސްއޭއައި ކުންފުނީގެ ގްރޮކް އޭއައި ބޭނުންކޮށްގެން، އަންހެނުންގެ ހުއްދަނެތި ބަދުއަހުލާގީ ފޭކު ތަސްވީރުތައް ހަދަން ފުރުސަތު ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ކުރި މުޒާހަރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ