ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން ބާއްވާ އިންތިހާބު ފަށައިފި

ދ. މީދޫ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބު މިއަދު ހެނދުނު 8:00 ޖެހިއިރު ފަށައިފި އެވެ. 
އެ އިންތިހާބުގައި ވާދަ ކުރަނީ  މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު އާއި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު ސުހާ އިބްރާހީމް އެވެ. 
މީދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މީހަކު ހޮވަން އަލުން ވޯޓުލާން ޖެހުނީ ދެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވުމުންނެވެ. ސުހާ އާއި ޝާހިދަށް ވެސް ލިބުނީ 392 ވޯޓެވެ. 
މިއަދުގެ އިންތިހާބުގައި 1049 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އިންތިހާބުގައި ބަހައްޓަނީ ދެ ފޮށްޓެވެ. އެއީ މީދޫ އާއި މާލޭގައި ބަހައްޓާ ދެ ފޮށްޓެވެ. 
އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެވެ. އެ ޕާޓީ އިން ވަނީ 238 ގޮނޑި ހޯދައިފަ އެވެ. ވެރިކަން ކުރާ ޕީއެންސީއަށް ލިބުނީ 216 ގޮނޑި އެވެ. 
ދިވެހިރާއްޖޭގެ ފަސް ސިޓީގެ މެޖޯރިޓީ އާއި ސިޓީތަކުގެ މޭޔަރުގެ މަގާމަށް ވެސް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ